ads
އިންޑިޔާގެ ދޯނީ އަދި ވިރާތް ކޯލީ އައިޕީއެލް މެޗެއްގައި--
އައިޕީއެލްއަށް އަނެއްކާވެސް ކޮވިޑުގެ ހިޔަނި
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް، އިންޑިއަން ޕްރިމިއަ ލީގު ދުބާއީގައި ފެށުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް އަނެއްކާވެސް ކޮވިޑާއި ހެދި މުބާރާތަށް އެކަމުގެ ހިޔަނި އެޅިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ. މި ފަހަރު ދިމާވި މައްސަލައަކީ، ޗެންނާއީ ސުޕަ ކީންގްސްގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑަށް ޕޮޒިޓިވް ވުމުގެ މައްސަލައެވެ.

މުބާރާތުގެ މެޗު ޝެޑިއުލް އޮތް ގޮތުން ހުޅުވާ މެޗުގައި ކުޅޭނީ ޗެންނާއީ ސުޕަ ކިންގްސްއާއި މުމްބާއީ އިންޑިއަންސްއެވެ. ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު މި މެޗުން މުބާރާތް ފެށުމަށް ހަމަޖައްސާފައި ވަނިކޮށް ޗެންނާއީ ސުޕަ ކިންގްސް- ސީއެސްކޭގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑަށް ޕޮޒިޓިވްވެ، މުބާރާތުގެ ޝެޑިއުލް އަނެއްކާވެސް ބަދަލު ކުރަން ޖެހިދާނެ ކަމަށް ވަނީ ބެލެވިފައެވެ. ސީއެސްކޭ ޓީމު މިހާރު ތިބީ ދުބާއީގައި ކޭމްޕް ކޮށްގެނެވެ. ސީއެސްކޭއަކީ، އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ، އަދި ދާދި ފަހުން އިންޓަނޭޝަލް ކްރިކެޓުން ރިޓަޔަ ކުރި މަހިންދުރަ ސިންގް ދޯނީ ކުޅޭ ޓީމެވެ.

ދެ ފަހަރެއްގެ މަތިން މުބާރާތް ފެށުން ލަސް ކުރުމަށް ފަހު، އެންމެ ފަހުން ސެޕްޓެމްބަރު މަހު ދުބާއީގައި މި އަހަރުގެ އައިޕީއެލް ބޭއްވުމަށް ޕްރިމިއަ ލީގު ގަވަނިން ކައުންސިލުން ނިންމީ ކޮވިޑާ ގުޅިގެން އިންޑިޔާގައި މި މުބާރާތް ބޭއްވޭނެ އެއްވެސް ފުރުސަތެއް ނެތުމުންނެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް ކަމަށްވާ އައިޕީއެލްގެ މި އަހަރުގެ މުބާރާތް ފަށަން އެންމެ ފުރަތަމަ އޮތީ މާރިޗު މަހުގެ 29 ވަނަ ދުވަހު އެވެ. އޭގެ ފަހުން، އޭޕްރީލް 15 ވަނަ ދުވަހު ފެށުމަށް ތާވަލު ކުރުމަށް ފަހު މުއްދަތެއް ނެތް ގޮތަށްވެސް ފަސް ކުރިއެވެ. އެންމެ ފަހުން ނިންމީ މިހާރު މި ރާވާފައި މިވާ ގޮތަށް އެކުވެރި އަރަބި އިމާރާތުގައި މުބާރާތް ކުރިއަށް ގެންދާށެވެ.

އައިޕީއެލް ޓުވެންޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި އިންޑިއާގެ އަށް ސްޓޭޓަކުން ވާދަކުރާއިރު ސްޓޭޓްތަކުގެ ޓީމުތަކުގައި ދުނިޔޭގެ އެންމެ މޮޅެތި ކްރިކެޓް ކުޅުންތެރިން ވާދަކުރެ އެވެ. ދެހާސް ހަތްވަނަ އަހަރުން ފެށިގެން ކުރިއަށްދާ މި މުބާރާތަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ވެސް ހިމެނޭ މުބާރާތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް