ads
މާލޭ ސިޓީގެ މޭޔާ ޝިފާ މުހައްމަދު--
ޖަވާބުދާރީވުމަށް ޝިފާއަށް ދިހަ ދުވަހުގެ މުއްދަތެއް
މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް ދިހަ ދުވަހުގެ މުއްދަތެއް އިއްޔެ ދީފި އެވެ.

39 މައްސަލައަކާއެކު ޝިފާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ ޖުލައި މަހުގެ 16 ގައި ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަހުމަދު ފަޒީނެވެ. 

އެކަމާއި ގުޅޭގޮތުން ފަޒީން މިއަދު ސީއެންއެމްއަށް ވިދާޅުވީ އެ މައްސަލަ އެކި ގޮތްގޮތުން އެޖެންޑާކުރުމަށް ލަސްތަކެއް ކުރިކަމަށާއި އެގޮތުން އެފަދަ މައްސަލައެއް ވެއްދިދާނެތީ ވެސް ސުވާލު އުފެއްދެވި ކަމަށެވެ. އެގޮތުން ޝިފާ ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދިދާނެތޯ އެލްޖީއޭގެ ލަފާ ވެސް ހޯދާފައިކަން ފާހަގަކޮށް ފަޒީން ވިދާޅުވީ އެލްޖީއޭ އިން ވަނީ ގާނޫނާއި އެއްގޮތަށް މައްސަލަ ކުރިއަށް ގެންދިއުމަށް އަންގާފައި ކަމަށެވެ. 

އެއާއެކު އިއްޔެ މާލޭ ސިޓީ ކައުންސިލުން ބޭއްވި 103 ވަނަ ޖަލްސާއަށް އެޖެންޑާކޮށް މައްސަލަ ކުރިއަށް ގެންދިޔައިރު އެ މައްސަލަ ކުރިއަށް ގެންދަން ނުފެންނަ ކަމަށް ތިން މެމްބަރަކު ވޯޓު ދެއްވި ކަމަށް ފަޒީން ވިދާޅުވި އެވެ. 

ފަޒީން ވިދާޅުވި ގޮތުގައި ނުފެންނަ ކަމަށް ވޯޓު ދެއްވީ މޭޔާ ޝިފާގެ އިތުރުން ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރެވެ. އެކަމަކު ޖަލްސާގައި ބައިވެރިވެވަޑައިގެން ބާކީ އަށް މެމްބަރުން ވެސް ވޯޓު ދެއްވާފައި ވަނީ އެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

ފަޒީން ވިދާޅުވީ އޭނާ ހުށަހަޅުއްވާފައިވާ 39 މައްސަލައިގެ ތެރޭގައި ކައުންސިލަރުން މަސައްކަތްކުރާނެ ވަކި ތަނެއް ނެތް މައްސަލައާއި ކޮމިޓީން ފާސްކުރި ގޮތާއި ހިލާފަށް މާރުކޭޓްގެ ގޮޅިތައް ކުޑަކުރި މައްސަލައިގެ އިތުރުން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަތަކެއް ވެސް ހިމެނޭއިރު އެކަމުގައި ޖަވާބުދާރީވުމަށް މޭޔަށް ވަނީ 10 ދުވަސް ދެއްވާފަ އެވެ. އަދި އެ ދިހަ ދުވަހުގެ ތެރޭގައި ޖަވާބުދާރީ ނުވެއްޖެނަމަ އިތުބާރު ނެތް ކަމުގެ ވޯޓަށް އަހާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ފަޒީން ވަނީ ޝިފާއަށް ތުހުމަތުތަކެއް ކުރައްވާފައި ނަމަވެސް އެކަންކަން މޭޔަރު ޝިފާ ވަނީ ދޮގުކުރައްވާފަ އެވެ. 

އެކަމަކު ޖަވާބުދާރީވުމަށް އިއްޔެ ދިން ފުރުސަތާއި ގުޅިގެން ޝިފާގެ ބަހެއް ހޯދުމަށް ގުޅައި މެސެޖް ކުރި ނަމަވެސް މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް