ads
ސާމްޕަލް ނެގުމުގައި ހަރަކާތްތެރި ވަނީ--- ފޮޓޯ: ސީއެންއެމް
އަޅާ ފިޔަވަޅުތަކުގެ ނަތީޖާ ސުމެއް، އާންމުންގެ ރުޅި އެޗްޕީއޭއަށް!
ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި އަދަދުތައް ކޮންޓްރޯލްކުރުމަށް ފިވަޅުތަކެއް އަޅާފައިވީނަމަވެސް ނަތީޖާ ނުފެންނާތީ އެކަމުގައި ވެސް އާންމުންގެ ސުވާލުތަކެއް އެބަހުއްޓެވެ. ފުލް ލޮކްޑައުނެއްގައި އޮތުމަށް ފަހު ދިން ތިން ވަނަ ފިޔަވަހީގެ ބޮޑެތި ލުއިތަކާއެކު އަދަދުތައް ކޮންޓްރޯލްކުރަން ދަތިވާ ހިސާބަށް ރާއްޖޭގެ ހާލަތު ގޯސްވެ އިތުރަށް ފިޔަވަޅުތަކެއް އެޅި އެވެ.

އޭގެ ފަހުން ބަލި ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލްކުރުމަށް އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާސްކް އެޅުން މަޖުބޫރުކުރުމެވެ. އޭގެ ފަހުން ކޮންމެ ރެއަކު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ކާފިއު ވެސް އަންނަނީ ހިންގަމުންނެވެ. އެކަމަކު އަދަދުތައް ތިރިނުވާތީ މިހާރު މިވަނީ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު ފަހަކަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވެސް މަނާކޮށްފަ އެވެ. 

އެޗްޕީއޭ އިން އެޅި އެ ފިޔަވަޅަށް އާންމުން އެތައް ސުވާލެއް އުފެއްދި އެވެ. އެއީ ކޮވިޑް ފެތުރެނީ އެގަޑީގައި ސައިކަލުގައި އުޅެގެންތޯ ބުނެ ފާޑުކިޔުން އަމާޒުކުރި އެވެ. އެއާއެކު އެޗްޕީއޭ އިން ވަނީ ކޮންމެ ހަފްތާއެއްގެ ހާލަތު ދިރާސާކޮށް ބަލި ފެތުރުން މަޑުޖެއްސުމަށްޓަކާ ހާލަތާ އެންމެ އެކަށޭނެ ފިޔަވަޅުތައް ދެނެގަނެ އެއަށް އަމަލު ކުރާނެ ކަމަށާއި އެގޮތުން އުޅަނދު ދުއްވުން މަނާކުރީ ޒުވާނުން އެއްވެ އުޅުން މަދުކުރުމަށް ކަމަށް ކަމަށް ބުނެފަ އެވެ. 

އެޗްޕީއޭ އިން ބުނި ގޮތުގައި މިދިޔަ ހަފްތާގައި ބަލި ޖެހުނު މީހުންގެ އަދަދާއި ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް އެޑްމިޓް ކުރެވުނު މީހުންގެ އަދަދުތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް މަތިވެފައި ވާތީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ވަނީ މަޖުބޫރުވެފަ އެވެ. 

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 180 އަށް އަރާފަ އެވެ. ބަލި ޖެހުނު މީހުންގެ އަދަދު ވެސް 7329 އަށް އަރާފައިވާއިރު އޭގެ ތެރޭގައި ވެސް ގިނައީ ދިވެހި ޒުވާނުންނެވެ. އެހެންކަމުން، ޒުވާނުން ހުއްޓުވަން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އެޗްޕީއޭ އިން ގަބޫލުކުރެ އެވެ. 

އެކަމަކު މާސްކް އެޅުމުގެ އިތުރުން ކާފިއު ހިންގަމުން އަންނަތާ ގާތްގަނޑަކަށް މަހެއްވާން ގާތްވެފައިވާއިރު ވެސް އެޅި ފިޔަވަޅުތަކުން ނަތީޖާއެއް ނުފެންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުން ޝުއޫރު ފާޅުކުރެ އެވެ. 

އާންމުންގެ ކަންބޮޑުވުންތައް އިންތިހާއަށް!

އެޗްޕީއޭއަށް އާންމުން ފާޑިކިޔުން ކުރިމަތިކުރާ އެތައް ބައިވަރު ސަބަބެއް އެބަހުއްޓެވެ. ކަރަންޓީން ފެސިލިޓީތަކަށް މީހުން ގެންދިއުމާއި ގޭގޭ ކަރަންޓީނަށް ލުމުގައި ވެސް އިންތިހާއަށް ލަސްތަކެވެ. ހައި ރިސްކް މީހުން ޓެސްޓްކުރުމުގައި ވެސް ލަސްތަކެވެ. މިވާ ކޮންމެ ލަހަކީ އިތުރު ބަޔަކަށް ކޮވިޑް ޖެހެން ފަހިވާ ފުރުސަތެއްގެ ގޮތުގައި މީހުން ދެކެ އެވެ. 

ވަކިން ހާއްސަކޮށް މާލޭ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި ދިރިއުޅެން ޖެހިފައިވާ ހާލަތަކީ އެއްވެސް މީހަކަށް ނޭނގޭނެ ކަމެއް ނޫނެވެ. ކުޑަތަންކޮޅުގެ ތެރޭގައި އެޗްޕީއޭ އިން އަންނާނެ އިރެއް ވަންދެން ޕޮޒިޓިވްވެފައިވާ މީހާއާއެކު އިންނަން ޖެހުމަކީ ބިރުވެރިކަމެކެވެ. 

އަދި މިހާރު ޓެސްޓް ނުކޮށް 14 ދުވަހުގެ އައިސޮލޭޝަން މުއްދަތަކަށް ފަހު ކޮވިޑަށް ޕޮޒިޓިވްވާ މީހުން ދޫކޮށްލަނީ ވެސް ޓެސްޓް ކުރުމެއް ނެތި އެވެ. އެކަމަކު ސޯޝަލް މީޑިއާގައި އާންމުން ރައްޔިތަކު އޭނާގެ ތަޖުރިބާ މިފަހުން ހިއްސާކޮށްފައިވާއިރު އެއީ ވެސް ބިރުވެރިކަމެއްކަން ޔަގީންވެ އެވެ. 

އުމުރުން 73 އަހަރުގެ މާމަ، ހުޅުމާލޭ މެޑިކަލް ފެސިލީޓީ އިން ދޫކޮށްލީ 14 ދުވަހުގެ މުއްދަތެއް ހަމަކޮށްފައި ނަމަވެސް އޭރު ކެއްސުމާއި ހުން ވެސް ހުއްޓެވެ. އެކަމަކު ވެސް އެމީހާ ދޫކޮށްލިއިރު އަނެއްކާ ވެސް ހެދި ޓެސްޓަކުން އެމީހާ ކޮވިޑަށް ޕޮޒިޓިވްވެ މިހާރު އޮތީ އައިސީޔޫގަ އެވެ. 

މީގެ ކުރިން ވެސް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. ދުވަސްވީ ބައްޕަ މަރުވި ފަހުން އެމީހާ އައިސޮލޭޝަނަށް ގެންދަން ދަރިފުޅަށް ގުޅާފައި އެބަހުއްޓެވެ. 

މިހާރު ރާއްޖޭގައި ނިންމާފައިވަނީ ކޮވިޑަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުން ތިން މަސް ދުވަހަށް ޓެސްޓް ނުކުރުމަށެވެ. އަދި ކޮވިޑް-19 ގެ އަލާމާތެއް ނެތް ނަމަ، އެ ބައްޔަށް އަށް ޕޮޒިޓިވްވާ މީހެއްގެ ކޮންޓެކްޓަކަށް ވިޔަސް ޓެސްޓް ނުކުރާނެ އެވެ. އަދި ރަށްރަށަށް ގޮސް ހޯމް ކަރަންޓީންވާކަށް ވެސް ނުޖެހޭނެ އެވެ. 

މިގެނައި ބަދަލަކީ ވެސް ބަލި ފެތުރިދާނެ ކަމެއްގެ ގޮތުގައި އާންމުން ދެކެ އެވެ. ވަކިން ހާއްސަކޮށް އަދިވެސް ކޮންޓްރޯލްނުވެ ބަލި ފެތުރެމުންދާއިރު އެމީހުން އެހާ ބޮޑަށް ދޫކޮށްލާއި ބޭތިއްބުމަކީ ހަމަ ރަނގަޅު ގޮތްތޯ ސުވާލު އުފައްދަ އެވެ. އެޗްޕީއޭ އިން ބުނެފައި ވަނީ އެ ނިންމުމަކީ ކޮވިޑް-19 އާ ބެހޭގޮތުން މިހާތަނަށް ހޯދިފައިވާ ސައެންޓިފިކް ހޯދުންތަކުގެ މައްޗަށް ބަލާއި ނިންމާފައިވާ ކަމެއް ކަމަށާއި ކޮވިޑާއި ބެހޭ ގޮތުން ހޯދޭ ސައިންޓިފިކް ހޯދުންތަކުގެ އަލީގައި އެކަންކަމަށް ބަދަލު އަންނާނެ ކަމަށެވެ. 

ދުވަހުން ދުވަހަށް ރާއްޖޭގެ ހާލަތު ގޯސްވަމުންދާއިރު އާންމުން އިނގިލި ދިއްކުރަނީ އެޗްޕީއޭއަށެވެ. ބަލި ފެތުރިފައި ވަނީ އެމީހުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ބުނެ އެވެ. ނުވަތަ ދިން ލުއިތަކުގެ ސަބަބުން ކަމަށް ބުނެ އެވެ. އެކަމަކު ފެށުނީއްސުރެ ވެސް އެޗްޕީއޭ އިން ދައްކަމުން އައި އެއް ވާހަކަ އެބަ އޮތެވެ. އެއީ ކިތަންމެ ބައިވަރު ފިޔަވަޅުތަކެއް އެޅިޔަސް މިކަމުން އަރައިގަނެވޭނީ އާންމުންގެ ވެސް އެއްބާރުލުން ލިބިގެން ކަމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް