ފްލެޓް ކޮމިޓީން އާންމުކުރި އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ އާއި ޓީޗަރުންނަށް ހާއްސަ ކެޓަގަރީގެ އިތުރުން މާލޭ ރަށްވެހިންނަށް ހާއްސަ ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެ ކޮމިޓީން ބެލިބެލުމުގައި އެ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ ވަގުތީ ލިސްޓު ވަނީ މިމަހުގެ 24 ގައި އާންމުކޮށްފައި ކަމަށެވެ.
އެ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް ލިސްޓްތަކަށް https://hcp.presidency.gov.mv/ މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެ އެވެ.
ކޮމިޓީން ބުނީ ހިޔާ" މަޝްރޫއުގެ ދާއިމީ ލިސްޓްތައް އެކުލަވާލުމުގައި އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިއާޔަތްކުރެވޭނެ ކަމަށެވެ. އެހެންކަމުން، އެ ކޮމިޓީއިން ނެރޭ ދާއިމީ ލިސްޓްތަކަކީ ފުރިހަމަ ލިސްޓްތަކަކަށް ހެދުމަށްޓަކައި، 24 އޮގަސްޓް ގައި ނެރެފައިވާ ވަގުތީ ލިސްޓްތަކުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާނަމަ އެކަން ހުށަހެޅުމަށް އެދޭ ކަމަށެވެ.
އެ ކޮމިޓީން ނެރެފައިވާ ވަގުތީ ލިސްޓްތަކުގައި ޕޮއިންޓް ދީފައިވާގޮތާމެދު ކޮންމެ ފަރާތަކަށް ވެސް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށާއި އެގޮތުން އެހެން ފަރާތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ޕޯޓަލް މެދުވެރިކޮށް އެ ޝަކުވާއެއް ހުށަހެޅޭނެ ކަމަަށް ބުނެ އެވެ.
.