ads
ރާއްޖޭގެ ފަރެއްގައި ހުދުވެފައިވާ މުރަކަތަކެއް -- ފޮޓޯ: ގާޑިއަން
ފަރުތަކާއި މުރަކަ ރިހެބިލިޓޭޓް ކުރުމާ ބެހޭ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި
ހަލާކުވަމުންދާ އަދި ހަލާކުވެފައި ހުރި ފަރުތައް ރިހެބިލިޓޭޓް ކުރުމާ ބެހޭ މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރު.އައި) އިން ނިންމައިފިއެވެ.

އެމްއެމްއާރުއައި އިން ބުނީ މި ބައްދަލުވުން އޮންނާނީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ކަމަށާ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާމި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށް ކަމަށް އެމްއެމްއާރުއައި އިން މައުލޫމާތު ދެއެވެ.

އަދި މި މަސައްކަތު ބައްދަލުވުމަކީ މުރަކައިގެ ފަރުތަކާއި ފަރުތަކުގެ ދިރުންތަކާއިމެދު ޝައުޤުވެރިވާ ކޮންމެފަރާތަކަށް ވެސް އާއްމުކޮށް ބައިވެރިވެވޭނޭހެން ހުޅުވާލެވިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެމްއާރުއައި އިން ބުނެއެވެ.

ދެދަންފަޅިއަކަށް ބަހާލެވިގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގައި، ރާއްޖޭގައި ފަރުތައް ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ކީނޯޓް ޕްރެޒެންޓޭޝަންތަކުގެ އިތުރުން، މި މަސައްކަތް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރެވޭ މިންވަރާއި، މި މަސައްކަތްތަކުގެ ކާމިޔާބީ ދެނެގަތުމަށް މަޝްވަރާތައް ކުރެވިގެން ދަނެ ކަމާށްވެސް މައުލޫމާތު ދެއެވެ.

މީގެ އިތުރުން، މި މަސައްކަތު ބައްދަލުވުމުގައި ފަރުތައް ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި އަލަށް ފެށުމަށް މަސައްކަތް ކުރަމުންދާ ހަރަކާތަކާއި ގުޅޭގޮތުން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި އޮސްޓްރޭލިޔާގެ ކޮމަންވެލްތް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާރޗް އޯގަނައިޒޭޝަން (ސީ.އެސް.އައި.އާރ.އޯ) ގުޅިގެން މައުލޫމާތު ދިނުމަށްވެސް ވަނީ ހަމަ ޖެހިފައެވެ.

މިބައްދަލުވުން ބޭއްވުމަށް މީގެ ކުރިން ހަމަޖައްސާފައިވަނީ މިދިޔަ ޖޫންމަހުއެވެ. އަދި އޭރު ނިންމަވާފައިވަނީ ބައިވެރިން ހާޟިރުވެގެން މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދާ ގޮތަށްނަމަވެސް ކޯވިޑް 19ގެ ބަލިމަޑުކަމުގެ ދަނޑިވަޅުކަމަށް ވުމާއިއެކު މި މަސައްކަތު ބައްދަލުވުން އޭރު ފަސްކުރެއްވުމަށްފަހު އަލުން ބޭއްވެވުމަށް ނިންމަވާފައިމިވަނީ އޮންލައިންކޮށް ބައިވެރިވެވޭނޭ ގޮތަށް ކަމަށްވެސް އެމްއެމްއާރުއައި އިން ބުނެއެވެ.

މުރަކަ އާއި ފަރުތައް ރިހެބިލިޓޭޓް ކުރުމާ ބެހޭ މަސައްކަތު ބައްދަލުވުމެއް ބާއްވަން އެމް.އެމް.އާރު.އައި އިން ނިންމަވާފައި ވާއިރު، ރާއްޖޭގައި ގްލޯބަލް ކޮރަލް ރީފް މޮނިޓަރިންގ ނެޓްވާރކްގެ (ޖީ.ސީ.އާރ.އެމް.އެން) ދެކުނު އޭޝިއާގެ ފަރުތަކާއި ގުޅޭ މައުލޫމާތު ދިގުމުއްދަތަކަށް ނަގަމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން ސަރަހައްދީ މަސައްކަތުބައްދަލުވުމެއް ވެސް އެމް.އެމް.އާރު.އައި އާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާއި ޖީ.ސީ.އާރ.އެމް.އެން ގުޅިގެން މި އަހަރުގެ ފުރަތަމަ މަހުގެ ތެރޭގައި ވަނީ ބާއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް