ads
ބިދޭސީން ގަލޮޅު ދަނޑުގައި--
ބަންގްލަދޭޝް މަސައްކަތްތެރިން ނުގެނެވޭ މުއްދަތު ދަންމާލައިފި
ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެއަށް ގެނައުން މަނާކޮށްފައި އޮތް އޮތުން ދަންމާލައިފި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ކަމާއި ގުޅޭ އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ. ކޮވިޑްގެ ކަންތައްތައް ފެށުން ފަހުން ވެސް 5000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.

ބަންގްލަދޭޝްގެ މަސައްކަތްތެރިން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ރާއްޖެއަށް ގެނައުން މެދުކަނޑާލާފައި އޮތްއިރު އަނެއްކާ އިތުރު އެއް އަހަރަށް އެ މުއްދަތު ދަންމާލަން މިވަނީ ނިންމާފަ އެވެ. 

އިކޮނޮމިކް މިނިސްޓްރީން ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ނުގެނެވޭ މުއްދަތު އިތުރު އެއް އަހަރަށް ދަންމާލާފައި މިވަނީ އަންނަ މަހު އެއް މުއްދަތު ހަމަވާތީ ކަމަށެވެ.

ރާއްޖޭގައި އެއްފަހަރާ ތިބެވޭނީ 150،000 ބަންގްލަދޭޝްގެ މަަސައްކަތްތެރިންނަށް ކަމުން، އެ އަދަދަށް ދަށް ކުރެވެންދެން ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ނުގެނެވޭ ގޮތަށް އޮތް އޮތުން މުއްދަތު ހަމަވިޔަސް ދެމިގެންދާނެ އެވެ. 

ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެއަށް ގެނައުން މަނާކޮށްފައި އޮތްނަމަވެސް އެގައުމުގެ ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުން ފަދަ ފަރާތްތައް އަދިވެސް ގެނެވޭނެ އެވެ. 

މިދިޔަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ފެށި ޕްރޮގްރާމުގައި 40000 އެއްހާ ބިދޭސީން ރަޖިސްޓްރީވެފައިވާއިރު ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު، އިމިގްރޭޝަނުން އަންދާޒާ ކުރާ ގޮތުގައި 60000 އަށް އަރާނެ އެވެ. އެކަމަކު އިކޮނޮމިކް މިނިސްޓްރީން ގަބޫލުކުރާ ގޮތުގައި އެ އަދަދު އިތުރުވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް