ads
ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމް އަދި މުހައްމަދު ނަޝީދު-- ފޮޓޯ: ރައީސް އޮފީސް
ވޯޓު އޮޅުވާލިކަމުގެ ތުހުމަތާއެކު މައުމޫނުގެ ވަރުގަދަ ރައްދެއް ނަޝީދަށް!
ވެރިކަމުގެ ނިޒާމުގެ ބަހުސްގެ ތެރެއިން ވޯޓު އޮޅުވާލެއްވިކަމުގެ ތުހުމަތު ކުރެއްވުމާއެކު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ރާއްޖެއަށް އެންމެ ކަމުދަނީ ރިޔާސީ ނިޒާމު ކަމަށާއި އެގޮތުން ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންގެ ވަރަށް ބޮޑު އަގްލަބިއްތަކުން ކަމަށް މައުމޫން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ. 

އެއަށް ރައްދު ދެއްވާ ނަޝީދު ވަނީ މައުމޫނުގެ ހަޔާތްޕުޅުގައި ހުރިހާ ވޯޓެއް އޮޅުވާލާ، މަކަރު ހައްދަވާފައިވާ ކަމުގެ ތުހުމަތު ކުރައްވާފަ އެވެ. އެގޮތުން 2007 ވަނަ އަހަރު ނެގި ވެރިކަމުގެ ނިޒާމު ކަނޑައަޅާ ވޯޓު އޮޅުވާލެއްވި ކަމަށާއި، އެމަނިކުފާނު އޮޅުވާ ނުލައްވަނީ ހަމައެކަނި 2008 ވަނަ އަހަރުގެ ވޯޓު ކަމަށާއި އަދި އެ ވޯޓުންވީ ބަލި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މިއަދު ހެނދުނު މައުމޫން ވަނީ ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވާފަ އެވެ. އެމަނިކުފާނު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ ކަމަށާއި، އެމަނިކުފާނުގެ ހަޔާތްޕުޅުގައި ހުރިހާ ވޯޓެއް އޮޅުވާލެއްވި ނަމަ 2008 ގެ ވޯޓު އޮޅުވާނުލެއްވުނީ ކީއްވެތޯ ސުވާލުކުރެއްވި އެވެ.

"އަޅުގަނޑު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ. 30 އަހަރުގެ ތެރޭގައި އައި ހުރިހާ އިންތިޚާބެއް އޮޅުވާލި އިރު 2008 ގެ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެތޯ؟ ބުއްދި ޤަބޫލުކުރާ ޖަވާބެއް ދެއްވަ ބައްލަވަ!،" މައުމޫން ވިދާޅުވި އެވެ. 

ނަޝީދުގެ ތުހުމަތާ ގުޅިގެން 2007 ވަނަ އަހަރު ނެގި ވޯޓު އޮޅުވާލާފައި ނުވާ ކަމަށް އެ ވޯޓުގެ ކަންކަން ރައްޔިތުންގެ ޚާއްސަ މަޖިލިހުން ބެލި ކޮމިޓީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ އެ ވޯޓު އޮޅުވާލާފައި ނުވާނެ ކަމަށެވެ. 

"2007 ގެ ވޯޓުގައި، ވޯޓު ގުނުމަށް ފޮށިތައް މާލެ ނުގެނެސް ވޯޓު ނަގާ މަރުކަޒުގައި ވޯޓު ގުނީ. މިއީ އެގޮތަށް ގުނުނު ފުރަތަމަ ފަހަރު. އެ ވޯޓު ނެގުމުގެ މަސައްކަތުގައި ހާއްސަ މަޖިލީހުން އެކުލަވާލި ކޮމިޓީއެއްގެ މެމްބަރެއްގެ ގޮތުން އަޅުގަނޑު މަސައްކަތް ކުރިން. ވޯޓު އޮޅުވައެއް ނުލާ،" ކުރިން ޕްރޮސެކިއުޓާ ޖެނެރަލްކަން ކުރެއްވި މުއިއްޒުގެ ޓްވީޓެއްގައި ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އިއްޔެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ގާނޫނުއަސާސީއަށް ވެސް އިސްލާހު ހުށަހަޅުއްވާފަ އެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވިއިރު ރައީސް ނަޝީދެކޭ އެއްގޮތަށް އެ ޕާޓީގެ ގިނަ މެމްބަރުން ވެސް ގަބޫލުކުރައްވަނީ ރާއްޖެއަށް ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް