ads
ސުޕްރީމް ކޯޓު--- ފޮޓޯ: ސީއެންއެމް
ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކި ބަސް ނެގޭނެ: ސްޕްރީމް ކޯޓު
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކިބަސް ނެގޭނެ ކަމަށް ސްޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ދަށުކޯޓުން ސާބިތުވެ ހައިކޯޓުން ބާތިލު ކޮށްފައިވާއިރު، އެ މައްސަލައިގައި ހައިކޯޓުން ވަނީ ސިއްރު ހެކިބަސް ނުނެގޭނެ ކަމަށް ކަނޑައަޅާފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު މިހާރު އޮތް ގޮތުން ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރު ހެކިބަސް ނުނެގޭނެ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާތީ ދައުލަތުގެ އެބައި އިސްތިއުނާފް ކުރުމުން ސްޕްރީމް ކޯޓުން މިއަދުކުރި ހުކުމްގައި ބުނީ ހައި ކޯޓުން ސިއްރުން ހެކި ބަސް ނުނެގޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ދިން މާނަކުރުމަކީ ވަރަށް ހަނި މާނަކުރުމެއް ކަމަށާއި އެ ގާނޫނުގައި ސިއްރު ހެކި ހުށަހެޅޭނެ ކަމަށާއި އެކަމުގެ އިޖުރާއަތުގެ މާއްދާތައް ވެސް އެބަ ހުރި ކަމަށެވެ. އަދި ސިއްރު ހެކި ނުނެގޭނެ ކަމަށް ބަލާނަމަ އިންސާފުން ޝަރީއަތް ކުރުމުގެ ހައްގަށް ހުރަސް އެޅި ހެކިވެރިންގެ ގާނޫނީ ހައްގުތަކަށް ހުރަސް އެޅިދާނެ ކަމަށް ވަނީ ބުނެފަ އެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާއަށް އަމަލުކުރުމުގައި ކުރިމަތިވާ ދަތިތައް ނައްތާލާއި އެމާއްދާ އެއްގޮތަކަށް މާނަކުރުމަށްޓަކައި އެ މާއްދާ އިސްލާހުކުރެވޭނެ ނުވަތަ ގާނޫނަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް،"

ހުކުމްގައި އިތުރަށް ބުނީ ރައްޔިތުންގެ މަޖިލީހުން 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަަނ ދުވަހު ފާސް ކުރި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޭގެ 39 ވަރަކަށް އަހަރުކުރިން ފާސްކޮށްފައިވާ ގާނޫނަކަށް ހަވާލާދީފައި އޮތުމަކީ ލިޔުމުގައި އޮތް ކުށެއް ކަމަށް ބަލަން ޖެހޭ ކަމަށާއި އެގޮތުން މަޖިލީހުން ޖިނާއީ އިޖުރާއަތުގެ ގާނޫނު އެކަށަހަޅި މަގުސަދު ހާސިލުނުވާނެ ގޮތަށް އެ ގާނޫނުގައި މަޖިލީހުން މާއްދާއެއް ހިމެނުމަކީ އެ ގާނޫނުން ހައްލުކުރަން ބޭނުންވާ މައްސަލަ ހައްލުވާނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން އެފަދަ ހާލަތްތަކުގައި އެހެން ގައުމުތަކުގެ ކޯޓުތަކުން ކުށްތައް ދެނެގަނެ ގާނޫނު މާނަކޮށް އެކަންކަމަށް ހައްްލު ހޯދައިދޭކަން ފާހަގަކޮށް ހުކުމްގައި ބުނީ އެކަމަށް ހައްލު ހޯދުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ އާންމު ނޫން ލަފްޒު ނުވަތަ ސާފު ނުވާ އިބާރާތުން އަސާސީ ހައްގެއް ގެއްލިދިޔަދީގެން ނުވާނެ ކަމަށެވެ.

ހައިކޯޓުގެ ނިންމުމުގައި ފާހަގަކުރި ބައިތައް ބާތިލުކުރުމަށް ނިންމާފައި ވަނީ ފަނޑިޔާރު އަލީ މަހާޒް އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫންގެ އިއްތިފާގުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް