ads
ކަސް ފާނަ މާކެޓަށް ނެރުމަށް ނީލަން ފަށައިފި
ރާއްޖޭގައި މުޅިން އަލަށް، މޫދުކޮށީގައި ބޮޑުކޮށްފައިވާ ކަސް ފާނަ މާކެޓަށް ނެރުމަށް، އާންމުކޮށް ހުޅުވާލެވިގެން ބޭއްވޭ ނީލަން ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނީ މިއީ ވޯލްޑް ބޭންކުގެ އެހީގައި ހިންގޭ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން، ރާއްޖޭގައި މެރިކަލްޗާ ތަރައްގީ ކުރުމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުގެ ފަރާތުން ކުރަމުންދާ މުހިންމު މަސައްކަތްތަކެއްގެ ތެރެއިން މަސައްކަތެއް ކަމަށެވެ. 

އެގޮތުން މިއަދު ހެނދުނު 8:00 އިން ފެށިގެން އޮގަސްޓް 19 ވަނަ ދުވަހުގެ ރޭގަނޑު 8:00 ގެ ނިޔަލަށް ނީލަން ކުރިޔަށްދާނެ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ. އަދި މި ނީލަން ކުރިއަށް ދާނީ މިކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް މެދުވެރިކޮށް ކަމަށް މިނިސްޓްރީ އިން ފާހަގަކުރެ އެވެ. 

މިނިސްޓްރީ އިން ބުނީ މި ނީލަމުގައި ބައިވެރިވުމަށް އޮގަސްޓް 11 ވަނަ ދުވަހު ހުޅުވާލި ފުރުސަތު އޮގަސްޓް 14 ވަނަ ދުވަހުގެ ރޭގަނޑު 8:00 ގައި ސުންގަނޑި ހަމަވިއިރު، ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވެފައި ވަނީ ޖުމްލަ ހަ ފަރާތަކުން ކަމަށެވެ. 

މި ނީލަން ފެށޭ އަގަކީ 400 ގްރާމުން މަތީ ކޮންމެ ފާނައަކަށް 100 ރުފިޔާގެ ނިސްބަތުން އދ. މަހިބަދޫގައި ހުރި ފާނައިގެ ޖުމްލަ އަދަދަށް ޖެހޭ މިންވަރު ކަމަށް މިނިސްޓްރީ އިން ބުނެ އެވެ. 

ފިޝަރީޒް މިނިސްޓްރީ އިން އިތުރަށް ބުނީ މިއަދު ނީލަން ކިޔޭ ފާނައަކީ އަރިއަތޮޅު ދެކުނުބުރީ ކައުންސިލާއި، އެއަތޮޅު މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެތީ ރަށު ކައުންސިލްތަކާއި، އެ މިނިސްޓްރީ ގުޅިގެން އެ ހަތަރު ރަށުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހިންގަން ފެށުނު ޕައިލެޓް ޕްރޮޖެކްޓެއްގެ ތެރެއިން، މަހިބަދޫން ހޮވާލެވުނު ޖުމްލަ ހަތް ގޭބިސީއަކުން ބޮޑުކޮށްފައިވާ ފާނަ ކަމަށެވެ. 

އެ ފަރާތްތަކަށް ޕްރޮޖެކްޓްގެ ފަރާތުން މޫދުކޮށްޓާއި، ކުދި ފާނައާއި، މަސްކާނާގެ އިތުރުން މި މަސައްކަތައް ބޭނުންވާ ތަމްރީނު ފޯރުކޮށްދިން ކަމަށް މިނިސްޓްރީ އިން ފާހަގަކުރެ އެވެ. އަދި އާލާކުރުމުގެ މަރުހަލާގައި ފަންނީ ލަފާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުގެ މެރިކަލްޗާ ޓީމުން ފޯރުކޮށްދީފައި ވާނެ ކަމަށް ވެސް މިނިސްޓްރީ އިން ބުނެ އެވެ. 

މަހިބަދޫ ގޭބިސީތަކަށް ހަވާލުކުރެވުނު 7،000 ފާނައިގެ ތެރެއިން، 400 ގްރާމަށްވުރެ ބޮޑުވެފައިވާ ފާނައިގެ ޖުމްލަ އަދަދަކީ 4،285 ކަމަށާއި އެ ފާނަތަކުގައި 400 ގްރާމުން ފެށިގެން އެއް ކިލޯއިން މަތީ ފާނަ މިއަދުގެ ނީލަމުގައި ވިއްކާލެވޭނެ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ. 

މަހިބަދޫ، އޮމަދޫ، ދަނގެތި އަދި ދިގުރަށުން ޖުމްލަ 19 ފަރާތަކުން މި ޕައިލެޓް ޕްރޮޖެކްޓްގައި ބައިވެރިވާއިރު، މިހާތަނަށް ތަކެތި ދެވިފައިވަނީ މަހިބަދޫގެ ހަތް ގޭބިސީގެ އިތުރުން އޮމަދޫއިން ހޮވާލެވުނު ހަތަރު ފަރާތަކަށް ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.  

މިނިސްޓްރީ އިން ބުނީ މިވަގުތު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން މި މަސައްކަތް ދިގުރަށާއި ދަނގެތީގައި ފެށުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް