ads
ފިނޭންސް މިނިސްޓްރީ--
ގްރީން ފަންޑުން 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި
އަހަރުގެ ފުރަތަމަ ފަސް މަސް ނިމުނު އިރު ގްރީން ފަންޑުން 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފި އެވެ.

ފިނޭންސް އިން އާންމު ކޮށްފައިވާ 2020 ވަނަ އަހަރުގެ މޭ މަހުގެ ގްރީން ފަންޑު ރިޕޯޓް ދައްކާ ގޮތުން، މޭ މަހުގެ ނިޔަލަށް ސަރުކާރުން ވަނީ ގްރީން ފަންޑުން 106.9 މިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ. 

މި އަހަރުގެ ޖެނުއަރީ މަހު އެ ފަންޑުން ސަރުކާރުން ހަރަދު ކުރީ 584,873 ރުފިޔާ އެވެ. ފެބްރުއަރީ މަހު ހަރަދުކުރީ 25.7 މިލިއަން ރުފިޔާ އެވެ. އަދި މާޗް މަހު ސަރުކާރުން ވަނީ ގްރީން ފަންޑުން 47.7 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. 

އޭޕްރިލް މަހު ގްރީން ފަންޑުން 7.9 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، މޭ މަހު ހަރަދުކޮށްފައި ވަނީ 25 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ޖެނުއަރީ މަހު ގްރީން ޓެކުހުގެ ގޮތުގައި 84.9 މިލިއަން ރުފިޔާ ލިބިފައި ވާއިރު، ފެބްރުއަރީ މަހު ލިބިފައި ވަނީ 77 މިލިއަން ރުފިޔާ އެވެ. އަދި މާޗް މަހު ގްރީން ޓެކުހުގެ ގޮތުގައި 74 މިލިއަން ރުފިޔާ ލިބިފައި ވާއިރު، އޭޕްރިލް މަހު ގްރީން ޓެކްސް ގެ ގޮތިގައި ދައުލަތަށް ލިބިފައި ވަނީ 35.8 މިލިއަން ރުފިޔާ އެވެ. 

މޭ މަހު ސަރުކާރަށް ގްރީން ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ 7.96 މިލިއަން ރުފިޔާ އެވެ. 

ފާއިތުވި އަހަރު ނިމުނު އިރު ގްރީން ފަންޑު ގައި 782.6 މިލިއަން ރުފިޔާ ހުރިކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކަ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކުގައި ވާގޮތުން މި އަހަރުގެ މޭ މަހުގެ ނިޔަކަލަށް ގްރީން ފަންޑުގައި ހުރީ 955 މިލިއަން ރުފިޔާ އެވެ. 

ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން ނަގަން ފަށާފައިވާ ގްރީން ޓެކްސް ނަގަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުންނެވެ. ރިސޯޓްތަކާއި ސަފާރީތައް އަދި ހޮޓާ ތަކަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ހަ ޑޮލަރެވެ. އަދި ގެސްޓްހައުސް ތަކުގައި ޗުއްޓީ ހޭދަޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ތިން ޑޮލަރެވެ.  

ކޮވިޑް-19 އާއި އެކު ރާއްޖޭގެ ބޯޑަރު ބަންދުކޮށް ރާއްޖެ އަށް ފަތުރުވެރިން އައުން ވަގުތީ ގޮތުން މެދުކެނޑުމުން ގްރީން ޓެކުހުން ދައުލަތުން ލިބުނު އާމްދަނީ ވަނީ ބޮޑުތަނުން ދަށްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް