ads
ރައްޔިތުންގެ މަޖިލީހުގެ 87 މެމްބަރުންގެ ތެރޭގައި ހިމެނޭ ހަމައެކަނި ހަތަރު އަންހެން މެމްބަރުން-- ފޮޓޯ: ސަން
އަންހެނުން އިންތިހާބު ކުރަން ބިރު ގަންނަނީ ކީއްވެ؟
ގިނަ ޕާޓީތަކުގެ ބައިވެރިވުމާއެކު ހިންގާ ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް އައިތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ މުއްދަތުގެ ތެރޭގައި ހަތަރު ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބާއި، ލޯކަލް ކައުންސިލުތަކުގެ ތިން އިންތިހާބު ބާއްވައިފި އެވެ. ކޮންމެ އިންތިހާބަކުން ވެސް ފާހަގަވާ އެއް ކަމަކީ އާބާދީގެ ދެބައި ކުޅަ އެއްބައި ތަމްސީލް ކުރާ އަންހެނުން، މަގާމުތަކަށް ކުރިމަތިލާ އަދި އިންތިހާބުވާ މިންވަރު މަދު ކަމެވެ.
ގިނަ ޕާޓީތަކުގެ ބައިވެރިވުމާއެކު ހިންގާ ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް އައިތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ މުއްދަތުގެ ތެރޭގައި ހަތަރު ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބާއި، ލޯކަލް ކައުންސިލުތަކުގެ ތިން އިންތިހާބު ބާއްވައިފި އެވެ. ކޮންމެ އިންތިހާބަކުން ވެސް ފާހަގަވާ އެއް ކަމަކީ އާބާދީގެ ދެބައި ކުޅަ އެއްބައި ތަމްސީލް ކުރާ އަންހެނުން، މަގާމުތަކަށް ކުރިމަތިލާ އަދި އިންތިހާބުވާ މިންވަރު މަދު ކަމެވެ.

ދެ ޖިންސުގެ މެދުގައި އޮންނަ ފަރަގު ނައްތާލުމަށް ރާއްޖެއިން ވަނީ ގާނޫނީ ގޮތުން ގިނަ ކުރިއެރުންތަކެއް ހޯދާފަ އެވެ. ދުނިޔެ އާއި ރާއްޖޭގައި ވެސް ޒަމާނުއްސުރެ ކަންކަން ހިނގާ ގޮތަށް ބަލާއިރު، އަންހެނުންނަށް ވުރެ ފިރިހެނުން ބާރުވެރި އެވެ. މުޖުތަމައުގައި ފިރިހެނުންނަށް ލިބިދޭ އިހްތިޔާރުތަކާއި ފުރުސަތުތައް ހަމަހަމަ ކަމާއެކު އަންހެނުންނަކަށް ނޯވެ އެވެ. އެހެންވެ ގާނޫނީ ގޮތުން ބަދަލުތަކެއް ގެންނަން ޖެހެނީ ހަމަހަމަ ފުރުސަތު އަންހެނުންނަށް ކަށަވަރު ކުރުމަށެވެ.

އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ގެންގުޅޭ އެއް ސިޔާސަތަކީ އިންތިހާބީ މަގާމުތަކުން ވަކި ނިސްބަތެއް އަންހެނުންނަށް ކަނޑައެޅުމެވެ. މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބުގައި ވެސް ކޯޓާ ކަނޑައަޅައިގެން އަންހެނުން ތަމްސީލް ކުރާ މިންވަރު ގައުމުތަކުގައި އިތުރު ކުރެ އެވެ. އެ ބަދަލުގެ ހެޔޮ ނަތީޖާ ވެސް ގިނަ ގައުމުތަކުން ފެންނަމުން ދެއެވެ.

އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޮ ޑިމޮކްރަސީ އެންޑް އިލެކްޓޯރަލް އެސިސްޓަންސް އިން ބުނާ ގޮތުގައި ދުނިޔޭގެ ގައުމުތަކުގެ ދެބައި ކުޅަ އެއްބައި ގައުމުގެ އިންތިހާބީ މަގާމުތަކަށް އަންހެނުންނަށް ހާއްސަ ކޯޓާއެއް ކަނޑައަޅާފައި ވެއެވެ. އާއްމު ގޮތެއްގައި ކޯޓާ ކަނޑައަޅަނީ ތިން ގޮތަކަށެވެ. އެއީ މަގާމު ރިޒާވް ކުރުމާއި، ގާނޫނީ ގޮތުން ވަކި އަދަދެއްގެ ކެންޑިޑޭޓުން ނެރެން ޖެހުމާއި، ސިޔާސީ ޕާޓީތަކުން އަމިއްލަ އިސް ނެގުމަށް ވަކި އަދަދެއްގެ ކެންޑިޑޭޓުން ނެރުމެވެ.

ރާއްޖޭގެ ހަތަރުވަނަ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރިލް ހަތަރުވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނައިރު، ލާމަރުކަޒީ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ ކައުންސިލުތަކުގެ 33 އިންސައްތަ އަންހެނުންނަށް ކަނޑައެޅުމަށެވެ. މިއީ އިންތިހާބީ މަގާމުތަކުގައިވާ އަންހެނުންގެ އަދަދު އިތުރު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅެއް ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ.

ޔޫއެންޑީޕީން 2017 ވަނަ އަހަރު ކުރި ދިރާސާއަކަށް ފަހު ބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އަދިވެސް ކުޑަ ކަމަށެވެ. ނަމަވެސް "ގްރާސްރޫޓް" ލެވެލްގައި ފިރިހެނުންނާއި އެއްވަރަށް އަންހެނުން މަސައްކަތް ކުރެ އެވެ. އަންހެނުންނަށް ހަމަހަމަ ފުރުސަތު ނުލިބެނީ މަގާމުތަކާ ހަމައިންނެވެ. ޕާޓީތަކުގެ އެތެރޭގެ މަގާމުތަކާއި އާއްމު އިންތިހާބީ މަގާމުތަކުގައި ވެސް އަންހެނުން މަދެވެ.

އެންމެ ފަހުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ޖުމްލަ ދިވެހިންގެ އާބާދީއަކީ 338،434 އެވެ. އޭގެ ތެރެއިން 171،962 އަކީ ފިރިހެނުންނެވެ. އަދި 166،472 އަކީ އަންހެނުންނެވެ. އާބާދީގެ ގާތްގަނޑަކަށް 50 އިންސައްތައަކީ އަންހެނުންނެވެ. މަތީ ތައުލީމް ހާސިލް ކުރާ އާބާދީއަށް ބެލި ނަމަވެސް، ފިރިހެނުންނަށް ވުރެ އަންހެނުން ގިނަ އެވެ. ނަމަވެސް ވަޒީފާގެ މާހައުލުގައި ދިމާވަނީ އޭގެ އިދިކޮޅެވެ. ސިޔާސީ މައިދާނުގައި ވެސް ހަމަ އެހެންނެވެ.

ޔޫއެންޑީޕީގެ ދިރާސާއިން އެނގުނު ގޮތުގައި އެގޮތަށް އެކަން ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދީނީ އަދި ސަގާފީ ގަބޫލު ކުރުންތައް ހިމެނެ އެވެ. އަންހެނުންނަކީ ގޭގައި ދަރިން ބަލަން ތިބެން ޖެހޭ ބަޔެއްގެ ގޮތުގައި ޒަމާނުއްސުރެ ސިފަ ކުރުމާއި، މަގާމަކަށް ކުރިމަތިލާ ނަމަ އާއިލާގެ އެއްބާރުލުން ނުލިބުން އޭގެ ތެރޭގައި ހިމެނެ އެވެ. މިފަދަ ވިސްނުންތަކުގެ ސަބަބުން އަންހެނުންގެ ކެމްޕޭނަށް ބޭނުންވާ ފައިސާ ހޯދުމުގައި ވެސް ދަތިތައް ދިމާވެ އެވެ.

އެ ހުރިހާ ފަރަގެއް ނައްތާލުމަށް އޮތް މަގަކީ އަންހެނުންނަށް އިންތިހާބީ މަގާމުތަކުން މިންވަރެއް ކަނޑައެޅުން ކަމަށް ނުދެކޭ ބަޔަކު ވެސް އެބަ އުޅެ އެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ދެކެވަޑައިގަންނަވާ ގޮތުގައި ލާމަރުކަޒީ ގާނޫނަށް އެފަދަ އިސްލާހެއް ގެނައުމަކީ ފިރިހެނުންނާ މެދު ތަފާތު ކުރުމެވެ. ދެ ޖިންސުގެ މެދުގައި ތަފާތު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފުވުން ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން އެކަމެއް ނުކުރެވޭނެ. ގާނޫނު އަސާސީގައި ބުނެފައި އޮންނަނީ ވަކި ޖިންސަކުން، ވަކި ކުލަޔަކުން، ވަކި ނަސަބަކުން، ހަސަބަކުން އަޔަތީ ތަފާތެއް ނުކުރެވޭނެ ކަމަށް. އެހެންވީމަ ދެ ޖިންސުގެ ދެމެދުގައި ވެސް އެ ތަފާތު ގެނައުމަށް، ވަކި ބަޔަކަށް ވޯޓް ހޯދުމުގެ ބޭނުމުގައި ވެސް ވަކި ޕަސެންޓެއް ކަނޑައަޅާ ދިނީމާ...،" ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ އެ ވާހަކައަކީ ދެކޮޅު ނުޖެހޭ ވާހަކައެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފަ އެވެ. އެގޮތުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އަނީސާ އަހްމަދު ވިދާޅުވީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ށ) އަކީ އަންހެނުން ބާރުވެރި ކުރުމަށް ކޯޓާ ކަނޑައެޅުން ފަދަ ކަންކަމަށް މަގުފަހު ކުރުމަށް ހާއްސަކޮށް ލިޔުނު މާއްދާއެއް ކަމަށެވެ.

އެ މާއްދާއަކީ "ތަފާތުނުކުރުން" މާއްދާ އެވެ. އެ މާއްދާގެ (ށ) ގައި ބުނެފައި ވަނީ މުޖުތަމައުގެ އާއްމު ހާލަތަށް ވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ އިޖްތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބިދޭން ޖެހޭ ބަޔަކަށް އެހީތެރިވުމަށްޓަކައި، ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ އެ މާއްދާގެ (ހ) ގައި ބަޔާން ކުރާ ފަދަ ތަފާތު ކުރުމަކަށް ނުވާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ބަލައިފި ނަމަ، ފިރިހެނުންނާއި އެއް ވަރަށް އެންމެ ކުރީ ސަފުން އަންހެނުން ވެސް ފެނެ އެވެ. އެއީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި ވެސް މެއެވެ. ޕާޓީއަށް މެމްބަރު އިތުރު ކުރުމާއި، ކެމްޕޭނުތަކުގެ އެންމެ ކުރީގައި އަންހެނުން ފެންނަނީ ފިރިހެނުންނާ އެއް ވަރަށެވެ. ހަމައެކަނި އޮތް ތަފާތަކީ މުޖުތަމައުގައި ޒަމާނުއްސުރެ ހުރި ވިސްނުންތަކުގެ ސަބަބުން އަންހެނުންނަށް މަގާމުތަކަށް އައުމަށް ހަމަހަމަ ފުރުސަތު ނެތުމެވެ. ވީއިރު އެ ފުރުސަތު އަންހެނުނަންނަށް ކަށަވަރުކޮށްދިނުމަށް ބިރު ގަންނަނީ ކީއްވެ ހެއްޔެވެ؟
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް