ads
މިނިސްޓަރު ޒަހާ--
މަސްވެރިން އަތުން މިފްކޯ އިން މަސްގަންނަނީ ގެއްލުމުގައި: ޒަހާ
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ގެއްލުން ލިބެމުންދަނީ މަސްވެރިންގެ އަތުން ގެއްލުމުގައި މަސް ގަންނަމުންދާތީ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒަހާ އެގޮތަށް ވިދާޅުވީ މިފްކޯއިން މަސްވެރިން ވިއްކާ މަހަށް ފައިސާ ނުލިބި ލަސްވަނީ ކީއްވެގެންތޯ އާއި މަސްވެރިންނަށް ގަވާއިދުން ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސޭނީ ކިހާ ދުވަހެއްގެ ތެރޭގައިތޯ ދާންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔައުގޫބް ކުރެއްވި ސުވާލަށް މިއަދު މަޖިލީހުގައި ޖަވާބު ދެއްވަމުންނެވެ. 

މިނިސްޓަރު ވިދާޅުވީ މިފްކޯއާ ގުޅިގެން މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެބަ ހުރިއިރު ވަކިން ހާއްސަކޮށް މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލައިގައި މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އިންތިހާއަށް ގިނަ ކަމަށެވެ. 

މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިފްކޯއަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވުމުގައި ގިނަ މައްސަލަތަކެއް އެބަ ހުރި ކަމަށެވެ. 

އެގޮތުން އެ މައްސަލައިގެ އަސްލު ގުޅިފައިވާ ވަނީ މިފްކޯ އިން މަސް ގަންނަމުންދާ އަގާ ކަމަށެވެ. އަދި އެކްސްޕޯޓް ބާޒާރުގައި މިފްކޯ އިން މަސް ގަންނަމުން އަންނަނީ ގެއްލުމުގައި ކަމަށާއި ފާއިތުވި 12 މަސް ދުވަހު، އެކްސްޕޯޓްކުރުމަށް ހިންގި ހަރަދުތަކަށް ބަލާއިރު، އެވްރެޖްކޮށް މަސް ގަންނަ އަގުން 3-4 ރުފިޔާއާ ދެމެދުގެ ގެއްލުމެއް ލިބުންކަން ފާހަގަކުރެއްވި އެވެ. 

"އެނގިވަޑައިގަންނަވާނެ މިފްކޯ އިން މިހާރު މަސްވެރިން އަތުން މަސް ގަންނަމުންދަނީ އެކްސްޕޯޓް ބާޒާރުގައި ލިބޭ އަގަށް ބަލާއިރު ގެއްލުމުގައި. މިދިޔަ ބާރަ މަހު މަސް ގަތް އަގުތަކަށް ބަލާއިރު އަދި މަސް ގަނެ އެކްސްޕޯޓް ކުރުމަށް ހިންގާ ހަރަދަށް ބަލާއިރު މަސް ގަންނަ އަގުން މިފްކޯއަށް އެވްރެޖްކޮށް ތިނެއް ނޫނީ ހަތަރު ރުފިޔާއާ ދެމެދުގެ އަގަކަށް ގެއްލުންވޭ،"

އެ ސަބަބާހުރެ މިހާރު މިފްކޯ ހިންގަމުން އަންނަނީ އެކި ގޮތްގޮތުން ސަރުކާރުން ލޯނުގެ ގޮތުގައި ދޫކުރާ ފައިސާ އާއި މިފްކޯގެ ބެލެނިވެރި ކުންފުނީގެ ފައިސާ އިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އަދި މަސްވެރިންނަށް ދޫކުރާ ފައިސާ ދޫކުރުމުގައި ހުރި އިތުރު ދަތިތަކުގެ ތެރޭގައި މިފްކޯ ހިންގުމުގައި ހުރި މައްސަލަތައް ވެސް ފާހަގަކުރެއްވި އެވެ. އެގޮތުން ގަނޑުކުރި މަހުގެ ގޮތުގައި މިފްކޯ އިން އަދިވެސް ގިނަ އަދަދެއްގެ އެކްސްޕޯޓްކުރާ ކަމަށެވެ. 

މިނިސްޓަރު ވަނީ އަގު އެއްކޮށްގެން ރާއްޖެއިން ބޭރަށް މިފްކޯ އިން އެކްސްޕޯޓްކުރާނަމަ އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމަށް ވިދާޅުވެފަ އެވެ. 

މިނިސްޓަރު ޒަހާ އެގޮތަށް ވިދާޅުވިއިރު މިފްކޯގެ ބެލެނިވެރި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރަޝާދު ވަނީ އިއްޔެ އޮތް އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވެސް މިފްކޯއަށް ވަމުންދާ ގެއްލުމުގެ ސަބަބުން މިދަޔަ އަހަރުވެސް އެސްޓީއޯއަށް 116 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ވިދާޅުވެފަ އެވެ. އަދި އެސްޓީއޯއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިފްކޯއަށް ވަމުންދާ ގެއްލުންކަން ވެސް ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް