ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
އައްޑޫގައި އިންޑިއާ އެހީގައި ހަދާ މަރުކަޒުގެ އެއްބަސްވުމުގައި ސޮއިކުރީ ޖަމީލް: ޝާހިދު
އައްޑޫ ސިޓީގައި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން އަޅަމުން އަންނަ މަރުކަޒުގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއި ކުރެއްވީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު އެގޮތަށް ވިދާޅުވެފައި ވަނީ ވާނީގެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

އައްޑޫ އަތޮޅުގައި ފުލުހުންގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އެ މަސައްކަތަކީ ހަމައެކަނި މި ސަރުކާރުން ކުރަމުންދާ މަސައްކަތެއް ނޫން ކަމަށާއި އެ މަސައްކަތުގެ އެއްބަސްވުމެއްގައި އެންމެ ފުރަތަމަ ސޮއި ކުރެވިފައި ވަނީ 2012 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. 

އަދި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެންމެ ފުރަތަމަ އެކަމުގެ އެއްބަސްވުމެއްގައި ސޮއި ކުރެވިފައި ވަނީ 29 ސެޕްޓެމްބަރު 2012 ގައި ކަމަށާއި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އޭރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޖަމީލް ކަމަށް ޝާހިދު ވިދާޅުވެ އެވެ. 

މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި އޭގެ ފަހުން އެކި ބަދަލުތައް ޕްރޮޖެކްޓަށް އައިސްފައިވާއިރު އެންމެ ފުރަތަމަ ނިންމާފައި އޮތީ ޅ. ދިއްފުށިމާދޫގައި އެތަން ހެދުމަަށް ކަމަށެވެ. 

"އޭގެ ފަހުން އެކި ބަދަލުތައް އެ ޕްރޮޖެކްޓަށް އައިސްފައިވޭ. އެންމެ ފުރަތަމަ އެ ޕްރޮޖެކްޓްގައި ޑރ. މުހައްމަދު ޖަމީލް އަހުމަދު ސޮއި ކުރައްވާ އިންޑިއާ ސަރުކާރާއެކީގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް އެމަނިކުފާނުގެ ސޮއި އެޅުއްވިއިރު އެކަން ކުރަން ގަސްދުކޮށްފައި އޮތީ ޅ. އަތޮޅު ދިއްފުށި މާދޫގަ،"

އޭގެ ފަހުން 2014 ވަނަ އަހަރު އެޕްރޮޖެކްޓް ލ. އަތޮޅަށް ވެސް ބަދަލުކުރި ކަމަށާއި އަދި އޭގެ ފަހުން ޕްރޮޖެކްޓްވަނީ އައްޑޫއަށް ބަދަލުކުރެވިފައި ކަމަށެވެ. 

އެ ޕްރޮޖެކްޓް އައްޑޫއަށް ބަދަލުކުރުމަށް އެސިޓީ ކައުންސިލާ ވެސް މަޝްވަރާކުރެވުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ މަޝްވަރާތަކުގައި އިސްކޮށް ހުންނެވީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށެވެ. އެގޮތުން މަރުކަޒު ގާއިމުކުރާ ބިން ކަނޑައެޅުމުގެ ކަންކަން ވެސް އިސްކޮށް ކުރިއަށް ގެންދެވީ އުމަރު ނަސީރުކަން ފާހަގަކުރެއްވި އެވެ. 

މިނިސްޓަރު ޝާހިދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެންމެ އިސްކަމެއް ދެއްވަނީ ފުލުހުންގެ ތަމްރީން ލިބޭނެ ވަސީލަތް ގާއިމުކުރުން ކަމަށާއި އެގޮތުން މަސައްކަތްތައް ލަސްކުރަން މި ސަރުކާރުން ބޭނުންނުވާ ކަމަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އެ ޕްރޮޖެކްޓްގެ މަސައްކަތް އިތުރަށް ހަލުވިކޮށް މާލަސްތަކެއް ނުވެ ދިވެހި ފުލުހުންނަށް ތަމްރީންތައް ލިބޭނެކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑު މިވާހަކަ މިގޮތަށް ދެއްކުމުގެ އެއް ބޭނުމަކީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވެފައިވީނަމަވެސް ކަމެއްގައި އުޅުއްވާފައި ތިއްބެވި ބޭފުޅުންނަށްވިއްޔާ އެބޭފުޅުންނަށް ހައްގު ޝުކުރު ދަންނަވާލުން،"

ޝާހިދު، އެގޮތަށް ވިދާޅުވިއިރު ޑރ. ޖަމީލްގެ އިތުރުން އުމުރު ނަސީރު ވެސް ގެންދަވަނީ މި ސަރުކާރުން އިންޑިއާއާ ގާތް ގުޅުން އުފައްދާ، އެގައުމުގެ އަސްކަރިއްޔާއިން ރާއްޖެއަށް އަތްގަދަކުރާ ކަމަށް ވެސް ތުހުމަތު ކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް