ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު
މިހާލަތުން އަރައިގަތުމަށް ހިޖުރައިގެ ފިލާވަޅުތައް މުހިންމު: ރައީސް ސޯލިހް
އުންމަތެއްގެ ގޮތުގައި ނުވަތަ ދައުލަތެއްގެ ގޮތުގައި ދެމިތިބެން ބޭނުންނަމަ، އެ ދައުލަތެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދެމިއޮތުމުގެ މުހިންމު ހިޖުރައިގެ ހާދިސާއިން ދައްކުވައިދިން ކަމަށާ ހިޖުރައިގެ ހާދިސާއިން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހު މިހެން ވިދާޅުވީ ހިޖުރީ އައު އަހަރު ފުރުމުގެ މުނާސަބަތުގައި ރައްޔިތުންނަށް ފޮނުއްވި ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ މިއަދު މެދުވެރިވެފައި މިވަނީ، ހިޖްރައިގެ މަތިވެރި ހާދިސާއިން ލިބިދޭ އިބްރަތްތަކުން ފިލާވަޅު ލިބިގަތުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ހާލަތެއްގައި ކަމަށެވެ.

ހިޖްރައިން ލިބިދޭ އެންމެ މަތިވެރި އިބްރަތަކީ، މުސްލިމުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ބަދަހިކޮށް، އެ ގުޅުން ދެމެހެއްޓުމުގެ މުހިންމު ކަންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުންމަތެއްގެ ގޮތުގައި ނުވަތަ ދައުލަތެއްގެ ގޮތުގައި ދެމިތިބެން ބޭނުންނަމަ، އެ ދައުލަތެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދެމިއޮތުމުގެ މުހިންމު ކަންކަމަށާ ކުރިއެރުމާއި ތަރައްޤީއަށް އެދޭނަމަ، އެންމެހައި ރައްޔިތުން އެއް ޢަޒުމެއްގައި، އެއް އަމާޒަކަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ރާއްޖެވެސް މިހާރު ތަޖުރިބާކުރަމުން މިދަނީ، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއްކަމަށާ އިގްތިސާދީ ގޮތުންނާއި، އިޖުތިމާއީ ގޮތުން އެތައް ބައިވަރު ހުރަސްތަކެއް ކުރިމަތިވެ، ތަރައްގީގެ ދުވެލި ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

 "ކޯވިޑް-19"ގެ ހުރަސްތައް ގިރާކޮށް، ދިރިއުޅުމުގެ ޢާންމު ހާލަތަށް އެނބުރި ދިޔުމަށްޓަކައި ސަރުކާރުން މި ކުރާ މަސައްކަތުގައި، ރައްޔިތުންގެ ބައިވެރިވުން ނުހަނު ބޮޑަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އުންމީދުކުރާ ފަދަ ހަލުވި ދުވެއްޔެއްގައި އިޤްތިޞާދަށް ދިރުން ލިބެން ފަށާނީ، ވިޔަފާރި އާއި އިގްދިސޯދީ އެންމެހައި ހަރަކާތްތަކުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެންކަންވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި އިތުރަށް ވިދާޅުވީ ހިޖްރީ އައު އަހަރެއްގެ ފެށުން ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެންގެ ހަނދާނަށް ގެންނަންވީ، މިފަދަ ނާޒުކު ޙާލަތްތަކުގައި އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް ބެހެއްޓުމަށް، ހިޖްރައިން ލިބިދޭ މަތިވެރި އިރުޝާދުތައް ކަމަށެވެ. އެއީ، ދަތި އުނދަގޫ ހާލަތްތަކުގައި، އާއިލާގެ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މުޖުތަމައުގެ އެއް ބަޔަކު އަނެއް ބަޔަކަށް، އަޅާލައި އޯގާތެރިވެ އުޅުން ކަމާށް ރައީސް ވިދާޅުވިއެވެ.

އަދި ކުޑަކުދިންނަށް ކަމޭހިތުމާއި، އަންހެނުންނަށް އޯގާތެރިވުމާއި، މުސްކުޅިންނަށް އެހީތެރިވުމެވެ. މިއަދު އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށްދޭ މިފަދަ ރީތި ސިފަތައް، އަޅުގަނޑުމެންގެ ކިބައިގައި އަލުން ހަރުލެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް