ads
ހޯރަފުށި އެއާޕޯޓުގައި ތާރު އަޅަނީ--
ހޯރަފުށީ އެއާޕޯޓުގައި ތާރުއަޅަން ފަށައިފި
ހއ. ހޯރަފުށީ އެއާޕޯޓުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އިއްޔެ ތާރުއެޅުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކޮށް އެމްޓީސީސީ އިން ބުނީ އެ މަސައްކަތް ފާހަގަ ކުރުމަށްޓަކައި އެރަށުގެ ރައްޔިތުން ވަނީ ކުލަ ގަދަ ރަސްމިއްޔާތެއް ބާއްވާފައި ކަމަށެވެ. 

ހޯރަފުށީގައި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރަމުން އަންނައިރު އެ އެއާޕޯޓުގެ ބޮޑު މިހާރު އޮތީ ނިމިފަ އެވެ. އެ ކުންފުނިން އަމާޒު ހިފާފައި އޮތީ އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެ މަސައްކަތް އެއްކޮށް ނިމޭތޯ އެވެ. 

ހޯރަފުށި އެއާޕޯޓް ޕްރޮޖެކްޓުގެ ދަށުން އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭ އަކާއި 8،635 އަކަ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭ އެއް ތަރަޢްގީ ކުރާނެ އެވެ. އަދި 9،473 އަކަ މީޓަރުގެ ޕާކިން އޭރިއާ އަކާއި 1،718 އަކަ މީޓަރުގެ ފަޔާ އެކްސެސް ރޯޑް އެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އާއި ބީޗް ފެންސް އޭރިއާ އެއް ތަރައްގީކުރާނެ އެވެ. 

އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ 842،200 އަކަ މީޓަރުގެ ބިން ހިއްކައި ނިންމާލާފައި ވަނީ 2019 ވަަނަ އަހަރުގެ އޮގަސްޓު މަހު އެވެ. އަދި 1،120 މީޓަރުގެ ރިވެޓްމެންޓުގެ މަސައްކަތް ނިންމާލާފައި ވަނީ މިއަހަރުގެ މާޗް މަހު އެވެ. 

އަދި އެއާޕޯޓުގެ ޕަސެންޖާ ޓާމިނަލް އަދި ފަޔާ ބިލްޑިންގް އިމާރާތްކުރުމުގެ މަޝްރޫއު ވެސް މިހާރު އެ ކުންފުންޏާއި ހަވާލުކޮށްފައިވާއިރު 16.1 މިލިއަން ރުފިޔާގެ އެ މަޝްރޫއު ހަވާލުކުރީ 80 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 

އެތެރޭގެ އުދުހުން ތަކަށް ހާއްސަކޮށްގެން ހޯރަފުށީގައި ތަރައްގީ ކުރާ އެއާޕޯޓުގެ ޖުމްލަ އަގަކީ 198 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް