ads
ރާއްޖޭގެ މަންޒަރެއް--
ރަޝިއާގެ ޓީވީ ޗެނަލެއްގައި ރާއްޖެ އިސްތިހާރު ކުރަނީ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރަޝިއާގެ ސެންޓްރަލް ރީޖަންއާއި މޮސްކޯގެ އެންމެ ބޮޑު އެއް ޓީވީ ޗެނަލް ކަމުގައިވާ 360 ޑިގްރީ ޗެނަލްގައި ދިވެހިރާއްޖެ އިޝްތިހާރުކުރަން ފަށައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ އެ ކެމްޕެއިނަކީ ރާއްޖެއަށް އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނަށް ވިޒިޓް މޯލްޑިވްސް މޫންގެ އުންމީދީ މެސެޖެއް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށާއި އެ ޓީވީ ޗެނަލް އާއެކު ކުރިއަށް ގެންދާ މި ކެމްޕެއިންގެ ޒަރިއްޔާއިން ރަޝިއާގެ ތިން މިލިޔަނެއްހާ މީހުންނަށް އެ މެސެޖް ލިބިގެންދާނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

އެ ކެމްޕެއިންގެ ދަށުން ބެލުންތެރިން އެންމެ ގިނައިން އެ ޗެނަލް ބަލާ ގަޑިތައް ފާހަގަކޮށް، އެ ގަޑި ތަކުގައި ދިވެހިރާއްޖޭގެ އިޝްތިހާރު ދައްކަމުން ދާނެ ކަމަށާއި އެގޮތުން ހެނދުނާއި ރޭގަނޑުގެ ހަބަރު ގަޑިތަކުގެ އިތުރުން ހަފްތާ ބަންދުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތް ދައްކާ ގަޑިތަކުގައި ދިވެހިރާއްޖޭގެ ހިތްގައިމު މަންޒަރުތައް ހިމެނޭ ވީޑިއޯ ދައްކާލެވޭނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެ އެވެ. 

އެމްއެމްޕީއާރުސީން ބުނީ ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖެ އައިސް ހިތްހަމަޖައްސައި ޗުއްޓީ ހޭދަކުރުމަށް ކުރެވޭނެ ކަންތައްތައް ރަޝިއާ ބަހުން އަޑުއަޅާފައިވާ އެ ވީޑިއޯއިން ދައްކާލެވިގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ބްރޭންޑުން ހޭލުންތެރިކަން އިތުރުކޮށް ރަޝިއާގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއް ހަރަކާތެވެ. 

އޭގެ އިތުރުން އެމްއެމްޕީއާރުސީން ބުނީ ރާޝިއާ މާކެޓަށް އަމާޒުކޮށްގެން ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން މި އަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށާއި އެމްއެމްޕީއާރުސީ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވިދާޅުވީ ރަޝިއާ މާކެޓަށް އަމާޒުކޮށް ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ރާއްޖެ އިޝްތިހާރުކުރުން އިތުރުކޮށް، ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. 

އެގޮތުން ރަޝިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އިތުރުކުރުމުން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުންނާ ގުޅިގެން ކެމްޕެއިންތައް ކުރިއަށް ގެންދިއުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. މިހާރު ރަޝިއާ މާކެޓުގައި ހިންގަމުން އަންނަ ގިނަ ހަރަކާތްތަކުގެ ސަބަބުން އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް
އިތުރުވާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ވެސް ތޮއްޔިބު ވިދާޅުވި އެވެ.

ރަޝިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ ތަފާސްހިސާބު ދައްކާ ގޮތުން 2019 ވަނަ އަހަރުގެ ޖެނުވަރީ މަހާއި އަޅާބަލާއިރު ރާއްޖެ އަށް އެގައުމުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 29.6 އިންސައްތު ވަނީ އިތުރުވެފަ އެވެ. މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމު ތަކުގެ ތެރޭގައި ވެސް ރަޝިއާ ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް