ads
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ވަންއޮންލައިން
ގުޅީފަޅުގައި ޕޯޓު ހެދުމަކީ މާލޭ މީހުންނަށް ދެވޭ އަނިޔާއެއް، ހުއްޓާލަން ޖެހޭ: މުއިއްޒު
މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށްޓަކައި ކުރިއަށް ގެންދާ މަޝްރޫއުއަކީ މާލޭގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގަށްޓަކައި އެކަނި ވެސް ގުޅީފަޅުގައި ޕޯޓު ހެދުން ހުއްޓާލަން ޖެހޭކަމަށެވެ. އަދި އެމަސައްކަތް ހުއްޓާ ނުލާއި ކުރިއަށް ގެންދިއުމަކީ މާލޭގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއްކަމަށް ވިދާޅުވެ މުއިއްޒު ވަނީ ޕޯޓަށް އޮތް ދާއިމީ ހައްލަކީ އަބަދުވެސް ތިލަފުށި ކަމަށް ވިދާޅުވެފަ އެވެ. 

މިނިސްޓަރު މުއިއްޒު އެގޮތަށް ވިދާޅުވިއިރު ގުޅީފަޅު ހިއްކައިގެން ޕޯޓު އެޅިޔަސް އެތަނުގައި ހައުސިން ޔުނިޓް އަޅާނެ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މާލޭގައި ދަތި ހާލުގައި އުޅެމުން އަންނަ މީހުންގެ އަދަދުތައް ބަލާއި އެކަންކަން ދެނެގަތުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޕޯޓު އެޅުމުގެ ވިސްނުން އޮތީ ތިލަފުށީގަ އެވެ. އެކަމާއި ގުޅިގެން މީގެ ކުރިން އެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ އަހުމަދު ސައީދު ވެސް ވަނީ ގުޅީފަޅުގައި ޕޯޓު އެޅުމުގެ މަސައްކަތް ކުރަން ފެށުމާއެކު ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

އެގޮތުން ގުޅީފަޅަކީ ކޮމާޝަލް ޕޯޓް ހެދަން އެންމެ ރަނގަޅު ތަން ނޫންކަން ޗާޓަށް ބެލިޔަސް އެނގޭ ކަމަށާއި ތިލަފުށީގައި ޕޯޓު އަޅަން ނިންމީ ރާއްޖޭގެ އިގްތިސޯދު ފުޅާކޮށް މެރިޓައިމް ކޮމާންސްގެ ފައިދާ އެންމެ ފުޅާ މިނެއްގައި ނެގުމަށް ކަމަށް ވިދާޅުވި އެވެ. 

މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަމުން އަންނައިރު އެކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެކަމަކު މިނިސްޓަރު އަސްލަމް ވަނީ ތިމާވެއްޓަށް ނޭދެވޭ އަސަރުކުރި ނަމަވެސް އިގްތިސޯދަށް މާބޮޑަށް ފައިދާވާނެ ކަމަށް ވިދާޅުވެފަ އެވެ. 

އަސްލަމް ވިދާޅުވީ ތިލަފުށީގައި ވެސް އެ ބަނދަރު ހެދުމުގެ ވިސްނުން އޮތް ނަމަވެސް އެތަނުގައި މަޝްރޫއު ކުރިއަށް ނުގެންދިޔައީ އެތަނީ ކުނި ޖަމާކުރާ ރަށަކަށް ވުމުން ކަމަށެވެ. އެގޮތުން ވިދާޅުވީ ޕޯޓަކީ ކާބޯތަކެތި ވެސް އެތެރެކޮށް ބޭރުކުރާނެ ތަނެއް ކަމުން އެގޮތަށް އެކަން ކުރުމަކީ ރައްކާތެރިކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ދެން އެކަން މާލެ ސަރަހައްދުން އެންމެ ރަނގަޅަށް ކުރެވެން އޮތް ތަނަކީ ގުޅީފަޅުކަމަށް ވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް