ads
މެމްބަރު އަލީ އާޒިމް--
މިކުރަނީ ރައީސް ސޯލިހު ސަލާމަތް ކުރުމުގެ މަސައްކަތް: އާޒިމް
އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ތެރޭގައި ދައްކާ ވާހަކަތަކާއި ގުޅިގެން އެކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހީވަނީ ސަރުކާރަށް ޖެއްސުން ކުރާހެން ކަމަށާއި އެކަމަކު މަސައްކަތް ކުރަމުންދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަލާމަތްކުރުމުގެ މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ކޮވިޑާއި ގުޅިގެން ކުރި ހަރަދުތަކުގެ އޮޑިޓް ރިޕޯޓުތަކާއި ގުޅިގެން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ކޯލިޝަނުގެ ސަރުކާރެއް އޮތްއިރު މި ސަރުކާރުގެ 60 އިންސައްތަ ވަޒީރުން މަސައްކަތް ކުރަމުންގެންދަނީ އެމްޑީޕީގެ ނަމަށް ހުތުރުވާ ގޮތަށް މަސައްކަތް ކުރުމަށް ކަމަށާއި އަދި އެޕާޓީގެ ބޮލުގައި އިލްޒާމުތައް ވެސް އަޅުވަމުން އަންނަ ކަމަށެވެ. 

އާޒިމް ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުން 65 ގޮނޑި ހަވާލުކުރިއިރު އެކަން މަޖިލީހުގެ ތެރެއިން ދައްކަމުން އަންނަ ކަމަށެވެ. އެކަމަކު މީގެ ކުރިން މަޖިލީހުގެ ތެރެއިން ފެނިގެންދިޔައީ އޮޑިޓް ރިޕޯޓެއް ނެރުމާއެކު އެއީ ވަޒީރަކާއި ނުވަތަ ރައީސްއާ ދެކޮޅަށް އޮތް އެއްޗެއް ކަމަށްވާނަމަ އެ އޮޑިޓާ ޖެނަރަލެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ މަންޒަރު ކަމަށެވެ. 

"އެހެންނަމަވެސް މިއަދު އަޅުގަނޑުމެން ދައްކަމުން މިދަނީ އަޅުގަނޑުމެންނަކީ ޒިންމާދާރު ޕާޓީއެކޭ. ރައްޔިތުން އަޅުގަނޑުމެންނަށް 65 ގޮނޑި ދިނީ މިކަން ކުރަންށޭ،"

އޭގެ އިތުރުން އާޒިމް ވިދާޅުވީ، ކޮރަޕްޝަނުގެ މައްސަލަތަކުގެ ވާހަކަ އެނގޭނަމަ އެކަން ތިލަކުރަން ޖެހޭ ކަމަށާއި އެގޮތުން އެމްޑީޕީން ވެސް އޮތީ ރާއްޖޭގައި ހިނގަމުންދާ ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތައް ފޮހެލުމަށް ނިކުމެ ކަމަށެވެ.

އާޒިމް ވިދާޅުވީ، އެފަދަ ވާހަކަތައް ދައްކަން ފެށުމާއެކު ބައެއް ފަރާތްތަކަށް ހީވަނީ އެކަމަކީ ސަރުކާރު ވައްޓާލަން ކުރާ ކަމެއް ކަމަށާއި ނޫނީ އެކަމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިދިކޮޅަށް ހިންގާ ކަންތައްތަކެެއް ކަމަށެވެ. 

އެކަމަކު އެ މަސައްކަތަކީ ރައީސް ސޯލިހު ސަލާމަތްކުރުމުގެ މަސައްކަތް ކަމަށާއި އަދި ކެބިނެޓުގައި ތިބި ވައްކަންކުރާ ވަޒީރުން އެއް ކައިރިކުރުން ކަމަށެވެ. އަދި އެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. 

"އަޅުގަނޑުމެންނަށް 65 ގޮނޑި ދިނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް،" އާޒިމް ވިދާޅުވި އެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް