ads
ހެލްތު މިނިސްޓަރު އެސްޓީއޯގެ އިސްވެރިންނާއި ބައްދަލުކުރެއްވުން--
އެސްޓީއޯ އާއި ހަވާލުކުރި ތަކެތީގެ ތެރެއިން ލިބުނުކަމަށް ބުނަނީ 2،000 ސާޖަން ކެޕް
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ކޮވިޑް-19 އާ ގުޅިގެން ތަކެތި ހޯދުމަށް އެޑްވާންސަށް ފައިސާ ދައްކާފައިވާ ތަކެތީގެ ތެރެއިން 2،000 ސާޖަން ކެޕް ފިޔަވާއި ދެން ހުރި ތަކެތި މިނިސްޓްރީ އަށް ލިބިފައިނުވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މިނިސްޓްރީތަކުން ކުރަމުންދާ ހަރަދުތައް އޮޑިޓްކޮށް އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލާފައިވާ ހެލްތު މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕްލަޔަންސް ރިޕޯޓް ގައިވާ ގޮތުން މިނިސްޓްރީ އޮފް ހެލްތުގެ ކޮވިޑް-19 ބަޖެޓުން ހަރަދުކޮށްގެން ހޯދާފައިވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ) ގެ ތަކެތީގެ ތެރެއިން ޖޫން 30 ގެ ނިޔަލަށް ފައިސާ ދައްކާފައިވާ ތަކެތީގެ ސްޓޮކް ބާކީގެ ހިސާބު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ބަލަހައްޓާފައި ނުވާ ކަމަށެވެ. 

އެގޮތުން އެ ތަކެއްޗަށް 19.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ފާހަގަކުރެ އެވެ. 

އެ ރިޕޯޓްގައި ވަނީ އެސްޓީއޯ މެދުވެރިކޮށް ކޮވިޑް-19 އާ ގުޅިގެން ތަކެތި ހޯދުމަށް އެޑްވާންސަށް ފައިސާ ދައްކާފައިވާ ތަކެތީގެ ހިސާބު ވެސް ބަލަހައްޓާފައި ނުވާ ކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ޕީޕީއީ ހޯދުމަށް 32،968،650 ރުފިޔާ ހެލްތު މިނިސްޓްރީ އިން އެސްޓީއޯ އަށް އެޑްވާންސްކޮށް ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. 

އެސްޓީއޯ މެދުވެރިކޮށް ގެންނަން ބުނެފައިވާ ތަކެއްޗަކީ 

  • ސާޖިކަލް ގައުން - 50،000
  • ހެޒްމެޓް ސޫޓް - 9،975
  • ޑިސްޕޮސެބަލް ފޭސް ޝީލްޑް - 10،000
  • ރީ-ޔޫސެބަލް ޕްރޮޓެކްޓިވް ގޮގުލްސް - 4،950
  • ޑިސްޕޮސެބަލް ޝޫ ކަވާ - 10،000
  • ޑިސްޕޮސެބަލް ހެޑް ކަވާ (ސަރޖަން ކެޕް) - 9،000
  • އެންކަލް ބޫޓު - 1،000
  • ބޮޮޑީ ބޭގް - 50 
  • N95 3M މާސްކު- 256،000

އެ ތަކެތީގެ ސްޓޮކް މެނޭޖްކުރުމާއި ޑިސްޕެޗް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީސް، އެސްޓީއޯ އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރީޓީން ކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.  

އެހެން ނަމަވެސް، މި މުއާމަލާތުގެ ދަށުން ހޯދޭ ތަކެތީގެ ސްޓޮކް ރެކޯޑުތައް މިނިސްޓްރީ އޮފް ހެލްތުން ބަލަހައްޓާފައި ނުވާތީ، އެސްޓީއޯ އިން، އެކިއެކި މުއައްސަސާތަކަށް ސަޕްލައިކޮށްދިން ތަކެތީގެ އަދަދާއި، ސްޓޮކް ބާކީގެ ގޮތުގައި ހުންނަންޖެހޭ މިންވަރާއި، ހުރި މިންވަރު، އެ މިނިސްޓްރީއަށް އެނގެން ނެތް ކަމަށް ރިޕޯޓްގައިވެ އެވެ. އަދި މިހާތަނަށް ލިބިފައިވާ މުދަލުގެ ފައިސާގެ އަދަދާއި، ނުލިބި ހުރި މުދަލަށް ޖެހޭ ފައިސާގެ އަދަދު ވެސް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓާ ޖެނެރަލްސް އޮފީހުން ބުނެ އެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، އެ އޮފީހެއްގައި ބޭނުންކުރުމަށް، ނުވަތަ އެ ތަކެތި ބޭނުންކޮށްގެން އެހެން އެއްޗެއް އުފެއްދުމަށް، ނުވަތަ ތަނަށް ހިދުމަތް ދިނުމުގައި ބޭނުންކުރުމަށް ހޯދާފައި ބަހައްޓާ ތަކެތި ސްޓޮކަށް ވައްދައި، ސްޓޮކް ބާކީކޮށް ބަލަހައްޓަންވާނެ ކަމަށާއި، އަދި މިގޮތުން ސްޓޮކްކުރެވޭ ތަކެތީގެ ކޮންމެ އައިޓަމެއްގެ ބާކީ ވަކިން އެނގޭގޮތަށް ސްޓޮކް ބާކީގެ ހިސާބު ބަލަހައްޓަންވާނެ ކަމަށެވެ.

އެ ރިޕޯޓްގައި އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ މިކަންކަން އިސްލާހު ކުރުމަށް މިނިސްޓްރީ އަށް ލަފާ ދީީފަ އެވެ. 

އެގޮތުން، އަދާހަމައަށް ހޯދާފައިވާ ތަކެތީގެ ސްޓޮކާބެހޭ ހިސާބު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގައި ބަޔާންކޮށްފައިވާގޮތަށް، އަދާހަމަކުރުމަށް އޮޑިޓާ ޖެނެރަލްސް އޮފީހުން ވަނީ އަންގާފަ އެވެ. 

އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގައި ބަޔާންކޮށްފައިވާގޮތަށް، އެ އޮފީހެއްގައި ބޭނުންކުރުމަށް، ނުވަތަ އެ ތަކެތި ބޭނުންކޮށްގެން އެހެން އެއްޗެއް އުފެއްދުމަށް، ނުވަތަ ތަނަށް ހިދުމަތް ދިނުމުގައި ބޭނުންކުރުމަށް ހޯދާފައި ބަހައްޓާ ތަކެތި ސްޓޮކަށް ވައްދައި، ސްޓޮކް ބާކީކޮށް ބެލެހެއްޓުމަށާއި، އަދި މިގޮތުން ސްޓޮކްކުރެވޭ ތަކެތީގެ ކޮންމެ އައިޓަމެއްގެ ބާކީ ވަކިން އެނގޭގޮތަށް ސްޓޮކްބާކީގެ ހިސާބު އާދަވެގެން ބެލެހެއްޓުމަށް ވެސް އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ އަންގާފަ އެވެ. 

އޭގެ އިތުރުން އެޑްވާންސްކޮށް ފައިސާ ދެއްކުނު ތަކެތީގެ ތެރެއިން، ލިބުނުތަކެތި، ބޭނުންކުރުމަށް ދޫކުރެވުނު މިންވަރު އަދި ބާކީގެ ހިސާބު މިނިސްޓްރީ އޮފް ހެލްތުން މާލިޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް ބެލެހެއްޓުމަށް ވެސް އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ އަންގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް