ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު- ފޮޓޯ: ރައީސް އޮފީސް
ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ ފައިސާ ހޯދަން މަސައްކަތްކުރާނަން: އަމީރު
ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ ދުބާއީ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާ 75 ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތްކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަން ފަޅާއެރީ ހެލްތު މިނިސްޓްރީން ކުރި ހަރަދުތަކުގެ ހާއްސަ އޮޑިޓެއް ހެދުމުންނެވެ. 

އޮޑިޓް ރިޕޯޓުގައި ފާހަގަކުރާ ގޮތުގައި ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެކު ހެދި އެއްބަސްވުމުގެ ދަށުން، ހެލްތު މިނިސްޓްރީން ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު، ދެ ފަހަރެއްގެ މަތިން އެ ޕްރޮޖެކްޓްގެ އަގުގެ ޖުމްލަ 90 އިންސައްތަ ކަމުގައިވާނަމަ 30.9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައި ވާއިރު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހޯދާފައެއް ނުވެ އެވެ.

އެގޮތުން އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނުހޯދައި، ޕްރޮޖެޓްގެ ޖުމްލަ އަގުގެ ބޮޑު އަދަދެއް އެޑްވާންސްގެ ގޮތުގައި ދީފައިވުމުގެ ސަބަބުން، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަރާތުން މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ހޯދުމަކީ ދަތިކަމަކަށް ވާނެކަން ފާހަގަކުރެވޭ ކަމަށާއި އެގޮތުން ނަތީޖާއެއްގެ ގޮތުން، މާލީގޮތުން ބޮޑު ގެއްލުމަކަށް ދައުލަތް ހުށަހެޅިފައި އޮތްކަން ވެސް ފާހަގަކުރެވޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ.

އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވަނީ ވަނީ ހެލްތު މިނިސްޓްރީގެ އޮޑީޓާއި ގުޅިގެން މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ.

މިނިސްޓަރު ވިދާޅުވީ މައްސަލަތަކެއް ފެންމަތިވެފައިވީ ނަމަވެސް ހެލްތު މިނިސްޓްރީގެ ފަރާތުން އަންނަނީ އެ ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެކަމަކު އެތަކެތި ނުލިބިއްޖެނަމަ އެތަކެތީގެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ވެސް ކުރާނެ ކަަމަށެވެ. 

އަދި އެގްރިމެންޓުގައި ޑިލޭ ޗާޖަސްގެ ވާހަކަ ވެސް އެބަ އޮތްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އާބިޓްރޭޝަނަކަށް ހިނގައްޖެނަމަ ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރުގައި އެކަން ކުރަންޖެހޭ ކަމަށް ވެސް ލިޔެފައިވާ ކަމަށެވެ.

އޭގެ އިތުރުން މިނިސްޓަރު ވަނީ އެ ކޮންޓްރެކްޓްގެ އަޕްޑޭޓްތައް ހޯދުމުގެ މަަސައްކަތް ފިނޭންސް މިނިސްޓްރީން ވެސް ކުރަމުން އަންނަ ކަމަށާއި އަދި އެކަމުގައި އަޅަން ޖެހުނު ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް ދޭ ކަމަށެވެ. 

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ފިނޭންސް މިނިސްޓްރީން އަމަލުކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށާއި އެގޮތުން މަސައްކަތް ކުރީ ގާނޫނާ ގަވާއިދުގެ ތެެރއިން ވީއެންމެ އަވަހަކަށް ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް