ads
ރަށެއްގައި ދާޖަހައިގެން ރިއްމަސް ހިފަނީ-- ފޮޓޯ: އަސަރޭ/ ފޭސްބުކް
ދާ އަޅައިގެން، ނުވަ ބާވަތެއްގެ މަސް ހިފުން މަނާކޮށްފި
އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި، ދާ އަޅައިގެން، ނުވަ ބާވަތެއް ހިފުން މަސްވެރިކަމުގެ އާއްމު ގަވާއިދުގެ ދަށުން މަނާކޮށްފި އެވެ.

މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް ތަފްސީލުކޮށް ބަޔާންކޮށް އިއްޔެ ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު ގެޒެޓްކޮށްފައެވެ.

އެ ގަވާއިދުގައި އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި، ދާ އަޅައިގެން، ނުވަ ބާވަތެއް ހިފުން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ރެހި  
  • ބޯދި
  • މުގުރާން
  •  ހޮނޑެލި
  •  މިޔަރެން
  •  ނިލަމެހި
  •  ތާވަޅު ނުވަތަ ތާވަޅަ
  • މުށިމަސް
  • ރިއްމަސް

ގެޒެޓްކުރެވުނު އާ ގަވާއިދުގައި މަސްވެރިކަމުގެ ގަވާއިދުތަކާއި ހިލާފްވެއްޖެނަމަ ބޮޑު އަދަދުތަކަކުން ޖޫރިމަނާ ކުރާ ގޮތަށް އޮތްއިރު އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމެއްގައި ދާ އަޅައިގެން ހިފުން މަނާ ބާވަތެއް ހިފައިފިނަމަ، އަދި ދާ ބޭނުންކުރަން ޖެހޭ ހަމަތަކާ ހިލާފަށް ދާ ބޭނުންކޮށްފި ނަމަ، 2000 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށާއި އަދި ތަކުރާރުވާ ކޮންމެ ފަހަރަކު 500 ރުފިޔާ އިތުރު ކުރެވޭނެ ކަމަށާއި އެގޮތަށް ޖޫރިމަނާ އިތުރުކުރެވޭނީ 5000 ރުފިޔާ އާ ހަމައަށް ކަމަށް ބުނެފައިވެއެވެ.

އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ރަށްރަށުގެ ފަޅުގެ ސަރަހައްދުން ބޭރުގައި ދާ އަޅައިފިނަމަ 3500 ރުފިޔާއިން ޖޫރިމަނާ ކުރާއިރު ތަކުރާރުވާ ކޮންމެ ފަހަރަކު 500 ރުފިޔާ އިތުރު ކުރާ ގޮތަށާއި އެގޮތަށް ޖޫރިމަނާ އިތުރުކުރެވޭނީ 5000 ރުފިޔާ އާ ހަމައަށް ކަމަށް ބަޔާންކޮށްފައި ވެެއެވެ.

ގަވާއިދުގައި ބުނެފައި ވަނީ އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ބޭނުންކުރާ ދާ 100 ފޫޓަށް ވުރެ ދިގުވެގެން ނުވާނެ ކަމަށާއި ބޭނުންކުރާ ދަލުގެ ގޮޅިތައް ހުންނަންޖެހޭނެ އެންމެ ކުޑަ ސައިޒަކީ ހަތަރު އިންޗި ކަމަށެވެ.

އަދި މަސްވެރިކަން ކުރުމަށް ދާ އެޅުމަށް ފަހު، ދާ ދޫކޮށްލައިފައި ނުދިއުމަށާއި މަސްވެރިކަން ކުރުމަށް ދާ ބޭނުންކުރާއިރު ފަރަށް ގެއްލުން ލިބޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި ދެ ގަޑިއިރަށް ވުރެ ގިނައިރު ދާ ދަމާފައި ނުބޭއްވޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ.

ގަވާއިދުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ 13 ބާވަތާއި ރާއްޖެއިން އެކްސްޕޯޓު ކުރުން މަނާ 10 ބާވަތެއްވެސް ވަނީ ބަޔާންކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް