ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު-- ފޮޓޯ: ރައީސް އޮފީސް
ބޭންކު ގެރެންޓީއާ ނުލާ އެޑްވާންސް ފައިސާ ދޭން ހުއްދައެއް ނުދެން: މިނިސްޓަރު އަމީރު
ކޮވިޑް-19 އާ ގުޅިގެން އައިސޫޔޫ ފެސިލިޓީ ހެދުމަށް ބޭނުންވާ ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ބޭންކު ގެރެންޓީއާ ނުލާ ޑުބާއީގެ ކުންފުންޏަށް އެޑްވާންސް ފައިސާ ދައްކަން ހުއްދަ ދެއްވާފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރު ގަތުމުގައި ވަކި ބަޔަކަށް ނާޖާއިޒު މަންފާއެއް ލިބޭ ގޮތަށް އަމަލުކޮށްފައިވާކަން ހެލްތު މިނިސްޓްރީގެ އޮޑިޓުން ހާމަވެފައި ވާތީ، އެކަމާ ގުޅިގެން މިނިސްޓަރު އަމީރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ހާޒިރުކޮށްފަ އެވެ. 

ކޮމިޓީ ބައްދަލުވުމުގައި އަމީރު ވިދާޅުވީ މަސައްކަތުގެ އަގުގެ 90 އިންސައްތައަށްވާ 30 މިލިއަން ރުފިޔާ، ބޭންކު ގެރެންޓީ ނެތި އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިން އަށް ދޫކުރަން ހުއްދަ ދެއްވާފައި ނުވާނެ ކަމަށެވެ. 

ނަމަވެސް ހެލްތު މިނިސްޓްރީގެ އިސްވެރިން މީގެ ކުރިން ކޮމިޓީއަށް ހާޒިރުކުރުމުން، އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކްޓިވް އަހްމަދު އަސްލަމް ވިދާޅުވީ ފައިސާ ދޫކުރީ އެޓާނީ ޖެނެރަލްގެ ލަފަ އާއި ފިނޭންސް މިނިސްޓްރީން ލިޔުމުން ދިން ހުއްދަތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވަނީ އެކަން ދޮގުކުރައްވާފަ އެވެ. އަމީރު ވިދާޅުވީ މުޅި ދުނިޔޭގައި ވެސް ވެންޓިލޭޓަރުގެ ދަތިކަން ދިމާވެފައި އޮތް ދަނޑިވަޅުގައި ވީ އެންމެ އަވަހަކަށް އެ ތަކެތި ހޯދަން ޖެހުނު ނަމަވެސް، މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކުރަން ހުއްދަ ދެއްވާފައި ނުވާނެ ކަމަށެވެ. 

އެގޮތުން ބޭންކު ގެރެންޓީއަކާއެކު އެގްޒެކިއުޓާޒް އަށް ފައިސާ ދޫކުރަން ހުއްދަ ދެއްވީ އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ލަފާ މަތިން އެ އިދާރާ އިން އެމަޖެންސީ ޕްރިޕެއާޑްނެސްގެ ދަށުން ތަކެތި ސަޕްލައިކުރުމަށް އެކަށީގެންވާ ކުންފުންޏެއް ކަމުގައި ހެލްތު މިނިސްޓްރީން ބުނުމުން ކަމަށް އަމީރު ވިދާޅުވި އެވެ.

އަދި މާލިއްޔަތު ގަވާއިދުގެ 10.67 ގެ (ނ) ގެ ދަށުން އެ ފައިސާ ދޫކުރަން ހުއްދަ ދެއްވީ، ވެންޓިލޭޓަރުތައް ސަޕްލައި ކުރެވޭނީ މަސައްކަތުގެ އަގުގެ 75 ޕަސަންޓު ދެއްކުމުން ކަމަށް ހެލްތު މިނިސްޓްރީން އެންގުމުން ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

"މީގެ ތެރޭގައި މާލިއްޔަތު ގަވައިދުގެ 10.67 ގައި ބަޔާންކޮށްފައިވާ ޕޭމަންޓް ގެރެންޓީ ނުނަގައި އޮތުމަކީ ދީފައިވާ ހުއްދައެއް ނޫން. އަދި މިއީ އެ ފަރާތާއެކު ވެފައިވާ އެގްރީމަންޓުގައި ވެސް ހިމެނޭ ކަމެއް. އެހެންކަމުން ޕޭމަންޓް ގެރެންޓީ ނެގުމާ މެދު މިނިސްޓްރީ އޮފް ފިނޭންސް އެގްޒެމްޕްޝަނެއް ދީފައި ނުވާތީ، އެ ހޯދަން ޖެހޭނެ. އަދި މިހާތަނަށް ހޯދާފައިނުވާ ނަމަ، މިހާރު ވެސް ހޯދަން ޖެހޭނެކަން ފާހަގަކުރަން،" އަމީރު ވިދާޅުވި އެވެ.

އަމީރު އިތުރަށް ވިދާޅުވީ ދެވަނަ ފަހަރަށް 15 ޕަސަންޓުގެ އެޑްވާންސް ޕޭމަންޓަކަށް ހެލްތު މިނިސްޓްރީން އެދުނު ކަމަށާއި އެގްޒެކިއުޓާޒްގެ އެއްބަސްވުމުގައި އެ ފައިސާ ދައްކަން ޖެހެނީ ވެންޓިލޭޓަރުތައް ޝިޕްމަންޓަށް ތައްޔާރުވުމުން ކަމަށް ބުނެފައިވާ ކަމަށެވެ. 

"... މި މާއްދާ ފަރުމާކުރެވިފައި ވަނީ ހުރިހާ ވެންޓިލޭޓަރެއް އެއް ފަހަރާ ޝިޕްކުރުމަށް ކަން ބެލެވޭ. ނަމަވެސް އެ ޝިޕްމަންޓުގައި ގެންނަން އުޅުނީ 10 ވެންޓިލޭޓަރުކަން މިނިސްޓްރީ އޮފް ހެލްތުން މައުލޫމާތު ލިބުނު،" އަމީރު ވިދާޅުވި އެވެ. 

އެކަމާ ގުޅިގެން 15 ޕަސަންޓު އެޑްވާންސް ފައިސާ އެންމެ ފަހު ޝިޕްމަންޓާ އެއްކޮށް ދެއްކޭތޯ މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ޝިޕްކުރެވޭނީ އެ ފައިސާ ދެއްކުމުން ހެލްތު މިނިސްޓްރީން ބުނި ކަމަށާއި، ވެންޓިލޭޓަރުތަކުގެ ފޮޓޯ އާއި ވީޑިއޯ ވެސް ލިބިފައިވާ ކަމަށް ބުނުމުން، ފައިސާ ދެއްކުމަށް ހުއްދަ ދެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވި ގޮތުގައި ކުންފުންޏަކާ މަސައްކަތެއް ހަވާލުކުރުމުގެ ކުރިން އެ ކުންފުންޏެއްގެ މާލީ އަދި ފަންނަީ ގާބިލުކަން ދެނެގަތުމަކީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޒިންމާ އެކެވެ. އޭގެ އިތުރުން އެޑްވާންސަށް ފައިސާ ދައްކާއިރު، ކަންކަން ފުރިހަމަވެފައިވޭތޯ ބެލުމަކީ އެ މިނިސްޓްރީއެއްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް