އައިޖީއެމްއެޗުން އެގޮތަށް އެދިފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދާ ދެ ޕޭޝަންޓަކާއި ގުޅިގެން "ދިވެހި ޗެނަލް" އިން ރޭގެ ވަގުތެއްގައި ގެނެސްދިން ހަބަރަކާ ގުޅިގެންނެވެ.
އެ ހަބަރު ދޮގުކޮށް އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގައި އެކި ބަލިބައްޔަށް ފަރުވާ ދެމުންދާ ޕޭޝަންޓުގެ ތެރެއިން އެ ދެ ޕޭޝަންޓުންނަކީ މެއި މަހުގެ އެއް ވަަނ ދުވަހު ކޮވިޑް-19 ގެ އޭރުގެ ހާލަތާއި ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަކީ ކޮވިޑް-19 އަށް ހައްސަ ހޮސްޕިޓަލުގެ ގޮތުގައި ހަމަޖެހުމާއި ގުޅިގެން އެ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ އަދި ހޮސްޕިޓަލުގައި ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ރަޖިސްޓަރީކޮށް، އެނދުމަތިކޮށް، އުސޫލުތަކާއި އެއްގޮތަށް ފަރުވާ ދެމުންދާ ޕޭޝަންޓުން ކަމަށެވެ.
އަދި އެ ޕޭޝަންޓުންނަކީ އާސަންދައިން ކަވަރު ނުކުރާ ޕްރައިވެޓް ރޫމް ޗާޖް ފަދަ ހަރަދުތައްވެސް، ކަނޑައެޅިފައިވާ ގަވާއިދާއި އެއްގޮތަށް ބަރާބަރަށް ދައްކަމުން އަންނަ ފަރާތްތަކެއްކަމަށައި އެގޮތުން އެ ހޮސްޕިޓަލުގެ ސީ.އީ.އޯ އިބްރާހީމް ސަލީމްގެ އާއިލީ ބައެެއް ކަމަށް އެ ހަބަރުގައި ރިޕޯޓްކޮށްފައިވާއިރު އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ.
އޭގެ އިތުރުން ބަޔާނުގައި ވަނީ ހޮސްޕިޓަލުގެ އިސްވެރިންނާއި ޑޮކްޓަރުން އަދި ޕޭޝަންޓުން ވެސް ބަދުނާމުވާގޮތަށް ކަމުގެ ހަގީގަތް އެއްވެސް މިންވަރަކަށް ސާފުކުރުމެއް ނެތި ނުފެތުރުމަށް ވެސް އެދިފަ އެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ހުރިހާ ރައްޔިތުންގެ ހިތުގައި އިންތިހާއަށް ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، އެފަދަ ދޮގު ވާހަކަތައް ފެތުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބުނެފަ އެވެ.