ads
ރިސޯޓަކަށް ފަތުރުވެރިން ފައިބަނީ--
ސާވިސްޗާޖް ނެގުމުގެ އިސްލާހުން ބޮޑު ފައިދާއެއް!
ރައްޔިތުން މަޖިލީހުގެ އިގްތިސާދީ އިޖްތިމާއީ ދެ ކޮމިޓީގުޅިގެން، ވަޒީފާއާބެހޭ ގާނޫނުގައި ހިމެނޭ ސާވިސްޗާޖް ނެގުމުގެ މާއްދާއަށް ގެނެވުނު އިސްލާހުގައި 10އިންސައްތަ އަށް ވުރެ މަދުނޫން އަދަދަކުން ސާވިސްޗާޖް ނެގުން އަދި ސާވިސްޗާޖާއި މެދު ހިތް ހަމަނުޖެހިއްޖެ ނަމަ ކަސްޓަމަރަށް ސާވިސްޗާޖް އުނިކުރުން ނުވަތަ އިންކާރު ކުރުމުގެ ހައްގު ލިބިދެވޭ ގޮތަށް އެ މާއްދާ އިސްލާހުކުރުމަށް ކޮމިޓީ މެމްބަރުން ގެންގުޅެފައިވާ ވިސްނުމަކީ ހިދުމަތުގެ ސިނާއަތް ކުރިއެރުވުމުގެ ވިސްނުމެކެވެ.

ސާވިސްޗާޖް ނެގުމަށް ކޮމެޓީން ނިންމާފައިވާގޮތުގެ ސަބަބުން ގެސްޓްހައުސް އާއި ރިސޯޓު ޑައިވިންސްކޫލް ޔޮޓް ސަފާރީ ބޯޓު ފަދަ ތަންތަނުން ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ ކަސްޓަމަރުންނަށް ހިތްހަމަޖެހުން ލިބިގެންދާނެއެވެ. އަދި  އެ ސިނާއަތުގައި ހިދުމަތް ދެމުންދާ ފަރާތްތަކަށް ލިބެމުންދާ އާމްދަނީ އަށް އިތުރުކުރިއެރުންވެސް ލިބިގެން ގޮސް ކޮމެޓީގެ ނިންމުން ތަޅުމުން ފާސް ވެއްޖެ ނަމަ އެންމެނަށް ފައިދާކުރާނެ އެވެ.

 މިހާރު އޮންނަ ގޮތުން ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތް ކުރާ ހިސާބުން ނުވަތަ އެއާޕޯޓުން ފެށިގެން ރިސޯޓާއި ގެސްޓްހައުސް ނުވަތަ ސަފާރީބޯޓަކުން ފަތުރުވެރިޔާ ހިދުމަތްތައް ތަންތަނުން ދިނުމަށް ފަހު އެނބުރި ގައުމަށްދާންދެން އެ ހިދުމަތް ފޯރުކޮށްދޭން ތިބޭ ބަޔަކު ދިން ހިދުމަތަކަށް ހިތްހަމަ ޖެހުނަސް ނުޖެހުނަސް ބިލްތަކަށް ފައިސާ ދައްކަން ޖެހެ އެވެ. އެ ފައިސާގެ ތެރޭގައި ސާވިސްޗާޖު ވެސް ހިމެނެ އެވެ. ފަތުވެރިޔާއަށް ދިން ހިދުމަތާ މެދު ހިތްހަމަޖެހުނަސް ނުޖެހުނަސް އެކަން އޮންނަނީ އެ މަގަށެވެ. އެންމެ ފަހުން ފަތުރުވެރިޔާއަށް ޖެހެނީ  ފުރައިގެންދާށެވެ.

ފަތުވެރިޔާއަށް ދިން ހިދުމަތާމެދު ހިތްހަމަނުޖެހޭ ނަމަ ފަތުރުވެރިޔާ ސަކުވާ ހުށަހަޅަނީ ޕެކޭޖްވިއްކި ޓުރެވަލް އެޖެންޓުންނަށް ނުވަތަ ޓުއަ އޮޕަރޭޓަރުންނަށެވެ. އޮންލައި ޓްރެވަލް އެޖެންސީއެއް ނުވަތަ ޓްރިޕްއެޑްވައިޒާ، އަގޯޑާ، ބުކިންޑޮޓްކޮމް ފަދަ އެޖެންސީ ތަކުގެ ވެބަސައިޓް ތަކާ ރިވިއު ޕޭޖްތަކުގައި އެރިސޯޓެއްގެ ނުވަތަ އެ ގެސްޓްހައުސްއެއްގެ ހިދުމަތާ ބެހޭ ސަކުވާތައް ލިޔެ ރިފަންޑް ކުރަންޖެހޭ ހާލަތެއް މެދުވެރިވާނަމަ ސަކުވާތަކާ އެކު ބައެއް ހާލަތުގައި އެވާހަކަތައް ފަތުރުވެރިޔާ ލިޔަމުންދެ އެވެ.

ގިނަފަހަރު މިފަދައިން ދިމާވާ މައްސަލަ ހައްލު ނުވެއްޖެނަމަ ދެން އެ ފަތުރުވެރިޔަކު ނުވަތަ އެ ބަޔަކު ދަނީ އެހެން ކޮންމެވެސް ރިސޯޓަކަށެވެ. ނުވަތަ އެހެން ގެސްޓް ހައުސްއެއް ނުވަތަ އެހެން ސަފާރީ އޮޑިއަކަށެވެ. ބައެއް ފަހަރު ރާއްޖެ ނޫން ކޮންމެވެސް އެހެން ގައުމަކަށެވެ. މި ފަދަ މައްސަލަތައް ދިމާވާކަމަށް ވަނީ އާދައިގެ ރިސޯޓްތަކުގަ އެވެ. ފެންވަރުދަށް ހިދުމަތެއް ދިނުމަށް ފަހު ސާވިސްޗާޖް ނަގާ މައްސަލަ ޖައްސަނީވެސް އެ ފަދަ ރިސޯޓްތަކަށް އަންނަ ފަތުރުވެރިޔާ އެވެ. އެ ފަދަ ރިސޯޓްތަކުން މުވައްޒަފު މީހާއަށް ދޭ ސާވިސްޗާޖް ވެސް ކުޑަ އެވެ. 

ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ރާއްޖޭގައި މެނޭޖްކުރާ ރިސޯޓުތަކުގައި ގިނައަދަދެއްގެ ދިވެހިން ވަޒީފާއަދާކުރާއިރު ސާވިސްޗާޖް ގޮތުގައި މަހަކު މީހަކަށް ހާސް ދެހާސް ދޮޅުހާސް ޑޮލަރު ލިބެ އެވެ. އެހާ ރަނގަޅު އަދަދެއް ސާވިސްޗާޖަށް ލިބެނީ އެރިސޯޓްތަކުން ދޭ ހިދުމަތްތައް ރަނގަޅުވެފައި ރިސޯޓް ހިންގާ ފަރާތްތައް ތަހުޒީބުވުމުންނެވެ. އެހެންކަމުން އެ ރިސޯޓްތަކުން އެމަގަށް ހުރިހާކަމެއް ތަރުތީބު ކުރެ އެވެ.

އާދައިގެ ރިސޯޓްތަކާ ހިލާފަށް، ބްރޭންޑް ހޮޓެލްތަކުން ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ރެވެނިއު އިތުރުކުރުމަށް ފަތުރުވެރިޔާއަށް ހިތްހަމަޖެހުން ލިބޭ މިންވަރު ބެލުމަށް ފަތުރުވެރިންގެ ފީޑްބެކް ބަލާ ފަތުވެރިންނަށް ހިދުމަތްދިނުމުގައި އެންމެ ކުރީސަފުގައި ތިބޭ އެއާޕޯޓް ރެޕުން ފެށިގެން ރިސޯޓް ފްރޮންޓް އޮފީސް ރެސްޓޯރަންޓް އަދި ރޫމްސާވިސް ގެ ހިދުމަތައް ފޯރުކޮށްދޭ އަދި ޖުމްލަ ރިސޯޓު މުއައްޒަފުންނާ ބޭހޭ ގޮތުން ފަތުރުވެރިން ހިތްހަމަޖެހުން ހުރި ނެތްގޮތް ބަލަ އެވެ.

އެ ރިސޯޓްތަކަށް އަންނަ ލިބުނު އުފަލާއި ހިތްހަމަޖެހުން ބެލުމަށް ފަހު ފަތުރުވެރިން ފާހަގަކޮށްފައިވާ ގޯސްކަންކަން  ރަނގަޅު ކުރުމަށް ސްޓާފް މީޓިންތަކުގަ އާއި ވަކިވަކި ޑީޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް އަންގަ އެވެ. އެމަސައްކަތަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން އެ ފަދަ ރިސޯޓްތަކުން ކުރާ ކަމެކެވެ. ސްޓާފުންނަށް އިތުރު ޓްރޭނިން ދިނުމާއެކު އެ ހުރިހާ މަސައްކަތެއް ކުރަނީ އެ ހޮޓެލް ސްޓޭންޑާޑް އެންމިންގަނޑެއްގައި ދަމަހައްޓުމުން ރިޕީޓަރުން ގިނަކޮށް އެވްރެޖް އޮކިޔުޕެންސީން ރަނގަޅު މިންގަނޑެއްގައި ދެމެހެއްޓުމަށްޓަކަ އެވެ.

ނަމަވެސް އިންޓަނޭސްލް ހޮޓެލް ބްރޭންޑް ތަކުން މެނޭޖް ކުރާ،ރިސޯޓުތައް ފިޔަވާ ގިނަ ރިސޯޓު ތަކުން ރިސޯޓު ގެސްޓު ހައުސްތައް މެނޭޖް ކުރަމުންދަނީ ކޮންސްޓްރަކްސަން ޕީރިއަޑް ގައި މަސަތަކަތް ކުރި ބިދޭސީ ލޭބަރުން ލައްވަ އެވެ. އެގޮތުން ރިސޯޓު ވޭޓަރުންނަށް ލޯންޑަރީއަށް ރެސްޓޯރެންޓަށް ނުވަތަ ފުރޮންޓް އޮފީހުގައި ވެސް އެ ފަދަ މީހުން ތިބޭކަމަށް ވެ އެވެ. ރިސޯޓު ހުޅުވާ ހިދުމަތްދޭން ދޭން ފަށަނީ މަތީ ފެންވަރުގެ ހިދުމަތް ދިނުމަށް މުވައްޒަފުން ތަމްރީނު ވެސް ނުކޮށް ކަމަށް ވެއެވެ.

ރިސޯޓްތަކުން އެގޮތަށް އަމަލު ކުރުމުގެ ނަތީޖާއަކަށްވެގެންދަނީ ރިސޯޓުގެ ހިދުމަތުގެ ފެންވަރު ދަށްވެ ރިސޯޓު އާބެހޭ ޝަކުވާތައް ތަފާތު ފޯރަމްތަކުގައި ގިނަވެ، ފެންވަރު ރަނގަޅު ހިދުމަތް ނުލިބޭ ރިސޯޓް ކެޓަގަރީ ގައި ލިސްޓްވެ ރިސޯޓަށް އަންނަ ފަތުރުވެރިން އަދަދު މަދުވުމެވެ. ރިސޯޓު އޯނަރަށް ނުވަތަ ހިއްސާދާރުނަށް ގިނަފަހަރު މިފަދަކަންކަން ރޭކާލަނީ ހިންދެމި ނުލެވޭވަރަށް  ދަރަނިވެރިވާ ފަހުންނެވެ. ނުއަގުގައި ރަށުގެސްޓު ހައުސް ނުވަތަ ރިސޯޓު ވިއްކާލަން މަޖުބޫރުވާ ހިސާބުންނެވެ.

ނަމަވެސް ރައްޔިތުން މަޖިލީހުގެ އިގްތިސާދީ އިޖްތިމާއީ ދެ ކޮމިޓީގުޅިގެން، އެކުލަވާލި ކޮމެޓީން ވަޒީފާއާބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން އެ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ އެވެ. އެ ގާނޫނަށް ކޮމެޓީން ގެނެސްފައިވާ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކޮށްފި ނަމަ ނަތީޖާއަކަށްވެގެންދާނީ ރާއްޖޭގެ ހިދުމަތް ދިނުމުގެ ދާއިރާއަށް އިތުރު ކުރިއެރުން ލިބި އެ ދާއިރާއިން ލިބޭ އާމްދަނީ މައްޗަށް ދިއުމެވެ.

ހަމަ އެބީދައިން ރިސޯޓު ވަޒީފާގެ އިސް މަގާމުތަކަށް ދިވެހިން ބިނާ ކުރުމާ ތަމްރީނު ދިނުމަށް ދުރާލާ މަސައްކަތް ކުރުމަށް އެ އިސްލާހުގައި މުއްދަތު ތަކެއް ވަނީ ކަނޑައަޅާފަ އެވެ. ޖުމްލަ ކޮށް ވަޒީފާ ގެ ގާނޫނަށް ކޮމިޓީން ގެނެވިފައިވާ އިސްލާހު ތަކުގެ ސަބަބުން މުޅި ސިނާއަތައް ކުރިއެރުން ލިބި ގިނަ މައްސަލަތައް ހައްލުވެގެންދާނެއެވެ. މިކަންވެގެންދާނީ ފަތުރުވެރިކަމުގެ ސިނާއަތަށާއި  ސާވީސް އިންޑަސްޓްރީއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

އެޑިޓަރުގެ ނޯޓް:

އިބްރާހީމް ރަޝީދު (ބޮންޑާ) އަކީ ތަފާތު ދާއިރާތަކުން ދިރާސާ ކުރައްވާ ބޭފުޅެކެވެ. މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެމްބަރަކަން ކުރައްވަނީ ވެސް އޭނާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް