ads
ދިވެހި މަސްވެރިކަން--
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު ގެޒެޓުކޮށްފި
މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް ތަފްސީލުކޮށް ބަޔާންކޮށް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު ގެޒެޓުކޮށްފި އެވެ.

މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް ތަފްސީލުކޮށް ބަޔާންކޮށް ފައިވާ އެ ގަވާއިދުގައި އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި، ދާ އަޅައިގެން، ނުވަ ބާވަތެއް ހިފުން ވަނީ މަނާކޮށްފައެވެ. 

އަދި މިގޮތަށް ކުރާ މަސްވެރިކަމެއްގައި ދާ އަޅައިގެން ހިފުން މަނާ ބާވަތެއް ހިފައިފިނަމަ، އަދި ދާ ބޭނުންކުރަންޖެހޭ ހަމަތަކާ ހިލާފަށް ދާ ބޭނުންކޮށްފި ނަމަ ބޮޑެތި ޖޫރިމަނާތަކެއް ވަނީ ގައިވާއިދުގައި ހިމަނާފައެވެ.

އެ ގަވާއިދުގައި އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ރަށްރަށުގެ ފަޅުގެ ސަރަހައްދުން ބޭރުގައި ދާ އަޅައިފިނަމަ ކުރާނެ ޖޫރިމަނާއާއި، ދަލުގެ ދިގުމިނާއި، ދާ ބޭނުންކުރެވޭނެ ސަރަހައްދުތަކާއި އުސޫލުތަކާއި ކުރުން މަނާކަންކަން ވެސް ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވެއެވެ

އަދި ގަވާއިދުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ 13 ބާވަތާއި ރާއްޖެއިން އެކްސްޕޯޓު ކުރުން މަނާ 10 ބާވަތެއް ބަޔާންކޮށްފައި ވެއެވެ.

ގަވާއިދުގައި މިނިސްޓްރީން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށުގެ ފަޅުންނާއި އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުން މަސްވެރިކަން ކުރަންވީ ގޮތްތަކާއި، ހުއްދަތައް ދޫކުރެވޭނެ ގޮތްތަކާއި އަދި ގަވާއިދުތަކާއި ހިލާފް ވާނަމަ ކުރެވޭނެ ޖޫރިމަނާ ވެސް ވަރަށް ތަފްސީލްކޮށް ވެއެވެ.

މީގެ އިތުރުން މަސްވެރިކަން ކުރުމުގައި އެންމެ ރަނގަޅު ގޮތްތަކާއި އުސޫލުތައް ނުވަތަ "ބެސްޓް ޕްރެކްޓިސް" އަށް އަމަލުކުރަން ޖެހޭނެކަމަށް ބަޔާން ކޮށްފައިވާއިރު މަސްވެރިކަން ކުރުމުގައި ތިމާވެއްޓަށް އަސަރުކޮށްފާނެ ކަންކަން ނުކުރުމަށާއި، މަސްވެރި ކަމުގައި ބޭނުންކުރާ ކަނޑުގެ ގުދުރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމާއި މަސްވެރިކަމުގައި އަމާޒުކުރާ ބާވަތްތައް ފިޔަވައި، ހިފޭ ނުވަތަ ބޭނޭ ނުވަތަ ނެގޭ ބާވަތްތަކުގެ މިންވަރު މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި މަސްވެރިކަމުގައި އުފެދޭ ކުނި، ޒިންމާދާރު ގޮތެއްގައި ނައްތައިލެވޭނެ ގޮތްތައް ކަށަވަރުކުރަން ޖެހޭނެކަމަށް ގަވާއިދުގައި ބަޔާން ކޮށްފައިވެއެވެ.

އަދި މަސްވެރިކަން ކުރުމުގައި ކުރުން މަނާ ކަންތައްތައް ހިމަނާ މިފަދަ ކަމަކާ ހިލާފްވާނަމަ ކުރާނެ ޖޫރިމަނާ ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ އިމުގެ ތެރެއަށް ފެތޭ ހަރަކާތްތަކާ ގުޅިފައިވާ އެންމެހައި މީހުންނާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، މަސް ޕްރޮސެސްކުރާ ތަންތަނާއި، މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތްކުރާ ތަންތަނާއި، އެއްގަމު އުޅަނދުފަހަރާއި، ވައިގެ އުޅަނދުފަހަރާއި، ނުވަތަ އެނޫންވެސް އުޅަނދު ފަހަރާއި، މަސްވެރިކަމުގެ ގާނޫނުގެ އިމުގެ ތެރެއަށް ފެތޭ ހަރަކާތްތަކާ ގުޅިފައިވާ އެންމެހައި ތަންތަނުގެ މަށްޗަށް މި ގަވާއިދު ހިނގާނެއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު ގެޒެޓުކޮށްފައިވާއިރު ގަވާއިދު ހެދުން ލަސްވާތީ ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ވަނީ އިއްޔެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި މީގެ ކުރިންވެސް ޒަހާ މަޖިލީހަށް ހާޒިރުކޮށް މިކަމާ ގުޅޭގޮތުން ސުވާލުކޮށްފައިވެއެވެ. އަދި ގަވާއިދު އާއްމު ކުރުން ލަސްވާތީ މިނިސްޓަރު މަގާމުގެ ޒިންމާ އަދާނުކުރައްވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަހުމަތު ކުރައްވާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެސް ވެއެވެ. 

އިއްޔެގެ ޖަލްސާގައި ޒަހާ ވިދާޅުވީ މޭ 31 ގައި ހުރިހާ ގަވާއިދެއް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުއްވި ކަމަށާއި، ގެޒެޓު ކުރުމަށް ރައީސް އޮފީހަށް ފޮނުއްވާފައި ވަނީ ޖުލައި 14 ގައި ކަމަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް