9770
CONFIRMED

DEATHS
8390
RECOVERED
🌏31,245,797
INFECTED
🌏21,394,593
RECOVERED
🌏963,693
DEATH
🌏68%
RECOVERY RATE
ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން: ހިޔާނާތުގެ މައްސަލަތަކަށް ނިމުމެއް ނެތް-- ފޮޓޯ: ރައީސް އޮފީސް
ދެންވެސް ކޮރަޕްޝަން ހުއްޓުވޭނެކަމަށް ގަބޫލެއްނުކުރެވޭ!
Share
މިދިޔަ ހަފްތާ ތެރޭގައި އެންމެ ގަދަޔަށް ދެކެވުނު ވާހަކައަކީ ހެލްތު މިނިސްޓްރީން ރައްޔިތުން ގޭގައި ތިއްބާ ހިންގާފައިވާ ބޮޑު ކޮރަޕްޝަނާގުޅޭ ވާހަކައެވެ. ކޮވިޑްގެ ނުރައްކާތެރި، އަދި ރައްޔިތުން އެންމެ ނިކަމެތިވި ދުވަހު، ވެންޓިލޭޓަރު ގަތުމުގެ ނަމުގައި ސަރުކާރު ތެރެއިން ހިންގާފައިވަނީ ފިތްކަނޑައިގެންދާވަރުގެ ބޮޑެތި އިހުމާލުތަކެއްކަން އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ. ދައުލަތުގެ ފައިސާއާ ގުޅޭ ކަންކަމުގައި ގާނޫނުތަކާއި ގަވާއިދުތައް ހެދިފައިވީކަމުގައި ވިޔަސް، މިފަދަ ބޮޑު ކަމެއް ހިންގާފައި މިވަނީ އެތައް ބަޔަކު ފާރަވެރިވުމަށް ތިއްބައެވެ.
Advertisement

މިހާރުގެ ސަރުކާރަކީ ކޮރަޕްޝަނާ ދެކޮޅަށް ކެމްޕޭންކޮށްގެން ރައްޔިތުންގެ ތާއިދު ހޯދައިގެން ވެރިކަމަށް އައި ސަރުކާރެކެވެ. ރައީސް ޔާމިންގެ ސަރުކާރުގައި ގޯސްކޮން ހިންގާފައިވާ އެތައް ކަމަކާއި ދެކޮޅަށް، މިހާރު ވެރިކަމުގައި، ދައުލަތުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން ވަނީ އުޑު އުފުލާފައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރި އިމާރާތުގެ އަގު ބޮޑު ވާހަކައެވެ. ބުރިޖުގެ އަގު ބޮޑު ވާހަކައެވެ. އެއާޕޯޓް ރަންވޭ އާއި ޓާމިނަލް ޕޮރޮޖެކްޓުގެ އަގު ބޮޑު ވާހަކައެވެ. ހުޅުމާލޭގައި ހިންގާ ހައުސިން ޕްރޮޖެކްޓްތަކުގެ އަގު ބޮޑު ވާހަކައެވެ. އަދި އެންމެ ބޮޑު ސީރިއަސް ކަމެއްގެ ގޮތުގައި ފާހަގަވެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތެވެ. ބެލެވޭ ގޮތުގައި ރައީސް ޔާމިން އަބްދުލްގައްޔޫމް ދެވަނަ ދައުރަކަށް ނުހޮވުމުގެ އެންމެ ބޮޑު އެއް ސަބަބުކަމުގައި މިދެންނެވި ކޮރަޕްޝަންގެ ތުހުމަތުތައް ހިމެނެއެވެ.

ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ކޮރަޕްޝަންގެ އަމަލުތައް އެންމެ ގިނައިން ހިނގާ ގޮތަކީ، ސަރުކާރުގެ ތެރެއިން ވިޔަފާރިވެރިންނަށް ބޭނުންވާ ހުއްދަތަކާއި، ބިމާއި ވަސީލަތްތައް ހޯދުމަށް ހުންނަ ގަވާއިދުތަކާއި އުސޫލްތަކުގެ ބޭރުން ނުވަތަ އުސޫލްތަކުގެ ނާޖާއިޒު ފައިދާ މަގާމުގެ ނުފޫޒުން ސަރުކާރުގެ ވެރިން ހޯދައި ދިނުމެވެ. ކޮރަޕްޝަންގެ އަމަލެއް ސަރުކާރުގެ އިސް މަގާމެއްގައި ހުންނަ މީހަކު ހިންގުމުގެ ކުރިން ވިސްނާނީ މައިގަނޑު ދެކަމަކަށެވެ. 

އެއީ، އޭނާ އެ އަމަލެއް ހިންގައިގެން ފަޅާއެރުމުގެ ޗާންސް އޮތީ ކިހާ މިންވަރަކަށް ތޯ އާއި، ފަޅާ އަރައިފިނަމަ ލިބޭނޭ އަދަބަކީ ކިހާވަރެއްގެ އަދަބެއް ތޯއެވެ. ދުނިޔޭގައި ކޮރަޕްޝަން މަދު ގައުމުތަކުގައި، ނިޒާމުތައް އެކުލަވާލެވިފައިވަނީ ފަސޭހައިން ކޮރަޕްޝަން ދެނެގަނެވޭނެ ގޮތަށް، ހަރުދަނާ އުސޫލްތަކާއި ކޮންޓްރޯލްތަކާއި އެކުގައެވެ. މީގެ އިތުރުން، މިފަދަ ގައުމުތަކުގައި، ގާނޫނުތައްވެސް ހުންނަނީ މިފަދަ އަމަލެއް ހިންގައިފި މީހަކަށް ވަރަށް ހަރުކަށި އަދަބު ލިބިގެންދާފަދަ ގޮތަކަށެވެ. މިހެންކަމުން، ކޮރަޕްޝަންގެ އަމަލެއް ހިންގުމަށް ވިސްނުމުގެ ކުރިން ގިން ބަޔަކު ޖެހިލުންވެއެވެ.

ރާއްޖޭގެ ހާލަތު އޮތީ ކިހިނެއްތޯއެވެ. އެފްޕީއައިޑީ މެދުވެރިކޮށް ބޮޑު ޚިޔާނާތެއް ހިނގައިގެން ދިޔައިރު، މިކަމުގައި ޚިޔާނާތް ބޮޑު ކަމުން ފިއްކަނޑައިގެން ދިޔަ ކަމުގައި ވިޔަސް، ފިއްކަނޑައިގެން ދާވަރުގެ އަދަބެއް މީހަކަށް ލިބުނު އަޑެއް ނީވެއެވެ. ސެވަން އިލަވަންގެ ނަމުގައި ނުގަވާއިދުން ބޮޑު ވިޔަފާރިއެއް ރާއްޖޭގައި ހިންގަމުން ގޮސް އެކަން ފަޅާ އެރުމުން، ފިއްކަނޑައިގެންދާވަރުގެ އަދަބެއް ބަޔަކަށް ލިބުނު އަޑެއް ނީވެއެވެ. އެސްޓީއޯ މެދުވެރިކޮށް ސްރީލަންކާއިން ސައިފަތް ދަނޑެއް ގަނެ، ފަހުން ނުއަގުގައި ވިޔަފާރި ވެރިއަކަށް ވިއްކާލެވިގެން ދިޔަކަމަށް ކޮންމެވެސް އޮޑިޓް ރިޕޯޓަކުން ފެނުމުން ދިވެހިން ފިތްކަނޑައިގެން ދިޔަކަމުގައިވިޔަސް އެއްވެސް މީހަކު ޒިންމާ ކުރެވި އަދަބު ދެވުނު ބާވައެވެ. 

ޑޮލަރު ގަތުމުގެ ނަމުގައި އެސްޓީއޯއިން ބައެއް ވިޔަފާރިވެރިންނަށް ބޮޑެތި އަދަދުން ދިވެހި ފައިސާ ދޫކުރަމުންދިޔަކަން ފަޅާ އެރުމުން އެކަމާ އެއްވެސް މީހަކަށް އަދަބެއް ލިބުނުބާވައެވެ. އެސްޓީއޯ މެދުވެރިކޮށް ތެލުގެ ވަގު ވިޔަފާރިން 800 މިލިއަން ޑޮލަރު ހޯދައި އެއަށް ޚިޔާނާތްތެރިވީކަމަށް ތުހުމަތު ކުރެވުނު މީހާއަށް ދިވެހިން އެންމެ ފަހުން ދިނީ ރާއްޖޭގެ ރައީސްކަމެވެ. ދެން މިޖެހެނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް 200 މިލިއަން ޑޮލަރު ވަގަށް ނެގި ވާހަކަ ދައްކާށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި އެންމެ ކުރީ ސަފުގައި ހުރީ ކުރީގެ ނައިބު ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. އަދީބަށް ޓޫރިޒަމް މިނިސްޓަރުކަން ލިބިފައިވަނީ މުހައްމަދު ވަހީދު ހަސަން މަނިކުގެ ރައީސްކަމުގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އޭގެ ފަހުން 2013 ގެ ނޮވެމްބަރާއި ޖެހެންދެން ދިވެހިން ދަންނަ އެއް ކަމަކީ ޕީޕީއެމްއަށް ބޭނުންވާ ފައިސާ ވިޔަފާރިވެރިންގެ އަތުން ހޯދައި ދެނީ އަދީބުކަމެވެ. މިއީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުން ނޫން އިތުރު ކޮން ކަމެއްތޯއެވެ؟

މިއީ ރިޝްވަތު ނޫން އިތުރު ކޮން އެއްޗެއްތޯއެވެ؟ އެކަމަކު، މިކަމާއި ކަންބޮޑުވެ، މިއީ މައްސަލައަކަށްވެ، އަދީބުގެ މައްސަލަ އެއްވެސް ފަރާތަކުން ބެލިތޯއެވެ؟ މުހައްމަދު ވަހީދު އެއްފަހަރަކު އަދީބުގެ އަމަލުތައް ހުންނަ ގޮތުން އޭނާ ވަކި ކުރަން އުޅުމުން ޕީޕީއެމް އިން ފާޅުގައި ބުނެފައިވަނީ އަދީބު ވަކި ކޮށްފިނަމަ ޕީޕީއެމް ސަރުކާރުގެ ކޯލިޝަނުން ވަކިވާނެކަމެވެ. މިގޮތަށް ބްލެކްމެއިލް ކުރުމާއިއެކު ވަހީދަށް ޖެހުނީ އަދީބު މިނިސްޓަރުކަމުގައި ބަހައްޓާށެވެ.

ދެން އައީ ޔާމީންގެ ވެރިކަމެވެ. އަދީބުވަނީ އަނެއްކާ ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަންކުރެވިފައެވެ. ކުރިން ކަން ކުރަމުން އައި މިންވަރަށްވުރެ އެތައް ދަރަޖައަކަށް ކަންކަން ދިޔައެވެ. އަނެއްކާވެސް ދަންނަވަން ޖެހެނީ، އެންމެ ކުޑަ ކުއްޖާއަށްވެސް އެދުވަސްވަރު އަޑު އިވެމުން ދިޔަ ވާހަކައެވެ. އެއީ ފަޅެއް ނުވަތަ ރަށެއް ހޯދަން ބޭނުން ނަމަ ދެ ޗެކެއް ހިފައިގެން  އަދީބު ކައިރިއަށް ދިއުމަށެވެ. އެއީ އަދީބަށް ދޭންޖެހޭ ޗެކަކާއި، ސަރުކާރަށް ދައްކަންޖެހޭ އެކުއިޒިޝަން ފީގެ ޗެކެވެ. މިގޮތަށް އަދީބު ރިޝްވަތު ނަގަމުން އަންނަ ކަން މިއީ އެންމެނަށް އަޑު އިވެމުން ދިޔަ ކަމެކެވެ. އަދި އަދީބުގެ ދިރިއުޅުމުގެ ފެންވަރާއި ވައްޓަފާޅިން މިކަމަށް ހެކި ލިބި ބާރު ލިބެމުން ދިޔައެވެ.

އޭނާގެ ދިން ފައިސާއިން ނޫސްތައް އެފެދުނެވެ. އޭނާ ދިން ފައިސާއިން ޓީވީ ޗެނަލްތައް އުފެދުނެވެ. ކެފޭ ރެސްޓޯރަންޓްތަކާއި، ފިހާރަތައް ހުޅުވުނެވެ. މާލެއިން ބިންބިން ގަނެވުނެވެ. މިހުރިހާކަމެއް އެތައް ބަޔަކަށް އެގެއެވެ. އެހެނަސް، މިހުރިހާ ކަމެއް އެނގި ތިބެ، އެމްޑީޕީން ވަނީ ޖަމީލް ނައިބު ރައީސްކަމުން ވަކި ކުރުމަށް ވޯޓު ދީފައެވެ. މިހުރިހާ ކަމެއް އެނގިތިބެ އެމްޑީޕީ މެމްބަރުންވަނީ އަދީބު ނައިބު ރައީސްކަމަށް އިސްކުރުމަށް ތާއީދުކޮށް ވޯޓުދީފައެވެ.

އޭގެ ފަހުން މާކަ ގިނަ ދުވަހެއްނުވެ، ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވައި، ރައީސް ޔާމީން އަވަހަރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި އަދީބު ހައްޔަރު ކުރެވުނެވެ. އެއާއިއެކު، އެނގިގެން ދިޔައީ ފިތްކަނޑައިގެންދާވަރުގެ ކަމެކެވެ. އެމްއެމްޕީއާރްސީ މެދުވެރިކޮށް އެތައް ރަށަކާއި ފަޅެއް ދޫކޮށް، ދައުލަތަށް ވަންނަންޖެހޭ އެކުއިޒިޝަން ފީގެ އެތައް މިލިއަން ޑޮލަރެއްވަނީ އަދީބު އިސްކޮށް ހުރެ ވަގަށް ނަގާފައެވެ. 

ދައުލަތުގެ ތިޖޫރީއަށް ޖަމާކުރުމުގެ ބަދަލުގައި އަމިއްލަ ކުންފުންޏެއްގެ އެކައުންޓަކަށް ޖާމާކުރަމުން ގޮސް 80 މިލިއަން ޑޮލަރުވަނީ ވަގަށް ނަގާފައެވެ. މާގިނަ ދުވަހެއް ނުވެ، އަދީބަށް 33 އަހަރުގެ ޖަލު ހުކުމެއް އައެވެ. ނަމަވެސް، މިއީ މިދެންނެވި ޚިޔާނާތާއި ގުޅިގެނެއް ނޫނެވެ. ލޯންޗު ގޮއްވާލުމާއި، ފިސްތޯލައެއް ގެންގުޅުމާއި މިފަދަ ކަންކަމުގައެވެ. އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅިގެން މިހާތަނަށް އަދީބަކަށް ހުކުމެއް ނާދެއެވެ. އަދި ދައުލަތަށް ގެއްލިގެން ދިޔަ އެތައް މިލިއަން ޑޮލަރުގެ ތެރެއިން އެންމެ ޑޮލަރެއްވެސް އަދި ނުހޯދެއެވެ.

ދެން ވިދާޅުވެ ދެއްވާށެވެ. މި ރާއްޖެއިން ކޮރަޕްޝަން ދެންވެސް ހުއްޓުވޭނެތޯއެވެ؟

އެޑިޓަރުގެ ނޯޓް:

ޝަހުލް ހުސައިން އަކީ ސީއެންއެމް ނޫހަށް ލިޔަމުންދާ ލިޔުންތެރިއެކެވެ. މައިގަނޑުގޮތެއްގައި ލިޔަމުންދަނީ އިޖުތިމާއީ އިގުތިސާދީ ދާއިރާގެ މައްސަލަތަކާ ބެހޭ ގޮތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް