ads
ކުޅިވަރު ވަޒީރު މަހްލޫފް އަދި ސްޕޯޓްސް ކޮމިޝަނަރު ހީނާ ސަލީމް
ގަވައިދާ ޚިލާފަށް ބޭއްވި އެފްއޭއެމްގެ އިންތިޚާބު ރަޖިސްޓްރީ ކޮށްދީފި
ކުޅިވަރު ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ، އަދި އެފްއޭއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް ބޭއްވި އިންތިޚާބު ބަލައިގަނެ، އެކްސްކޯ ރަޖިސްޓްރީކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ސްޕޯޓްސް ކޮމިޝަނަރާއި އެކު ހުންނެވި ފޮޓޯއަކާއި އެކު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެފްއޭއެމްގެ އިންތިޚާބުގެ މައްސަލަ ބޮޑުވެ، އިންތިޚާބާ ގުޅޭ ބައެއް ކަންކަން ރައްޔިތުންގެ މަޖިލީހުންވެސް ބަލަމުން ދަނިކޮށް އެފްއޭއެމްގެ އެކްސްކޯ ރަޖިސްޓްރީ ކޮށްދީފައިވާއިރު، ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވެފައިވަނީ ކުޅިވަރު ޤާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގެ ބައެއް މާއްދާތަކަކީ "މިސްޓޭކެއް" ކަމަށާއި އެއަށް އަމަލު ކުރަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ނުޖެހޭނެ ކަމަށެވެ. 

އެފްއޭއެމްގެ ކޮންގްރެސް ބާއްވާ، އެ އިދާރާގެ ރައީސްކަމަށް ބައްސާމް އަދީލް ޖަލީލް އިތުރު ދައުރަކަށް އިންތިޚާބުކުރީ އެ އިދާރާގެ އަސާސީ ގަވާއިދާ، ފީފާގެ އުސޫލުތަކާވެސް ޚިލާފަށެވެ.  އެފްއޭއެމްގެ ކޮންގްރެސް ބާއްވާފައިވަނީ ކުޅިވަރު ގާނޫނުގެ ފަސްވަނަ މާއްދާގެ ދަށުން ހަދާފައިވާ ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާއި ބެހޭ ގަވާއިދާވެސް ޚިލާފަށެވެ.

އެ ގަވާއިދުގެ ސޯޅަވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެ ގަވާއިދުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއްގެ ހިންގާ ގަވާއިދު ބަދަލު ކުރަން ބޭނުންވެއްޖެނަމަ، ގެންނަން ބޭނުންވާ ބަދަލުތައް އާއްމު ޖަލްސާއަކަށް ހުށަހަޅައި، އާއްމު ޖަލްސާއެއްގެ ގަރާރަކުން ފާސްކޮށް، އެ ބަދަލުތައް ހިންގާ ގަވައިދަށް ގެނައުމުގެ ހުއްދަ ހޯދުމަށް ކޮމިޝަނަ އޮފް ސްޕޯޓްސްއަށް ހުށަހަޅަން ވާނެ ކަމަށެއެވެ. އެހެންނަމަވެސް އެފްއޭއެމުން އެ އިދާރާގެ އަސާސީ ގަވައިދު ބަދަލުކޮށް ވަގުތުން އެއަށް އަމަލު ކުރަން ފެށީ ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާއި ބެހޭ ގަވާއިދާ ޚިލާފަށެވެ.

ތި މާއްދާއަކީ ވަރަށް ބޮޑަށް އޭނގައި ސުވާލު އުފެދިފައި އޮންނަ މާއްދާއެއް އިނގޭތޯ. އަޅުގަނޑުމެން ބެލި ބެލުމުގައި އެއްވެސް ކުޅިވަރު އެސޯސިއޭޝަނަކުންވެސް އަމަލު ކުރާ ވެސް ގޮތެއް ނޫން. އިންސާނުން ހަދާ އެއްޗެހީގައި ހުންނާނެ ނޫންތޯ މިސްޓޭކްސް. އެހެންވީމާ އެކަހަލަ މިސްޓޭކެއް ކަމަށް ބެލެވެނީ. ހަމަ ނުޖެހޭ މާއްދާއެކޭ. ހަގީގަތުގައި ތިއީ ދިމާވެސް ކަމެއް ނޫން.

އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް އިންތިޚާބުކޮށްފައިވަނީ އެ އިންތިޚާބު ކުރިއަށް ނުގެންދިޔުމަށް ކުޅިވަރު ވަޒީރު އަހްމަދު މަހުލޫފު އެދިވަޑައިގެންފައިވަނިކޮށެވެ. އިންތިހާބު ނުބާއްވަން ކުޅިވަރު މިނިސްޓްރީން އެދިފައިވަނިކޮށް، ސިއްރިއްޔާތުގައި ކޮންގްރެސް ބާއްވައި، ކުޅިވަރު ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ ޚިލާފަށް އެފްއޭއެމްގެ އަސާސީ ގަވައިދު ބަދަލުކޮށް، އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް އަދީލް ޖަލީލް ހޮވީ ޖުލައި މަހުއެވެ.  ބައްސާމް ރައީސް ކަމަށްހޮވީ، އެފްއޭއެމުން މީޑިއާތަކަށްވެސް ނާންގައި އެ އިދާރާގެ ޓެރަހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

އެފްއޭއެމްގެ އެކްސްކޯ، ކޮމިޝަނަރ އޮފް ސްޕޯޓްސް ގަބޫލުކޮށް، ސްޕޯޓްސް ކޮމިޝަންގައި އެކްސްކޯ ރަޖިސްޓްރީ ކޮށްދީފައިވާއިރު، އާއްމުންގެ މެދުގައި އެފްއޭއެމްގެ އައު އެކްސްކޯއަށް ފާޑު ކިޔުންތައްވަނީ އިތުރުވެފައެވެ. މި ފަހުން އެންމެ ބޮޑަށް ފާޑު ކިޔުންތައް އިތުރުވެފައިވަނީ އައު އެކްސްކޯއިން، ޕްރިމިއަރ ލީގުގައި ވާދަކުރާ އަތޮޅުތަކަށް ނިސްބަތްވާ ޓީމްތަކަށް ޕްރިމިއަރ ލީގުން ފުރުސަތު ނުދޭން ނިންމުމުންނެވެ. ޕްރިމިއަރ ލީގުން ފުރުސަތު ނުދޭން ނިންމުމަށް ފަހު، މާލެއަށް ނިސްބަތްވާ، އެއްވަނަ ޑިވިޝަންގެ ކޮންމެ ޓީމަކަށް ތިން މިލިއަން ރުފިޔާ ދޭން އެފްއޭއެމުންވަނީ ނިންމާފައެވެ. ތިން މިލިއަން ރުފިޔާ ކްލަބުތަކަށް ދޭން ނިންމާފައިވާއިރު، އެފްއޭއެމްގެ އެކްސްކޯގައި އެއިން ގިނަ ކްލަބުތަކުގެ ވެރިން ތިބެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް