ads
‏ހއ.ދިއްދޫގައި އިންތިޒާމުކުރެވުނު “ގެވެށި ގުޅުން” ކެމްޕޭން ހަރަކާތް—
"ގެވެށި ގުޅުން" ކެމްޕޭންގެ ތެރެއިން ވާޗުއަލް ޓްރޭނިން ޕްރޮގްރާމެއް ފަށައިފި
"ގެވެށި ގުޅުން" ކެމްޕޭންގެ ތެރެއިން ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ދެ ދުވަހުގެ ވާޗުއަލް ޓްރޭނިން ޕްރޮގްރާމެއް ފަށައިފި އެވެ

އަށާރަ އެފްސީއެސްސީ ސެންޓަރުން މުޅި ޖުމުލަ 33 މުވައްޒަފުން ބައިވެރިވި ޓްރޭނިން ޕްރޮގުރާމް ފައްޓަވައިދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ.

އިއްޔެ ފެށި ޕްރޮގުރާމްގެ މަގުސަދަކީ ގެވެށި އަނިޔާ ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީ އަތޮޅުތެރޭގައި މިފަދަ ޕްރޮގުރާމްތައް ހިންގާނެ މުވައްޒަފުން ބިނާ ކުރުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގުރާމްގެ ބައިވެރިންނާއި މުހާތަބްކޮށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މުޖުތަމައުގައި ގެވެށި އަނިޔާ ހުއްޓުވަން ބޭނުން ނަމަ ސްކޫލް ކުދިންނާ ހަމައިން ފެށިގެން ގޮސް އުމުރުން ދުވަސްވީ މީހުންނަށް ވެސް މި މައުލޫމާތު ފޯރުކޮށްދޭން ޖެހޭކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ސަބަބަށްޓަކައި މިކަން ކުރެވޭނެ އީޖާދީ ގޮތްތައް ހޯދައި، ކެމްޕޭންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެފް.ސީ.އެސް.ސީން ކުރާ މަސައްކަތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިކުރެވޭތޯ ބަލަން ޖެހޭކަމަށެވެ.

މީގެ އިތުރުން މި ކެމްޕޭންގެ ދަށުން އެކި ރަށްރަށުގެ ފެންވަރުންވެސް ދަނީ ބައިވެރިވެ ހޭލުންތެރިކުރުވުމުގެ ސެޝަންތައް ބާއްވަމުންނެވެ.

އެގޮތުން ‏ހއ.ދިއްދޫގައި އިންތިޒާމުކުރެވުނު “ގެވެށި ގުޅުން” ކެމްޕޭން ހަރަކާތްތަކުގައި ދިއްދޫގެ ގިނަ މުއައްސަސާތަކަކުން ބައިވެރިވެފައިވެއެވެ. 

އަދި ހއ.ފެމިލީ އެންޑް ޗިލްޑްރަން ސަވިސް ސެންޓަރއާއި ހއ.އަތޮޅު ތައުލީމީ މަރުކަޒު ގުޅިގެން ގްރޭޑް 3،2،1ގެ ދަރިވަރުންގެ ބެލެނިވެރިނަށް ހިންގުނު "ގެވެށި ގުޅުން" ކެމްޕޭން ހަރަކާތުގައި މައުލޫމާތު ދިނުމުގެ ސެޝަންތައް ބާއްވާފައިވެއެވެ.

ޖެންޑާ މިނިސްޓްރީން އާންމުކުރި ޖުލައި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުލައި މަހުގެ ތެރޭގައި އެކަނި ވެސް ޖެންޑާ މިނިސްޓްރީއަށް 170 މައްސަލައެއް ހުށަހަޅާފައިވެއެވެ.

އަދި އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް