ads
ނިޝާމާ މުހައްމަދު--
ވެންޓިލޭޓަރުގެ މައްސަލައިގައި ހަމައެކަނި ބަލަންވީ ބިޑް ކޮމިޓީގެ މައްސަލައެއް ނޫން: ނިޝާމާ
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހަމައެކަނި ބަލަންވީ ބިޑް ކޮމެޓީގެ މެމްބަރުން ބައިވެރިވުން އޮތް މިންވަރު އެކަނި ނޫން ކަމަށާއި އެކަމުގައި ބައިވެރިވި ހުރިހާ ފަރާތްތައް ޝާމިލްވާގޮތަށް މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ބިޑް ކޮމިޓީގެ ޗެއާމަން އަދި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި ތަފާތު އެކި ގޮތްގޮތަށް މީޑިއާގައި އަޑު ފެތުރެމުންދާ ކަމަށް ވިދާޅުވެ، ނިޝާމާ މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމަށް ހެލްތު މިނިސްޓްރީގެ ފަރާތުން އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން އެކިއެކި ފޯރަމްތަކުގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ވަކިބަޔަކު ބަދުނާމުވާގޮތަށް ވާހަކަތަކެެއް ދައްކަމުން އަންނަ ކަމަށެވެ. 

ބަޔާނުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީން ވެންޓިލޭޓަރު ގަތުމުގައި އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާތަކެއް ހޯދައިދިނުމަށް މަގާމުގެ ހައިސިއްޔަތުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި މުޅި ދުނިޔެއަށް ޕަބްލިކް ހެލްތު ޕެންޑަމިކް އެމަޖެންސީގެ ހާލަތު ކުރިމަތިވެފައި ވުމާއި، ދުނިޔޭގެ ގައުމުތަކުގައި ކޮވިޑް ބަލިޖެހޭމީހުން ފަރުވާކުރާ އެންމެ މުހިންމު ވަސީލަތަކީ ވެންޓިލޭޓަރު ކަމަށްވެފައި އަދި ވެންޓިލޭޓަރުގެ ޑިމާންޑް ބޮޑުވެފައިވާ ދަނޑިވަޅުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން 75 ވެންޓިލޭޓަރު އެގްޒިކިއުޓާސް ޖެނެރަލް ޓްރޭޑިންގިއާއި ހަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވަނީ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަޖެޓުގައި ފައިސާ ހުރިތޯ ބެލުމަށްފަހު މަސައްކަތް ހަވާލުކޮށްގެން ކުރިޔަށްދިއުމަށް ކަމަށެވެ. 

އަދި އެ ކުންފުންޏާއި ހަވާލުކުރީ މިނިސްޓްރީން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރެޕްރެޒެންޓޭޓިވް މެދުވެރިކޮށް ހޯއްދަވާފައިވާ ފަރާތެއް ކަމަށްބުނެ ބިޑުކޮމިޓީއަށް ހުށައަޅާފައިވާ ލިޔުންތަކުގައި ބަޔާންކޮށްފައިވުމާއި، މީގެ އިތުރުން މިނިސްޓްރީގެ ބިޑް ކޮމެޓީގެ ފަރާތުން ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީހުން އިތުރަށް މައުލޫމާތު ސާފުކޮށް އަދި ފައިނޭންޝިއަލް އެގްޒެކްޓިވް ބިޑް ކޮމިޓީއަށް ހާޒިރުކޮށް ދެއްވި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

އޭގެ އިތުރުން ނިޝާމާގެ ބަޔާނުގައި ބުނީ އަދި ކޮންމެހެން ހޯދަންޖެހޭ ވެންޓިލޭޓަރު ތަކަކަށްވާތީ، ވަގުތާއި ހާލަތަށް ބަލައި ވެންޓިލޭޓަރުގެ މުހިންމުވެފައިވާ މިންވަރު ބޮޑުކަމުން ތަކެތި ނުލިބި ލަސްވެއްޖެނަމަ އެތައް ބައެއްގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ބަޔާންކޮށް ހުށަހެޅިފައިވާތީއާކީ އެކުންފުންޏާ ހަވާލުކުރި ކަމަށެވެ. 

އަދި އެމައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ތަހުގީގެއް ކުރަމުންދަނިކޮށް އެކަމުގައި ކަންހިނގި ގޮތުގެ އަސްލު އޮޅޭގޮތަށް ވަކިބަޔަކު ބަދުނާމުވާގޮތަށް ވާހަކަ ދައްކަމުންދަނީ މިހާރު ކުރިޔަށްދާ ތަހުގީގަށް ނުރަނގަޅު ނުފޫޒުތަކެއް ފޯރުވުމަށްކަމަށް ދެކޭ ކަމަށް ވެސް ބަޔާނުގައި ފާހަގަކުރެ އެވެ. 

އެމައްސަލާގައި މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެމްބަރުން ބައިވެރިވުން އޮތް މިންވަރު އެކަނި ބެލުގެ ބަދަލުގައި ހުރިހާ މަރުހަލާތަކެއްގައި އެކަމުގައި ބައިވެރިވި ހުރިހާ ފަރާތްތައް ޝާމިލްވާގޮތަށް އެކަން ހިންގާފައިވާ ގޮތުގެ
ފުރިހަމަ ތަހުގީގެއް ކަމާ ގުޅުން ހުރި އިދާރާތަކުން ތަހުގީގުކޮށް ކަން ހިންގާފައިވާ ގޮތުގެ ތަފްސީލް މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މުހިންމުކަމެއް ކަމަށް ވެސް ދެކޭ ކަމަށެވެ. 

އޭގެ އިތުރުން ބަޔާނުގައި ވަނީ ވެންޓިލޭޓަރު ގަތުމުގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަރުން އަމަލުކޮށްފައި ވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ހެޔޮ ނިޔަތުގައި ކަމަށެވެ. 

"އެކަމާ ގުޅޭގޮތުން ކަން ހިނގާދިޔަ ގޮތުގެ ތަފްސީލް މައުލޫމާތު ތަހުގީގު އިދާރާތަކާ ހިއްސާކުރާނެ ވާހަކަ ވެސް ދަންނަވަމެވެ. މިމައްސަލައާ ގުޅޭގޮތުން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ކުރިޔަށްގެންދާ ތަހަގީގުތަކަށް ފުރިހަމަ އެހީ ތެރިކަމާ އެއްބާރުލުން އަޅުގަނޑުގެ ފަރާތުން ލިބޭނެކަމުގެ ޔަގީންކަން މިފުރުސަތުގައި އަރުވަމެވެ،" ނިޝާމާގެ ބަޔާނުގައިވެ އެވެ. 

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރުމުގައި މަކަރާއި ހީލާތް ހެދިކަން ފަޅާއެރީ އޮޑިޓް ރިޕޯޓާއެކު އެވެ. އޮޑިޓް ރިޕޯޓުގައި ފާހަގަކުރާ ގޮތުގައި ބިޑް ކޮމިޓީން ވަނީ ލިޔެކިޔުންތަކެއް ތައްޔާރުކޮށް އަސްލު ލިޔެކިޔުންތަކެއް ކަމަށް ދެއްކުމަށް މަސައްކަތްކޮށްފަ އެވެ. އެ މައްސަލަ ތަހުގީގުކުރުމަށް މިވަގުތު ބިޑް ކޮމިޓީގައި ހިމެނޭ އިސްވެރިން ތިއްބެވީ މަސައްކަތުން އެކަހެރިކޮށްފަ އެވެ. 

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އޮޑިޓް އޮފީހުން ނެރުނު ހެލްތު މިނިސްޓްރީން ކޮވިޑް-19 އާ ގުޅިގެން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް ރިޕޯޓުގައި ވާކަންކަން ބަލާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނަށް މިމަހުގެ 17 ގައި ވަނީ އަންގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް