ads
މަގުމަތީގައި ބަޔަކު ހަރަކާތްތެރިވަނީ-- ފޮޓޯ: ސީއެންއެމް
ކޮވިޑުގެ ބިރު އިންތިހާއަށް އޮތްއިރު ކޮވިޑް ކޮންޓްރޯލް ކުރުމަށް ގޮތެއް ނެތީތަ؟
އަވަށްޓެރި ސްރީލަންކާއަށް ކޮވިޑް-19 ގެ ބިޔަ ރާޅު ބިންދާލީ މިއަހަރުގެ ޖެނުއަރީ މަހުގެ 27 ގަ އެވެ. އޭރު ހަލުވިކަމާއެކު އެ ބަލި ފެތުރެމުންދިޔަ ޗައިނާގެ ވުހާން ސިޓީއަށް ނިސްބަތްވާ 44 އަހަރުގެ އަންހެނަކު އެގައުމުން އެންމެ ފުރަތަމަ މި ވައިރަހަށް ޕޮޒިޓިވްވެ ފަރުވާދޭން ފެށިއިރު މިހާތަނަށް އެގައުމުން 2,902 މީހަކު މިވަނީ ޕޮޒިޓިވްވެފަ އެވެ. މިއީ ރާއްޖެއިން މިހާތަނަށް ބަލި ޖެހިފައިވާ މީހުންގެ އަދަދަށްވުރެ ދެ ގުނަ ދަށް އަދަދެކެވެ.

އާބާދީގައި 21،6 މިލިއަން މީހުން އުޅޭ ލަންކާގައި މި ބަލި ފެތުރެމުންދާތާ މިހާރު ހަތް މަސް ވާން ކައިރި ވެފައިވާއިރު އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 2,755 މީހަކު ވަނީ ބަލިން ރަނގަޅުކުރެވިފަ އެވެ. އަދި އެ މުއްދަތުގައި ބަލީގައި މަރުވެފައި ވަނީ 11 މީހެކެވެ.

އެކަމަކު އާބާދީގައި އެންމެ ހަތަރު ލައްކައެއްހާ މީހުން ދިރިއުޅޭ މި ކުޑަކުޑަ ރާއްޖޭގެ ހާލަތު އެގައުމަށް ވުރެ ގޯހެވެ. އެންމެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނީ މިދިޔަ މާޗު މަހުގެ ހަތް ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ ރާއްޖެއިން މި ބަލި މީހަކަށް ޖެހުނީ ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު އަނބުރާ ގައުމަށް ދިޔަ އިޓަލީ ފަތުރުވެރިޔަކާއި ކޮންޓެކްޓްވެގެންނެވެ. 

އެ ހިސާބުން ރާއްޖޭގެ އެކި ރިސޯޓުތަކުން މީހުން ޕޮޒިޓިވްވަމުން އައިސް މާލެ އާއި ހިސާބަށް ބަލި އަންނަން ނެގީ 39 ވަރަކަށް ދުވަހެވެ. މާލެއަށް ބަލި އަތުވެދާނެ ހާލަތަކަށް ތައްޔާރަށް އޮތް ކަމަށް ބުނެ ޕްރެސްތައް ބާއްވަމުން ދަނިކޮށް ވެރިރަށް މާލެއިން އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މީހަކު ޕޮޒިޓިވްވެ މާލެ ހާސްކޮށްލި އެވެ. މާލެ ސަރަހައްދު ލޮކްޑައުންކޮށް، މާލެއަށް އަރާއި ފޭބުން މަނާކުރެވެނުވެ. ނަތީޖާއެއްގެ ގޮތުން އެ ދިޔަ ގޮތަށް ގޮސް، މެއި މަހުގެ ފަހުކޮޅަށް އެރިއިރު ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް ދަށް ވި އެވެ. އެކަމަކު އެ ފެނުނު މަންޒަރާއެކު ރާއްޖެއިން އަވަސް ވީ މާލޭ ސިޓީ ހުޅުވާލާށެވެ. އާންމުން ދެކޭ ގޮތުގައި އޭރު ދިން ލުއިތައް ނުދީ އިތުރަށް ދުވަސްކޮޅެއް ވަންދެން ލޮކްޑައުނެއްގައި ހިފަހައްޓާލި ނަމަވެސް ރާއްޖެއަށް މިކަމުން އަރައިގަނެވުނީހެވެ. 

މާލެއަކީ މި ސަރަހައްދަށް ބަލާއިރު އެންމެ ތޮއްޖެހިފައިވާ ސިޓީތަކުގެ ލިސްޓުގައި އެންމެ ކުރީގައި ހިމެނޭ ސިޓީއެކެވެ. ބިމުގެ ގޮތުން ކުޑަ މި މާލޭގައި އެއްފުންޏަކަށް އިމާރާތް ނަގާއި ކޮޅަށް ޖަހާފައި ހުންނައިރު މިއީ ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ ދެ ބައި މީހުން ދިރިއުޅެމުން އަންނަ ތަނެވެ. މަގުތަކަށް ބަލާލި ނަމަވެސް އުޅެން ޖެހިފައި ވަނީ ނިކަން ހާލުގަ އެވެ. ގިނަ ބަޔަކު ބޭރުގައި އުޅޭއިރު މީހެއްގެ ގައިގާ ކޭތިލި ނުލާއި ހިނގާލާވަރު  ޕޭމަންޓުގައި ވެސް ޖާގައެއް ނޯވެ އެވެ. 

މިފަދަ ހާލަތެއްގައި އޮތް ސިޓީއަކަށް ކޭސްތަކުގެ އަދަދު ދަށްވިޔަސް މިވަރުގެ ބޮޑު ލުއިތަކެއް ދިނުމަކީ ހެދިފައިވާ ވަރަށް ބޮޑު ގޯހެއްކަން މިއަދުގެ ހާލަތުން ސާފެވެ. ކުޑަ ތަންކޮޅެއްގެ ތެރޭގައި އެތައް ބަޔަކު ދިރިއުޅެމުން އަންނައިރު މިއީ ގައިންގަޔަށް އަރާއި ބައްޔެއް ކަމުން، އެކަކަށް ޖެހިއްޖެ ނަމަ ގޭގެ އެހެން މީހުންނަށް ވެސް ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ. މާލީ މަންފާއަށްޓަކައި ފިހާރަތަކުގައި ވެސް މީހުން އަމަލުކުރަމުން އަންނަނީ ހިތު ހުރި ގޮތަކަށެވެ. ފިހާރައިގެ ބޭރުގައި ވަކި އަދަދެއް ވެސް ޖަހާލާފައި ހުރީ ހަމަ ނަމެއްގަ އެވެ. ބޭރުގައި މަޑުކޮށްގެން ހުއްޓަސް އަތުގެ އިޝާރާތުން ފިހާރައަށް ވަނުމަށް އަންގަ އެވެ. 

ހާލަތު ރަނގަޅު ނުވަނީސް "ނިއޯ ނޯމަލް" ކަމަށް ބުނެ ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ވެސް ފެށީ އެވެ. އަދި އޮފީސްތައް ވެސް ހުޅުވާ މުޅި އާންމު ދިރިއުޅުން އަލުން ފެށި އެވެ. ޖިމްތަކާއި ސެލޫންތަކާއި މިހެން ގޮސް ހަމަ ހުރިހާ ތަނެއް ހުޅުވާލީ އަމަލުކުރާނެ ގައިޑްލައިންތަކެއް ވެސް ދެއްކުމަށް ފަހުގައެވެ. އެކަމަކު އެކަން ވެސް ވީ ކަރުދާހެއްގައި ލިޔެފައި އޮތް އެއްޗަކަށެވެ. އަމަލުކުރަނީ މަދު ބައެކެވެ. 

ކުރިން ކުރި މަސައްކަތް އަލުން ކުރާ ހިސާބުގައި ރާއްޖޭގެ ހާލަތު މިއަދު މިއޮތް ސަބަބަކީ މިކަމުގައި އިހުމާލުވި މީހުންނަށް ފިޔަަވަޅުތައް އެޅިފައި ނުވުމުވެ. އެންމެ ފުރަތަމަ ދުވަހު ވެސް ނޫސްވެރިން މާސްކް އެޅުން މަޖުބޫރުކުރާ ހާލަަށް ނުދޭތޯ ސުވާލުކުރުމުން ވަނީ ކަންކަން މަޖުބޫރުކުވައިގެން ކަންކަން ކުރުވަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އަދި މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތް މިހާލަތުގައި ވެސް މީހުން މާސްކް ނާޅާއި އުޅުމުން، ދެ ތިން ފަހަރަށް ނަސޭހަތްދީ ދޫކޮށްލަ އެވެ. 

އޮޑިދޯނި ފަހަރުގެ ކަންކަން ވެސް އޮތީ ހަމަ އެކަހަލަ ގޮތަކަށެވެ. ފަޅުވެރިން މާލެއަށް ފޭބުން މަނާކޮށްފައި އޮތަސް ފައިބައިގެން އުޅޭކަމުގެ ކަމުގެ އަޑުތައް ވެސް އިވޭއިރު އެކަންކަން ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމުވެފައެއް ނުވެ އެވެ. ކޮވިޑަށް ރެންޑަމް ސާމްޕަލް ނަގާ ނޫނީ ބަލި ޖެހޭ މީހާއި އެކަހެރިކޮށް ކަރަންޓީން ފެސިލީޓީއަކަށް ބަދަލުކުރުމާއި އެމީހާ އުޅުން ގޭ ކަރަންޓީނަށް ގެނެސް މިކަން ނިންމާލެވޭކަށް ނެތެވެ. އެ މީހުންނަށް ފާރަވެރި، ހަރުދަނާ ނިޒާމުތަކެއް ގާއިމުކުރަން ޖެ އެވެ. 

ކުރިން ފާހަގަކުރި ގޮތަށް ބޮޑު އާބާދީއެއް އޮންނަ ލަންކާގައި ބަލި ކޮންޓްރޯލްކުރެވިފައި އޮތްއިރު މިކުޑަކުޑަ ރާއްޖެއަށް މިކަން ހާސިލު ނުކުރެވިގެން މި އުޅެނީ ދެވިފައި ލުއިތަކުން ނޫން ބާވައެވެ. ކޮވިޑްގެ ކޭސްތަކާއެކު އެގައުމުގައި ވެސް ފިޔަވަޅުތައް ވަރުގަދަ ކުރި އެވެ. އަލުން ހުޅުވާލި ހުޅުވާލުމާއެކު މާގިނަ ކޭސްތައް ނުފެނުން ނަމަވެސް ސްކޫލުތައް ބަންދުކުރި އެވެ. އަނެއްކާ ވެސް ކިޔެވުން ފެށީ ކޮންޓްރޯލް ކުރެވުންނެވެ. އަދި ވިޔަފާރި ކުރާ ތަންތަނުން ވެސް ހެދިފައިވާ ގަވާއިދުތަކަށް އިހުނަށް ވުރެ ބޮޑަށް ބޯލެނބީ އެގައުމުގައި އަޅާފައި އޮތް ފިޔަވަޅުތައް ވަރުގަދަ ކަމުންނެވެ. ގޯސްކޮށް ކަމެއްކޮށްފިނަމަ އަދަބު ވެސް ލިބޭނެކަން އެނގޭތީ އެވެ. 

މިއަދު ރާއްޖެއަށް ވެސް މިވަނީ ހަރުކަށި ފިޔަވަޅުތައް އަޅައިގެން ނަމަވެސް އެންމެންގެ ހައްގުގައި މިފަދަ ވަރުގަދަ ފިޔަވަޅުތައް އަޅަން މަޖްބޫރުވެފަ އެވެ. އެތައް ބަޔަކަށް ބަލި ޖެހި އިތުރު ފުރާނަތަކެއް ބަލީގައި ދިއުމުގެ ކުރިން މިކަމަށް ހައްލެއް ހޯދަން ޖެހިއްޖެ އެވެ. ރާއްޖެއިން މިހާރު ދީފައިވާ ލުއިތަކުގައި އިތުރަށް ކުރިއަށްދާނަމަ، ރާއްޖެ، މިހާލަތުން އަރައިގަނެވޭނީ ކޮން ދުވަހަކުން ބާވަ އެވެ ލަންކާ ފަދަ ގައުމަކުން  ކޮވިޑް ކޮންޓްރޯލްކޮށް އަލުން ގައުމު ހިންގާލަން ފަށާއިރު ރާއްޖެ މި އުޅެނީ އަދި ވެސް ފަހަތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް