ads
ރައީސް ޔާމީން-- ފޮޓޯ: ސަން އޮންލައިން
މާފުށީ ޖަލުގައި ރައީސް ޔާމީން މޫދަށް އެރެން ޓްރެކެއް ހަދަނީ
ފަސް އަހަރު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މޫދަށް އެރި ފެތޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މާފުށީ ޖަލު ސަރަހައްދުގައި ޓްރެކެއް ހަދަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެކަން ހާމަކުރައްވާ ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީނަށް ފެތޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިފައި ކަމަށާއި މާފުށީ ހިއްކުމުގެ މަސައްކަތް ފެށުމާއެކު ފަތާ ސަރަހައްދުގެ އޮއިވަރު ވަރަށް ބާރު ކަމަށާއި އެހެންކަމުން އެތަނަށް ފެތުމަށްޓަކައި ރައީސް ޔާމީން ފޮނުވަން ނުކެރޭނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.

އެހެންވެ، ރައީސް ޔާމީނަށް ފެތުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މިހާރު ވަނީ މާފުށީ ޖަލު، ސަރަހައްދުގައި ޓްރެކެއް ހަދަން ނިންމާފައި ކަމަށް ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަސައްކަތް ފެށުމާއެކު ކޮވިޑް-19 އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ލޮކްޑައުންއަކަށް ދިއުމުން މުޅި މަސައްކަތް އޮތީ ހުއްޓިފައި ކަމަށެވެ. 

"އަޅުގަނޑު ދެންނެވިން ދެން މިކަމުން އަރައިގަނެވުމާއެކު ވެސް އެކަން ކޮށްދޭނެކަމަށް،"

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީން އިންނަވާ ތަނުގެ ޓީވީ މި ދޭތެރެއިން މެދުކެނޑިގެން ދިޔަ ކަމަށާއި އެގޮތަށް އެކަން ދިމާވީ ކަރަންޓުގެ މައްސަލަތަކެއްގެ ސަބަބުން ނަމަވެސް މިހާރު ޓީވީއެމްގެ ހުރިހާ ޗެނަލްތަކެއް އެތަނުން ލިބޭނެ ކަމަށެވެ. އަދި އެހެން ޗެނަލްތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވެފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރައްވަ އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީނަށް ލިބެންޖެހޭ އެއްވެސް އަސާސީ ހިދުމަތެއް އުނި ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އަދި ދެވެން އޮތް އެންމެ ފުރިހަމައަށް ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި ޖޫރިމަނާ ފައިސާ ކަމުގައިވާ ފަސް މިލިއަން ޑޮލަރު ނުވަތަ 77.1 މިލިއަން ރުފިޔާ، ހުކުމް ކުރި ދުވަހުން ފެށިގެން ހަމަސް ދުވަސް ތެރޭގައި ކޯޓަށް ދެއްކުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ.

އޭގެ އިތުރުން ވެސް އެމަނިކުފާނުގެ މައްޗަށް އުފުލާ، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ފުރަަތަމަ އަޑުއެހުމުގެ ޝަރީއަތް ވެސް މިއަދު ވަނީ ބާއްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް