ads
ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
މާލޭގައި 9 އަކުން މަތީގެ ގްރޭޑްތަކަށް ސްކޫލަށް ގޮސްގެން ކިޔެވުމުގެ ހުއްދަ އޮންނާނެ
މާލޭ ސިޓީގެ ސްކޫލުތައް ކުރިއަށް އޮތް ދެ ހަފުތާއަށް ބަންދުކުރި ނަމަވެސް ގްރޭޑް ނުވަޔަކުން މަތީގެ ގްރޭޑްތަކުގެ ދަރިވަރުންގެ ކިޔެވުން ސްކޫލުގައި ކުރިއަށް ގެންދެވޭނެ ކަަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެގޮތަސް ދަރިވަރުން ސްކޫލަށް ގޮސްގެން ކިޔެވުމުގެ ހުއްދަދީފައި މިވަނީ ސާނަވީ އިމްތިހާނުތަކާއި މަތީ ސާނަވީ އިމްތިހާނުތަކަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުންނެވެ. 

ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް، ކަމާގުޅޭ އިދާރާތަކުގެ ލަފާގެ މަތިން، މާލޭ ސިޓީގެ ސްކޫލްތައް މިމަހުގެ 23 އިން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމައި، އެކަން އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.

އަދި އެ ނިންމުން ދެ ހަފުތާއަށް ފަހު މުރާޖާ ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

ކުރިއަށް އޮތް ދެ ހަފުތާއަށް ސްކޫލުތައް ބަންދުކުރަން ނިންމާފައި މިވަނީ ދެން އަލުން ކިޔެވުން ފަށާއިރު ސްކޫލުތަކުގެ ވަގުތު ވެސް މަދުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ކުރިން 45 މިނެޓަށް ކިޔަވައިދެމުން އައި ނަމަވެސް ދެން މާއްދާއެއް ކިޔަވައިދޭނީ 35 މިނެޓަށެވެ. 

އެ ނިންމުމާއެކު މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ސްކޫލުތަކުގައި ކިޔަވައިދޭނީ އެގޮތުގެ މަތިން ކަމަށް މިނިސްޓްރީން ބުނެ އެވެެ. އެކަމަކު ކުރިއެކޭ އެއްގޮތަށް އާއާންމު ހާލަތުގައި އަމަލުކުރަމުން އައި ގޮތަށް އަތްދޮވުމާއި އެހެނިހެން ކަންކަމަށް އެއް ގަޑިއިރު ލިބޭނެ ގޮތަށް ސެޝަންތަކުގެ ދިގުމިން ހަތަރު ގަޑިއިރަށް ވުރެ ދިގުނުވާނެހެން ހަމަޖެއްސުމަށް ވެސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށް ފަހު ޖުލައި މަހުގެ އެއްވަނަ ދުވަހު މާލޭ ސިޓީގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް އެކަކުން 12 ގެ ކިޔެވުން ފަށާފައެވެ. މާލޭގައި ވެސް ބައެއް ގްރޭޑްތަކަށް ކިޔަވައިދެމުން އައި ނަމަވެސް ކޮވިޑްގެ ކޭސްތައް އިތުރުވެ، މިމަހުގެ ނުވަ ވަނަ ދުވަހު ފަށަން އޮތް ގޮތަށް ކިޔަވައިދިނުން ވަނީ ކުރިއަށް ނުގެންދެވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް