ads
އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓަރާ މަރިޔަމް ވިސާމް--
ގޭގައި އަމިއްލަޔަށް ކުރާ ވިޔަފާރިތަށް ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެ:
ދިރިއުޅުމަށްޓަކައި ގޭގައި އަމިއްލަޔަށް ކުރާ ވިޔަފާރިތަށް ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓަރާ މަރިޔަމް ވިސާމް ވިދާޅުވީ އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން، އަމިއްލަ ގޭގައި ނުވަތަ އެއްތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫންވެސް ހިދުމަތެއް ފޯރުކޮށްދިނުމަކީ، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކުރަން ޖެހޭނެ ކަމެއް ނޫންކަމަށެވެ. 

ވިސާމް ވިދާޅުވީ ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭނަމަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި ކަމާގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނެގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން  އެންގުމައި ގުޅިގެން އާއްމުންގެ ވަރަށް ބޯޑު ކަންބޮޑުވުންތަކެއް ފެންމަތިވެފައިވާކަމަށެވެ.

އެހެންނަމަވެސް އާއްމުންނަށް ވަރަށް ބޮޑަށް މިކަން އޮޅިފައިވާ ކަމަށާއި އެޗްޕީއޭގެ އެންގުމުގައިވަނީ ގޭގައި ކުރާ އަމިއްލަ ފިޔަފާރީތަށް ރަޖިސްޓްރީ ކުރަން ޖެހޭގޮތަކަށް ނޫންކަމަށާއި ރަޖިސްޓްރީ ކުރަން ޖެހޭނީ ވިޔަފާރިތަކަކީ، އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ހިންގާ ނުވަތަ ކުރާ މުދާ ގަނެވިއްކުމުގެ މަސައްކަތް، ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ އުފެއްދުންތެރިކަމުގެ މަސައްކަތް، ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ފޯރުކޮށްދޭ ފަންނީ ހިދުމަތް، ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ ހިދުމަތް ދިނުމުގެ މަސައްކަތް، މާލީ ފައިދާއެއް ހޯދުމުގެ ބޭނުގައި ނުއުފުލޭ މުދަލާ ގުޅޭގޮތުން ހައްގުތައް ދިނުން އަދި މާލީ ފައިދާއެއް ހޯދުމުގައި ހިންގާ އެނޫންވެސް ހަރަކާތްތަށް ކަމަށެވެ.

އެޗްޕީއޭގެ އެންގުމާއި ގުޅިގެން އާއްމުންގެ ކަންބޮޑުވުމާއި ނުރުހުން އަމާޒްވެފައިވާތީ އެކޮނޮމިކް މިނިސްޓްރީން އިއްޔެ ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ ދަށުން، ވަކި ފަރުދުން އާމްދަނީ ހޯދުމަށް ކުރާ ބައެއް ކަންކަމަކީ، އިސްތިސްނާވެގެންވާ ވިޔަފާރި ކަމުގައި ކަނޑައެޅިފައިވާ ކަންތައްތައް ކަމަށެވެ.

މިގޮތުން، އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން، އަމިއްލަ ގޭގައި ނުވަތަ އެއްތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫންވެސް ހިދުމަތެއް ފޯރުކޮށްދިނުމަކީ، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކުރަން ނުޖެހޭ ފަދަ މަސައްކަތްތައް ކަމަށް ބަޔާނުގައިވެއެވެ

އެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ ދަށުން އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި ބެލެވޭނީ، އެ މަސައްކަތަކީ، ވަޒީފާގައި ބަޔަކު ގެންގުޅުމަކާ ނުލާ، ތިމާ އަމިއްލައަށް ކުރާ މަސައްކަތަކަށްވާ ނަމަކަމަށް ބަޔާންކޮށްފައިވެއެވެ

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން، ރާއްޖޭގެ އާބާދީގެ ގިނަ ބައެއްގެ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނާތީ، ގޭގައި ތިބެގެން މަސައްކަތްކޮށް، އާމްދަނީ ހޯދަމުންދާ ކަމަށާއި އެ ފަރާތްތަކަށް މަރުހަބާ ކިޔާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ވިޔަފާރި ކުރުމުގައި އަމަލުކުރަންޖެހޭ ކަންކަމާބެހޭ މައުލޫމާތު އޮޅުންފިލުވުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ކޯލް ސެންޓަރު 1691 އަށް ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށް ބަޔާނުގައިވެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް