ads
ޑރ. ޖަމީލް--
އިންޑިއާ އިން ނެގި ލޯނުތަކާއެކު ޖަމީލްގެ ގިނަ ސުވާލުތަކެއް ސަރުކާރަށް!
މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލަދޭ ބްރިޖްގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް އިންޑިއާ ސަރުކާރުން 400 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއަށް ދޭން ނިންމި ނިންމުމާއެކު ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލް އަހުމަދު، ގިނަ ސުވާލުތަކެއް އުފައްދަވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާ އިން ވަނީ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް 500 މިލިއަން ޑޮލަރުގެ ޕެކޭޖެއް ރާއްޖެއަށް ދޭން ނިންމާފަ އެވެ. އެއީ 400 މިލިއަން ޑޮލަރުގެ ލޯނާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެކެވެ. އެ ލޯނަކީ 1.7 ޕަސެންޓްގެ އިންޓަރެސްޓާއެކު ފަސް އަހަރުގެ ގްރޮސް ޕީރިއަޑެއް ހިމެނޭ ގޮތަށް 20 އަހަރުން އަހަރުން އަނބުރާ ދައްކަންޖެހޭ ލޯނެކެވެ. 

އޭގެ އިތުރުން ވެސް ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު ދޭން ވަނީ ނިންމާފަ އެވެ. 

ސިނަމާލޭ ބްރިޖުގެ މަޝްރޫއު ހިންގުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ އިން ނެގި ލޯނާއި ގުޅިގެން މި ސަރުކާރުގައި ހިމެނޭ އިސް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ މިދަނޑިވަޅުގައި އިންޑިއާ އިން އެ ލޯނު ނެގިއިރު އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމުގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. 

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ޖަމީލް އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރުން ނަގާ ލޯނުތައް ދެއްކޭނެ މިންވަރުގެ އާމްދަނީއެއް ސަރުކާރަށް ކުރިއަށް އޮތް ދުވަސްތަކުގައި ދެއްކިދާނެތޯ އާއި ލޯނު ނުދެއްކިއްޖެނަމަ ދެން މިފަހަރު ވިއްކާލާނީ ކޮން ރަށެއް އަދި ކޮން ހަރުމުދަލެއްތޯ ސުވާލުއުފައްދަވާފަ އެވެ. 

އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވާ ކުރެއްވި ޓްވީޓުގައި ވަނީ ދަރަނިވެރިވެ އެސެޓް ވިއްކައިގެން ވިޔަސް ކޮންމެހެން ބްރިޖް އަޅަންޖެހޭތޯ ވެސް ސުވާލު އުފައްދަވާފަ އެވެ. 

އޭގެ އިތުރުން ކޮންމެ ފަހަރަކު މުސާރަ ދިނުމަށް ލޯނު ނެގުން ނޫން ވިސްނުމެއް ނެތިތޯ އާއި އައްޑޫ ގަން އިނގިރޭސީންނަށް ދިން ގޮތަށް ރާއްޖޭގެ ރަށްތައް ބޭރުގެ ބާރުތަކަށް ދޭން ފަށަނީތޯ ވެސް ޖަމީލް ސުވާލު އުފައްދަވަ އެވެ. 

އިދިކޮޅު ކޯލިޝަނުގެ އެޑްވައިޒަރުކަން ވެސް ކުރައްވަމުން ގެންދަވާ ޖަމީލް އިތުރަށް ވިދާޅުވީ މިއީ ރައްޔިތުންގެ ވެރިކަމެއްނަމަ ފޮރުވައިގެން ކަންކަން ނިންމަނީ ކީއްވެތޯ ސުވާލު އުފައްދާފަ އެވެ. އަދި ވިދާޅުވީ ދިވެހިންނަކީ ކޮންމެ ބައެއް ވެސް އިހުލާސްތެރިކަމަށް ޝުކުރުއަދާކުރާ ބައެއް ކަމަށާއި އެހެންނަމަވެސް ކުރާ އެއްވެސް ކަމަކުން ގައުމުގެ މިނިވަންކަން ގެއްލި އަޅުވެތިވެގެން ނުވާނެ ކަމަށެވެ. 

އިންޑިއާ އިން ނެގި ގިނަ ލޯނުތަކާއެކު ޖަމީލް ގިނަ ސުވާލުތަކެއް އުފައްދަވާފައިވާއިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މީގެ ކުރިން ޗައިނާ އާއި އިންޑިއާގެ ލޯނުތަކާއި ގުޅިގެން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ ޗައިނާއާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެކަމަކު އެގައުމުގެ ލޯނުތަކަށް ވުރެ އިންޑިއާގެ ލޯނުތަކުގެ އިންޓަރެސްޓް ކުޑަ ކަމަށެވެ. 

އެގޮތުން އެލޯނުތައް ނަގަމުން އަންނަނީ ޗައިނާއިން ނެގި ލޯނުތަކަށްވުރެ ކުޑަ އިންޓަރެސްޓެއްގައިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ޗައިނާ އިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ނަގާފައިވާ ލޯނުތަކަކީ އިންޓަރެސްޓް ބޮޑު ލޯނުތަކެއް ކަމަށެވެ.

އޭގެ އިތުރުން ފައްޔާޒު ވިދާޅުވީ އޭރު ބްރިޖުގެ މަޝްރޫއު ހިންގުމަށް ވުރެ އަތޮޅު ތެރޭގައި ހިންގަން ޖެހޭ މާ މުހިއްމު މަޝްރޫއުތައް ހުރި ކަމަށާއި މިއަދުގެ ސަރުކާރުން ލޯނުތައް ނަގައިގެން ކުރަމުންދަނީ އެ މަސައްކަތްތައް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް