ads
މީރާ/ ފޮޓޯ:އަވަސް
ޖޫން މަހަށް ވުރެ ޖުލައި މަހު މީރާއަށް ލިބުނު އާމްދަނީ ބޮޑުތަނުން އިތުރު
މިއަހަރުގެ ޖޫން މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީއަށް ވުރެ ޖުލައި މަހު ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ އެވެ.

މީރާ އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ޖޫން މަހު އާމްދަނީގެ ގޮތުގައި މީރާއަށް ލިބިފައި ވަނީ 276.04 މިލިއަން ރުފިޔާ އެވެ. އަދި ޖުލައި މަހު ލިބިފައި ވަނީ 656.10 މިލިއަން ރުފިޔާ އެވެ. 

މިއީ 57.9 އިންސައްތަ އިތުރުވުމެކެވެ. 

ޖުލައި މަހު މީރާ އަށް ލިބުނު އާމްދަނީގެ ތެރެއިން ޑޮލަރުގެ ގޮތުގައި ލިބިފައި ވަނީ 4.75 މިލިއަން ޑޮލަރެވެ. އަދި ޖޫން މަހު ލިބިފައި ވަނީ 7.42 މިލިއަން ޑޮލަރެވެ. 

މިއަހަރުގެ ޖޫން މަހާއި އަޅާ ބަލާ އިރު، ޖުލައި މަހުގައި ލިބުނު އާމްދަނީ އިތުރުވެފައި ވީ ނަމަވެސް، ފާއިތުވި އަހަރުގެ ޖުލައި މަހާ އަޅާ ބަލާ އިރު، މިއީ 69.6 އިންސައްތަ ދަށް އަދަދެކެވެ. 

އެގޮތުން ފާއިތުވި އަހަރުގެ ޖުލައި މަހު މީރާއަށް އާމްދަނީގެ ގޮތުގައި ވަނީ 2.2 ބިލިއަން ރުފިޔާ ލިބިފަ އެވެ. 

މިއަހަރުގެ ޖުލައި މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާ ކޮށްފައި ވަނީ ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) އިން ލިބުނު ފައިސާ އެވެ. އެގޮތުން ޖީއެސްޓީ އިން ލިބުނު ފައިސާ މީރާގެ ޖުލައި މަހުގެ އާމްދަނީގެ 43.3 އިންސައްތަ ހިއްސާ ކުރާ އިރު، ޖީއެސްޓީގެ ގޮތުގައި މީރާއަށް ލިބިފައި ވަނީ 284.3 މިލިއަން ރުފިޔާ އެވެ. 

އޭގެ އިތުރުން އިންކަމް ޓެކްސް ގެ ގޮތުގައި ލިބުނު ފައިސާ މީރާގެ އާމްދަނީގެ 41.2 އިންސައްތަ ހިއްސާ ކުރާ އިރު، އިންކަމް ޓެކްސް ގެ ގޮތުގައި މީރާ އަށް ވަނީ 270.3 މިލިއަން ރުފިޔާ ލިބިފަ އެވެ. 

ރެޒިޑެންޓް ޕާމިޓްގެ ގޮތުގައި 27.5 މިލިއަން ރުފިޔާ ލިބިފައި ވާއިރު، ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 20.5 މިލިއަން ރުފިޔާ އެވެ. 

ޖުލައި މަހު މީރާ އަށް ވަނީ ވެހިކަލް ފީގެ ގޮތުގައި 11.6 މިލިއަން ރުފިޔާ ލިބިފަ އެވެ. 

މީރާ އިން ވަނީ ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން ފަތުރުވެރިން އައުން ހުއްޓުމާއެކު، ފަތުރުވެރިކަމުން ހޯދާ އާމްދަނީ ވަރަށް ބޮޑުތަނުން ދަށްވެފައި ވާކަމަށް ބުނެފަ އެވެ. އަދި ޓޫރިޒަމް ދާއިރާގައި ވިޔަފާރި ކުރަމުންދާ ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް ޓޫރިޒަމް އިން ރިސޯޓްތަކުގެ ކުލި ދެއްކުން މި އަންނަ އަހަރަށް ފަސްކުރުމުން ވެސް އާމްދަނީ އަށް އަސަރުކޮށްފައި ވާކަމަށް މީރާ އިން ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް