ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު--
ޑިފެންސް އާ އިމާރާތް ރެއިންބޯއާ ހަވާލުކުރީ އުސޫލާ އެއްގޮތަށް: ފިނޭންސް
މިނިސްޓްރީ އޮފް ޑިފެންސްގެ އިމާރާތް ހެދުމަށް ރެއިންބޯ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައި ވަނީ ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރުމުގައި އަމަލު ކުރާނެ އުސޫލާ އެއްގޮތަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން އެކެއް އޭޕްރީލްގައި ގެޒެޓް ކުރެވި ނޭޝަނަލް ޓެންޑާ ބޯޑުން އަމަލު ކުރުމަށް ލާޒިމުކޮށްފައިވާ އުސޫލުގެ ބޭނުމަކީ ނޭޝަނަލް ޓެންޑަރިން އެވޯޑް ކުރާ މަޝްރޫއުތައް އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމާއި ގިނަ ކުންފުނިތަކަށް މަސައްކަތް ހަވާލު ކުރެވޭނެ ގޮތަށް ނިޒާމު ބައްޓަން ކުރުން ކަމަށެވެ. 

އެކަމާ ގުޅޭ ގޮތުން މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ޖަމްއިއްޔާ މަސީ އަދި އެނޫންވެސް އެކަމާ ގުޅޭ އެހެނިހެން ފަރާތްތަކާ ވެސް ވަނީ މަޝްވަރާ ކުރެވި ހިޔާލު ހޯދާފައި ކަމަށް މިނިސްޓްރީން ބުނެ އެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ ޑިފެންސް އިމާރާތް ހެދުމަށް ހުޅުވާލެވުނު ޓެންޑާގެ މަސައްކަތް ކުންފުންޏަކާއި ހަވާލުކުރިއިރު ބަލާފައި ވަނީ އެ އުސޫލާއި އެއްގޮތަށް ކަމަށާއި އެގޮތުން އެ ޓެންޑާގައި އެންމެ ކުޑަ އަގެއް ހުށަހަޅާފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑު ކަމަށާއި އެހެން ނަމަވެސް އެ ބިޑް އެވޯޑްކޮށްފައިވަނީ ދެވަނައަށް އެންމެ ކުޑައަގު ހުށަހެޅި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ. 

އެގޮތަށް އެކަން ދިމާވީ އެއީ ކުންފުނިތަކަށް އެއްފަހަރާ ޓެންޑާތަކުގައި މަސައްކަތް ކުރެވޭނެ ވަކި އަދަދުތަކާއި ޖުމްލަ ފައިސާގެ އަދަދު އެ އިއުލާނުން ކަނޑައަޅާފައިވާތީ ކަމަށާއި އެ އުސޫލުގެ ދަށުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އެއްފަހަރާ މަސައްކަތް ކުރެވޭނީ 300 މިލިއަން ރުފިޔާ އާއި ހަމައަށް ކަމަށެވެ.

އަދި އެއްފަހަރާ މަސައްކަތް ކުރެވޭނެ ޓެންޑާތަކުގެ އަދަދަކީ ގިނަ ވެގެން އަށެއް ކަމަށާއި މިވަގުތު އެ ކުންފުނިން 310 މިލިއަން ރުފިޔާގެ މަޝްރޫއުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެއީ ޖުމްލަ 11 ޕްރޮޖެކްޓެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އެހެންކަމުން އެ އުސޫލުގެ ދަށުން ދެވަނައަށް އެންމެ ކުޑަ އަގެއް ހުށަހެޅި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް އެ ބިޑް ކާމިޔާބުވީ ކަމަށެވެ. 

އެ އުސޫލު ތަންފީޒު ކުރެވުނު ފަހުން އަމަލު ކުރެވެމުން އަންނަނީ އެ އުސޫލުގެ ދަށުން ކަމަށާއި އަދި ކުރިމަގުގައި ވެސް އެކަން ކުރިއަށްދާނީ އެގޮތުގެ މަތިން ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ އެފަދަ މައުލޫމާތުތައް ވެބްސައިޓުގައި ހާމަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތަކަށް އެފަދަ ކަންތައްތައް ހިނގާ ގޮތުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރުން ކަމަށެވެ.

ފިނޭންސް އިން އެ ޕްރޮޖެކްޓް ހަވާލުކުރީ އޭޕްރީލް އެކެއްގައި އަމަލުކުރި އުސޫލުގެ ތެރެއިން ކަމަށް ބުނާއިރު، ފާޑުކިޔުން އަމާޒުވެފައި ވަނީ އެ ބިޑަކީ އެ އުސޫލު އިއުލާނު ކުރުމުގެ ކުރިން ބީލަމުގެ ހުރިހާ މަރުހަލާއެއް ނިމިފައި އޮތް ބިޑަކަށް ވުމުންނެވެ. އެގޮތުން އެ ޕްރޮޖެކްޓަށް ބިޑް ކުރަން އިއުލާނު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހު އެވެ. އަދި މި އަހަރުގެ ޖެނުއަރީގައި 27 ގައި އޮތީ ބިޑް އޯޕަނިން ވެސް ބާއްވައިފަ އެވެ.

ބީލަމުގެ މަރުހަލާ އެއްކޮށް ނިމިފައި އޮއްވާ މާ ފަހުން އޭޕްރީލް އެކެއްގައި އިއުލާނު ކުރެވި، އަމަލު ކުރަން ފެށި އުސޫލުގެ ދަށުން އެ ޕްރޮޖެކްޓަށް އެންމެ ކުޑަ އަގު ހުށަހެޅި ކުންފުންޏަށް ނުދީ، އެ ކުންފުންޏަށް ވުރެ 5.5 މިލިޔަން ރުފިޔާ ބޮޑުކޮށް ހުށަހެޅި ކުންފުންޏާ އެ މަސައްކަތްތައް ހަވާލުކުރުމަކީ، ބޭރުގެ މާލީ އިދާރާތަކުގެ ބެސްޓް ޕްރެކްޓިސް އާ ވެސް ހިލާފު ކަމެކެވެ. އެގޮތުން ބިޑް ކުރުމުގެ މަރުހަކާލެ ތެރެއިން ކްރައިޓީރިއާ ބަދަލު ކުރުން ނުވަތަ ބިޑް މަރުހަލާ ނިމޭ ފަހުން އާ އުސޫލެއް ހަދައި، އެ އުސޫލަށް އެ ބިޑް ލެންބުމަކީ ބީލަންވެރިންގެ ހައްގު ގެއްލި، ކޮރަޕްޝަނުގެ ތެރެއިން ބޭނުންވާ ވަކި ކުންފުންޏަކަށް ޕްރޮޖެކްޓް ހަވާލު ކުރުމަށް "ބިޑް މެނިޕިއުލޭޓް" ކުރުން ކަމަށް ބެލެވޭނެ ކަމަށް ބޭރުގެ މާލީ އިދާރާތަކުގެ ގައިޑްލައިންތަކުގައި ބުނެ އެވެ.

އޭގެ އިތުރުން އެއްވެސް ގާނޫނަކީ އެ ގާނޫނެއް އުފަންވުމުގެ ކުރިން ހިނގާފައި އޮންނަ ކަމަކަށް ބޭނުން ކުރެވޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން މިނިސްޓްރީ އަކުން ނެރޭ މި ފަދަ އުސޫލެއް ވެސް، އެ އުސޫލުގެ ކުރީގެ ބިޑް ތަކަށް ބޭނުމެއް ނުކުރެވޭނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ. އަދި ހައި ކޯޓުގެ އެޗްސީ-އޭ/431 ވަނަ ގަޒިއްޔާ އިން އެކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.

ހެލްތު އެންޑް ގްލޯ ޕްރައިވެޓް ލިމިޓެޑުން ދައުލަތް (އައިޖީއެމްއެޗް) އާ ދެކޮޅަށް ހުށަހެޅި މިފަދަ މައްސަލައެއް ބެލުމަށް ފަހު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން އިއްވި ހުކުމުގައި ބުނެފައިވަނީ ބީލަމެއް އިވެލުއޭޓް ކުރުމުގައި ބަލަން ވާނީ އެ ބީލަމުގެ އިއުލާނުގައި ނުވަތަ މައުލޫމާތު ކަރުދާހުގައި ނުވަތަ ބީލަން ފޮތުގައި ބުނެފައިވާ ގޮތާއި، ކްރައިޓީރިއާ އާ އެއްގޮތަށް ކަމަށެވެ. އަދި އެ ނޫން ގޮތެއް ނުވަތަ ކްރައިޓީރިއާ އެއް ބީލަންތައް އިވެލުއޭޓް ކުރުމުގައި ބޭނުންކޮށްގެން ނުވާނެ ކަން ދައުލަތުގެ މާލިއްޔަތު ގަވާއިދުން ސާފުކޮށް އެނެނގޭ ކަމަށް ވެސް އެ ހުކުމުގައި ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް