ads
އިބްރާހީމް ޝުޖާއު--
65 މެމްބަރުން ޗަރުކޭސް ކުޅެމުންދާއިރު ރައްޔިތުން ހަލާކުވެއްޖެ: ޝޫޖާއު
65 މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ޗަރުކޭސް ކުޅެމުންދާއިރު ރައްޔިތުން ހަލާކުވެއްޖެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ އިތުރު ކާފު ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރުކަންވެސް ކުރިން ކުރެއްވި ޝުޖާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް އިރު ރައްޔިތުންނަށް ވީ އެއްވެސް ފައިދާ އެއް ފެންނަން ނެތް ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ 65 މެމްބަރުން މަޖިލީހުގައި "ޗަރުކޭސް" ކުޅެމުންދާއިރު މަސްވެރިންނާއި ދަނޑުވެރިން ހަލާކުވެއްޖެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ދަނޑުވެރިން ހައްދާ އެތިކޮޅު މާލެ ގެނެސް އެސްޓިއޯގައި ވިއްކޭނޭ ޕްލެޓްފޯމެއް ގާއިމް ކުރާނެ ކަމަށް ނޭޝަނަލް ހެލްތު އިމަޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވެފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް ދަނޑުވެރިން ހައްދާ ތަކެތި އެސްޓިއޯގައި ނުވިއްކޭކަމަށެވެ.

ޝުޖާއު ވިދާޅުވީ މިއަދާ ހަމައަށްވެސް ސަރުކާރު ހިއްސާވާ އެސްޓިއޯގައި ރާއްޖޭގެ ދަނޑުވެރިން ހައްދާތަކެތި ވިއްކޭނޭ ގޮތެއް ނެތް ކަމަށެވެ.

އަދި ކޮވިޑް ތެރޭގައި އެސްޓިއޯއިންވެސް ވައްކަން ކުރި ކަމަށް އަޑުއިވޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އަދި ފެންމަތިވެގެން ދިޔައީ 2 ކޮވިޑް ރިޕޯޓުގެ މައްސަލަ ކަމަށާ އެކަމަކު ހައުސިން މިނިސްޓްރީގައިވެސް ކަންތައްގަނޑެއް އުޅޭ ކަމަށް އަޑު އިވޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ. މިސަރުކާރުތެރޭގައި ކޮރަޕްޝަން ނޫން އެހެން އެއްވެސް ކަމެއް ނެތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ދުނިޔާގެ އެކި ގައުމުތަކުންނާއި އެހީދޭ ޖަމިއްޔާތަކުން ނިސްބަތުން އެންމެ ގިނަ ހިލޭ އެހީ ލިބިފައި އޮތީ ރާއްޖެއަށް ކަމަށާ އެކަމަކު އޭގެންވެސް ރައްޔިތުންނަށާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވީފައިދާ އެއް ނެތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މިސަރުކާރު ހިންގާ މައި ޕާޓީއަކީ އެމްޑީޕީ ކަމަށާ އެމްޑީޕީ އަކީ އަބަދުވެސް ބޮޑެތި ވައުދު ވާ ޕާޓީއެއް ކަމަށާ އެކަމަކު އެއިން އެއްވެސް ވައުދެއް ފުއްދޭތަނެއް ނުފެންނަކަމަށެވެ.

ރާއްޖޭގެ އިގްތިސޯދު ފުނޑުފުނޑު ވެފައި މިއޮތީ ކޮވިޑް އާއި ގުޅިގެން ނޫން ކަމަށާ އެއީ މިސަރުކާރުގެ ދޯހަޅި އިގްތިސޯދީ ސިޔާސަތުގެ ސަބަބުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މިސަރުކާރުގެ އިގްތިސޯދީ ސިޔާސަތު ވަނީ އެއްކޮށް ފެއިލްވެފައި ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

މިސަރުކާރުގެ އިގްތިސޯދީ ސިޔާސަތު މިއޮތީ ފެއިލްވެފަ، ރާއްޖޭގައި 4 ބިލިއަން ރުފިޔާ ޗާޕު ކޮށްފިޔޭ އެ ހުރިހާ ފައިސާ އެއް ޚަރަދު ކުރީ ރިކަރަންޓު ހަރަދަށޭ. ކެޕިޓަލް އެއްވެސް ޚަރަދެއް ކޮށްފައެއް ނެތޭ

ޝުޖާއު ވިދާޅުވިއެވެ.

ސަރުކާރު މުވައްޒަފުންނަށް މާދަމާވެސް މުސާރަ ދޭނެ ފަދަ ވެސް ސަރުކާރުގައި ނެތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރަކަށް ވިޔަސް ވައްކަން ކުރީ ކޮންމެ ޕާޓީއެއްގެ ވަޒީރެއްކަމުގައި ވިޔަސް އެމައްސަލަތައް ބެލެން ޖެހޭނެ ކަމަށާ ވަކި ޕާޓީއެއްގެ މީހަކަށް ވީތީ މައްސަލަ ނުބެލި ދޫކޮށްލެވިގެން ނުވާނެކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް