ads
ރިސޯޓެއް؛ ރާއްޖޭގެ އިގުތިސާދު ބިނާވެފައިވަނީ ޓޫރިޒަމަށް--
ކޮވިޑްގެ ހާލަތު: ރާއްޖެ ތަރުތީބު ކުރަންޖެހޭ ވަގުތު މިއޮތީ ޖެހިފައި!
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ނުރައްކާތެރި ބަލިމަޑުކަމާއި، އަދި އެއާއި ގުޅިގެން ވިޔަފާރިތައް ހުއްޓި، ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ ތެރޭގައި ދިވެހިރާއްޖެވެސް މިދަނީ ވަރަށް ނުރައްކާތެރި އަދި ނިކަމެތި ދުވަސްތަކެއް ތަހައްމަލު ކުރަމުންނެވެ. ކޮވިޑުގެ ހާލަތުން އަރައިގަތުމަށް އާ ފިޔަވަޅުތަކެއް އަޅަން ޖެހޭ

ދުނިޔޭގެ ގިނަ އެހެނިހެން ގައުމުތަކާއި ހިލާފަށް ރާއްޖެއަކީ ފަތުރުވެރިކަމަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ އެއް ގައުމެވެ. މިހެންކަމުން ފަތުރުވެރިކަން ހުއްޓުމާއިއެކު މުޅި ގައުމަށް ވަންނަމުންދިޔަ ބޭރުފައިސާ މިވަނީ މުޅިންހެން ވަނުން ހުއްޓިފައެވެ. މިއާއިއެކު، ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިފައިވާ ވަރަށް ބައިވަރު ކުދި ވިޔަފާރިތައްވެސް މިވަނީ ހުއްޓުމަކަށް އައިސް އެތައް ބައެއްގެ ވަޒީފާތައް ގެއްލިފައެވެ.

މާޗްމަހުގެ ފަހުކޮޅު އެއާޕޯޓް ބަންދުކުރެވި، އަދި ރާއްޖޭގެ ހުރިހާ ރިސޯޓަކާއި ގެސްޓްހައުސް ހޮޓާތައް އެކީ ބަންދު ކުރަންޖެހުމާ އެކު ކުރިމަތިވި ނުތަނަވަސްކަމާއި، ވަޒީފާ ގެއްލުމުގެ މައްސަލައަށް ކޮންމެވެސް މިންވަރެއްގެ އެހީތެރިކަމެއް ބޭންކުތައް މެދުވެރިކޮށް، އަދި ސަރުކާރުން ސީދާ ބަޖެޓުން ދޫކުރި ލޯނުތަކާއި، އެލަވަންސްތަކުން ލިބިގެންދިޔައެވެ.

އޭޕްރީލް މަހުގެ މެދުތެރެއިން މާލެ ސަރަހައްދު ފުރަބަންދަކަށް ގޮސް، ސިއްހީ ކަންކަން އަދި ހާލަތާއިގުޅޭ އެހެނިހެން ކަންކަން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެންއީއޯސީ) ވަނީ މެނޭޖްކުރަން ފަށައި، ކޮންމެ ދުވަހަކު އެތައް ފަހަރަކު ރައްޔިތުންނަށް މައުލޫމާތާއި އިރުޝާދުތައް ދީފައެވެ. މިއާއިއެކު، ބަލިޖެހޭ މީހުންގެ ނިސްބަތް ދަށްކުރެވި، އަދި ވަކި ހިސާބަކުން އެންއީއޯސީ ގެ އޮޕަރޭޝަންތައް ކުޑަކޮށް، ހެލްތު މިނިސްޓްރީގެ ދަށުން އެޗްއީއޯސީ ގެ ނަމުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމުނެވެ. ޖުލައި މަހާއިއެކު، މާލެ ސަރަހައްދު އެކީ ހުޅުވާލެވިގެން ދިޔައިރު، ފަތުރުވެރިކަން ހުޅުވާލުމަށްޓަކައި ދިޔައީ ތައްޔާރީތައް ވަމުންނެވެ.

ވިސްނަންޖެހޭ އަނެއްކަމަކީ، ދެނެއް މުޅި ދުނިޔެވެސް، އަދި ރާއްޖެވެސް ކުރީގެ ނޯމަލްއަކަށް ނުދާނެކަމެވެ. ނިއު ނޯމަލްއަކީ ދާއިމީ ނިއު ނޯމަލްއެކެވެ. ދެން އަޅުގަޑުމެންގެ ކަންކަން ޖެހޭނީ އާ ގޮތަކަށް ދާއިމަށް ކުރަމުން ގެންދާށެވެ. ދިރިއުޅޭ ތަނާއި ދޭތެރޭވެސް ވިސްނަންޖެހެއެވެ. އެއްތަނެއްގައި ގިނަ ބަޔަކު އުޅުން ހުއްޓުމަކަށް ގެނެސް، މާލޭ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރަން ފަށަންވީ މިހާރުއެވެ. އުތުރާއި ދެކުނުގައި ސިއްހީ ވަސީލަތްތައް ގާއިމްކުރަން ޕްލޭންކުރަންވީ މިވަގުތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަރައްގީ ފަތުރާލާ ވާހަކަ ދައްކަންވީ މިވަގުތެވެ. ދެންވެސް ލިބޭ ލޯނަކުން ބުރިޖް އަޅަންވީ މާލޭ ސަރަހައްދަކު ނޫނެވެ. މީހުން އާބާދުކުރަންވީ އިތުރު ސަރަހައްދުތަކުގައެވެ.

މިހާލަތަށް ދިޔައިރު، ފަތުރުވެރިން އެމީހުންގެ ލޮކްޑައުންތަކުން ސަލާމަތްވެ، ހަމަ ނޭވާއެއް ލުމަށްޓަކައި ޗުއްޓީ ހޭދަކޮށްލަން ރާއްޖެއަށް އަންނަން ބަލާއިރު، ރާއްޖޭގައި މިވަނީ ކޮވިޑްގެ ހާލަތު ނިސްބަތުން ވަރަށް ގޯސްކޮށެވެ. އެންމެ ފަހުން، ފަތުރުވެރިކަން ވެސް ރަނގަޅަށް ފަށައިނުގަނެވި، އާމްދަނީ ނުލިބި، އަދި ނުވިތާކަށް، ބަލިވާ މީހުން ގިނަވާ ވަރަކަށް ސިއްހީ ޚިދުމަތަށް ކުރަންޖެހޭ ހަރަދުތައްވެސް މިދަނީ އިތުރުވަމުންނެވެ. އަދި ވަޒީފާ ގެއްލިފައިވާ މީހުންނާއި، އާމްދަނީ ހުއްޓިފައިވާ މީހުންނަށް އެހީތެރިވުމަށް ކުރަންޖެހޭ ހަރަދުތައްވެސް ދާނީ އިތުރުވަމުންނެވެ.

މިހާ ހިސާބުން، ހާލަތު އެންމެ ގޯސްވެއްޖެނަމަ، ރާއްޖޭގެ ކަންކަން އޮންނާނޭ ގޮތުގެ ތަސައްވުރަކާއި މެދު ވިސްނާލެވިފައިވޭތޯއެވެ؟ ސިއްހީ މާހިރުން އެންމެ ފަހުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ބަލާއިރު، މިހާރު ބަލި ފެތުރެމުންދާ ރޭޓަށް ބަލާއިރު، ހޮސްޕިޓަލުތަކުގެ އެނދުތައް ދަނީ ފުރެމުންނެވެ. ސިއްހީ ފަރުވާދޭ މީހުންގެ ނިސްބަތުން ބަލި މީހުންދަނީ އިތުރުވަމުންނެވެ. ހާއްސަ އެހީތެރިކަމަށް ބޭނުންވާ، އައިސީޔޫއަށް ލާންޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ވެންޓިލޭޓަރުގެ އެހީދޭންޖެހޭ މީހުންގެ އަދަދު ދަނީ ގިނަވަމުންނެވެ. އަދި މަރުވާ މީހުންގެ ނިސްބަތްވެސް ދަނީ އިތުރުވަމުންނެވެ. މިއާ އެކު، ފުރަތަމަ ފަރުވާދޭނީ ކާކަށްތޯ ކަނޑައަޅަންޖެހޭ ހާލަތަކަށްވެސް ކަންކަން ހިނގައިދާނެކަމަށް އެބަ އިންޒާރު ދެވެއެވެ. ކަންކަން މިހާލަތަށް ގޮސްފިނަމަ، އެންމެ ނުރައްކާތެރި ހާލަތަކަށް ވާނީ މަގުމައްޗަށް މީހުން މަރުވެގެން ވެއްޓިފައި ތިބޭ މަންޒަރުތޯއެވެ؟

އަތުގައި ކާނެ އެއްޗެއް ނެތި މަގުމަތީގައި ސަލާންޖަހަންޖެހޭ މީހުން އިތުރުވުންތޯއެވެ؟ އަދި އިގްތިސާދީ ހީނަރުކަމުގެ ސަބަބުން އިޖްތިމާއީ ހަމަނުޖެހުން ބޮޑުވެ، ވައްކަމާއި އެހެނިހެން އިތުރު ކުށްތައް އިތުރުވެގެން ދިއުންތޯއެވެ؟ ތަންތައް ލޫޓުވައި، މުޅި ގައުމުގައި ހަމަނުޖެހުން އިތުރުވެގެން ދިއުންތޯއެވެ؟ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް މިފަދަ ހާލަތަކަށް ގައުމު ވެއްޓިގެން ނުދިއުމަށް މަސައްކަތް ކުރަން އެބަޖެހެއެވެ. އެންމެ ކުރިން ފަށައިގަތް ގޮތަށް، ބަލި ކޮންޓްރޯލް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން އެބަޖެހެއެވެ. އެއީ އަލުން ފުރަބަންދަކަށް ގޮސްގެން ނަމަވެސް، އަދި ދެން ހުރި ފިޔަވަޅެއް އަޅައިގެން ނަމަވެހެވެ.

ނަގަންޖެހޭ ލޯނެއް ނަގައިގެން ނަމަވެސް، ހޯދަންޖެހޭ އެހީތެރިކަމެއް ހޯދައިގެން ނަމަވެސް، ސިއްހީ ހިދުމަތްތައް ވަރުގަދަކޮށް ބަލި ކޮންޓްރޯލް ކުރަމުންދާއިރު، އެހީތެރިކަން ބޭނުންވާ ރައްޔިތުންނަށް ފައިސާގެ އެހީ ސަރުކާރުން ހަމަޖައްސައިދޭންޖެހެއެވެ. ހުރިހާ ވިޔަފާރިއެއް ހުޅުވައިގެން، ކުރީގެ ނޯމަލްއަށް ރުޖޫއަވާން އަދި ކައިރިވެސް ނުވެއެވެ. އެއަށްވުރެ ހާލަތު މާ ނުރައްކަލެވެ.

ވިސްނަންޖެހޭ އަނެއްކަމަކީ، ދެނެއް މުޅި ދުނިޔެވެސް، އަދި ރާއްޖެވެސް ކުރީގެ ނޯމަލްއަކަށް ނުދާނެކަމެވެ. ނިއު ނޯމަލްއަކީ ދާއިމީ ނިއު ނޯމަލްއެކެވެ. ދެން އަޅުގަޑުމެންގެ ކަންކަން ޖެހޭނީ އާ ގޮތަކަށް ދާއިމަށް ކުރަމުން ގެންދާށެވެ. ދިރިއުޅޭ ތަނާއި ދޭތެރޭވެސް ވިސްނަންޖެހެއެވެ. އެއްތަނެއްގައި ގިނަ ބަޔަކު އުޅުން ހުއްޓުމަކަށް ގެނެސް، މާލޭ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރަން ފަށަންވީ މިހާރުއެވެ. އުތުރާއި ދެކުނުގައި ސިއްހީ ވަސީލަތްތައް ގާއިމްކުރަން ޕްލޭންކުރަންވީ މިވަގުތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަރައްގީ ފަތުރާލާ ވާހަކަ ދައްކަންވީ މިވަގުތެވެ. ދެންވެސް ލިބޭ ލޯނަކުން ބުރިޖް އަޅަންވީ މާލޭ ސަރަހައްދަކު ނޫނެވެ. މީހުން އާބާދުކުރަންވީ އިތުރު ސަރަހައްދުތަކުގައެވެ.

ފުޑް ސެކިއުރިޓީ، ނުވަތަ ކާބޯތަކެއްޗަށް ނުޖެހޭނެ ގޮތަކަށް އަމިއްލައަށް ކޮންމެވެސް މިންވަރެއް ގައުމުގައި އުފެއްދުމަށް ވިސްނަންވީ މިވަގުތެވެ. މިގޮތުން ކޮންމެ ރަށެއްގައިވެސް ކޮންމެވެސް މިންވަރަކަށް ދަނޑުވެރިކަން ކުރުމަށް ވިސްނަންވީ މިވަގުތެވެ. ފަތުރުވެރިކަމުގެ އިތުރުން އެހެން ސިނާއަތްތައް ތަރައްގީކުރަން ވިސްނަންވީވެސް މިވަގުތެވެ. ގައުމުގައި ސިޔާސީ ހަމަޖެހުމާއި، އެކުވެރިކަން ގާއިމްކުރަންވީ މިވަގުތެވެ. ވެރިންގެ ލީޑަޝިޕް ދައްކަންވީ މިވަގުތެވެ. ވައްކަމާއި ކޮރަޕްޝަން ނައްތާލައި، ރައްޔިތުންނަށް އިހުލާސްތެރިކަމާއިއެކު ވެރިކަން ހިންގަންވީ މިވަގުތެވެ.

ކޮވިޑްގެ ނުރައްކާތެރިކަން އަޅުގަނޑުމެންނާއި ބައްދަލުކުރިއިރު، ގައުމުގެ ހިންގުމުގެ ނިޒާމާއި، އިގްތިސާދު ހިންގުމުގެ އުސޫލްތަކާއި، އަދި އިޖްތިމާއީ އަދާލަތު ފަދަ ކަންކަން ހުރީ އެންމެ ރަނގަޅަކަށް ނޫނެވެ. ގައުމުގެ ދުޅަހެޔޮކަން، އިގްތިސާދުގެ ދުޅަހެޔޮކަން ހުރީ އެންމެ ރަނގަޅަކަށް ނޫނެވެ. މިހެންކަމުން އަޅަންޖެހިފައިވާ ވޭން ބޮޑެވެ. އެހެންނަމަވެސް، ކޮވިޑަކީ ދުޅަހެޔޮކަން ވަރުގަދަ ކުރުމަށް ލިބޭ ފުރުސަތެކެވެ. ކަންކަން ހަމަ މަގަށް އަޅުވަން ލިބޭ އިންޒާރެކެވެ. މި ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފިއްޖެނަމަ، ކޮވިޑުން އަރައިގަންނައިރު ރާއްޖެ އަލުން ފަށައިގަންނާނީ އިތުރު ވަރުގަދަކަމާއި ދުޅަހެޔޮކަމާއިއެކުގައެވެ.

އެޑިޓަރުގެ ނޯޓް:

ޝަހުލް ހުސައިން އަކީ ސީއެންއެމް ނޫހަށް ލިޔަމުންދާ ލިޔުންތެރިއެކެވެ. މައިގަނޑުގޮތެއްގައި ލިޔަމުންދަނީ އިޖުތިމާއީ އިގުތިސާދީ ދާއިރާގެ މައްސަލަތަކާ ބެހޭ ގޮތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް