ads
އޭއެފްސީ ކަޕުގެ މެޗަކަށް ފަހު މާޒިޔާގެ އިބްރާހިމް މަހުދީ
މި އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރަނީ؟؟
ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރަން ގިނަ ގައުމުތަކުން ދެކޮޅު ހަދަމުން އަންނާތީ މިއަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރަން ޖެހިދާނެ ކަމުގެ ބިރު ހީވާން ފަށައިފިއެވެ. މުބާރާތް ހޯސްޓް ކުރަން ގިނަ ގައުމުތަކުން ދެކޮޅު ހަދަނީ ކޮރޯނާގެ ނުރައްކަލާ ހުރެއެވެ.

ކޮވިޑާއި ގުޅިގެން މުބާރާތް ފަސްކުރަން ޖެހުމާއި ގުޅިގެން ފޯމެޓް ބަދަލުކޮށް ސެންޓްރަލައިޒްޑް ސްޓޭޑިއަމެއްގައި ކޮންމެ ގްރޫޕެއްގެ މެޗުތައްވެސް ކުރިއަށް ގެންދަން އޭއެފްސީން ނިންމި ނަމަވެސް ގިނަ ގައުމުތަކުން މުބާރާތް އެ ގައުމެއްގައި ބާއްވާކަށް ބޭނުމެއް ނުވިއެވެ.

ރާއްޖޭގެ މާޒިޔާއާ ޓީސީ ހިމެނޭ ގްރޫޕުންވެސް ބަންގްލަދޭޝް އަދި އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން މުބާރާތް ކުރިއަށް ގެންދަން ބޭނުން ނުވުމުން ރާއްޖޭގައި މުބާރާތް ބޭއްވުމަށް އެފްއޭއެމުންވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެހެންނަމަވެސް ކޮވިޑުގެ ކަންތަކާއި ގުޅިގެން، ރާއްޖޭގައި މުބާރާތް ކުރިއަށް ގެންދަން ހުއްދަދޭނެ ކަމާއި މެދު ސުވާލު އުފެދިފައިވަނިކޮށް އެހެން ބައެއް ގްރޫޕްތައް ނިސްބަތްވާ ގައުމުތަކުންވެސް މުބާރާތް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭއެފްސީއަށް ވަނީ އަންގާފައެވެ.

އޭއެފްސީގެ ޖެނެރަލް ސެކެއްޓްރީ ސޮއި ކުރައްވާ މެންބަރު އެސޯސިއޭޝަންތަކަށް ފޮނުވި ސިޓީގައި މިކަން ބަޔާންކޮށް ދެން މުބާރާތް ކުރިއަށް ގެންދާނެ ގޮތަކާއި މެދު ގޮތްތަކެއް ނިންމާނެ ކަންވަނީ އަންގާފައެވެ.

ގްރޫޕް އެފް، ޖީ އަދި އެޗު ހިމެނޭ އެއްވެސް ގައުމަކުން މުބާރާތް ބާއްވާކަށް ބޭނުމެއް ނުވެއެވެ. ގްރޫޕު ޑީ އަދި އީގެ މެޗުތައްވެސް ބާއްވާނެ ގައުމެއް ކަނޑައެޅުމުގައި އޭއެފްސީއަށްވަނީ އަދި ގޮތެއް ނުނިއްމިއެވެ. މީގެ އިތުރުން ގްރޫޕު އޭ ގެ މެޗުތައް ހޯސްޓްކުރާ ގައުމުކަމަށްވާ ބަހްރެއިންއިންވެސް ވަނީ އަންނަ އަހަރަށް މުބާރާތް ފަސްކޮށްދިނުމަށް އެދިފައެވެ.

ގްރޫޕް އީއަކީ ރާއްޖޭގެ މާޒިޔާއާ ޓީސީ ހިމެނޭ ގްރޫޕެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ބަންގްލަދޭޝްއާއި އިންޑިޔާގެ ކްލަބުތަކެވެ. ގްރޫޕް އެފް، ޖީ އަދި އެޗުގައި ހިމެނޭ ކްލަބުތައް ނިސްބަތްވަނީ މިއަންމާ، ވިއެޓްނާމް، ހޮންގްކޮން، ފިލިޕީންސް، ކެމްބޯޑިއާ، އަދި އިންޑޮނީޝިއާއާއި އަދި ސިންގަޕޫރެވެ. މިއިން އެއްވެސް ގައުމަކުން މި ހާލަތުގައި މުބާރާތް ބާއްވާކަށް ބޭނުމެއް ނުވެއެވެ.

ގިނަ ގައުމުތަކުން މުބާރާތް ކުރިއަށް ގެންދަން ބޭނުންނުވާތީ، ނޮކްއައުޓް ސްޓޭޖުގެ ގުރުއަތުލުންވެސް އޭއެފްސީންވަނީ ފަސްކޮށްފައެވެ. ކުރިން އިއްޔެ ގުރުއަތު ނެގުމަށް ހަމަ ޖެހިފައިވީ ނަމަވެސް މިހާރުވަނީ އެކަންވެސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކޮވިޑުގެ ހާލަތާއި ގުޅިގެން މުބާރާތް ފަސްކުރަން ނުވަތަ ކެންސަލް ކުރަން އޭއެފްސީއަށްވަނީ މަޖުބޫރުވެފައެވެ. އަދި އޭއެފްސީގެ އެކްސްކޯއިން މިކަމުގައި އަންނަ މަހުގެ ކުރީކޮޅު ވަކި ގޮތެއް ނިންމާނެ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް