ads
އާސަންދަ އޮފީސް-- ފޮޓޯ: އަވަސް
ބޭހަށް ދިޔަ ފަހުން މަރުވި މީހަކަށް ވެސް އެހީގެ ފައިސާ ދޫކުރި: އޮޑިޓް
ލޮކްޑައުން ގެ މުއްދަތުގައި ރާއްޖޭން ބޭރުގައި މަރުވެފައިވާ ފަރާތަކަށް، މަރުވި ތާރީހުގެ ފަހުން ފައިސާގެ އެހީ ދީފައިވާކަމަށް އާސަންދައިގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ. މަރުވި މީހަކަށް ވެސް އެހީގެ ފައިސާދިން

ކޮވިޑާއި ގުޅިގެން އާސަންދައިން ކުރި ހަރަދުތަކާއި ގުޅިގެން އޮޑިޓާ ޖެނަރަލް އޮފީހުން މިރޭ ނެރުނު އޮޑިޓް ރިޕޯޓުގައި ބުނީ ކޮވިޑާ ގުޅިގެން އާސަންދަ އިން ބޭސްފަރުވާ ކުރުމަށް އިންޑިއާ އަދި ސްރީލަންކާއަށް ގޮސް ތިބި ދިވެހިންގެ ތެރެއިން ހާލުގައި ޖެހިފައިވާ މީހުންނަށް ފައިސާގެ އެހީ ދީފައިވާ ގޮތް ޗެކުކުރުމުގައި، ލޮކްޑައުންގެ މުއްދަތުގައި ރާއްޖޭން ބޭރުގައި މަރުވެފައިވާ ފަރާތަކަށް، މަރުވި ތާރީހުގެ ފަހުން ފައިސާގެ އެހީ ދީފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. 

އެގޮތުން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރުގައި ހުރި ފަރާތެއް، 15 އޭޕްރީލް 2020 ގައި މަރުވެފައިވާކަން އޮޑިޓަރުންނަށް ލިބިފައިވާ ލިޔެކިޔުންތަކުން ފާހަގަވޭ ކަމަށައި ބަލިމީހާ މަރުވިކަން 16 އޭޕްރީލް 2020 ގައި ހޮސްޕިޓަލުން އާސަންދަ ކުންފުންޏަށް އަންގާފައިވާ ކަމަށް އާސަންދަ ކުންފުނިން އޮޑިޓަށް މައުލޫމާތުދޭ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކުރެ އެވެ. 

އެކަމަކު އެ ފަރާތް މަރުވި ތާރީހުގެ ފަހުން އާސަންދަ ކުންފުނިން އަދި އެންސްޕާއިން ފައިސާގެ އެހީގެ ގޮތުގައި 9498 ރުފިޔާ އެ ފަރާތުން ދީފައިވާ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް ބުނެ އެވެ. 

އެކަމާއި ގުޅިގެން އޮޑިޓް އޮފީހުން ދީފައިވާ ލަފަޔަކީ މަރުވެފައިވާ ފަރާތަށް މަރުވި ފަހުން ދީފައިވާ ފައިސާ ދިނުމުގައި އިހުމާލު ވެފައިވާ މުވައްޒަފުން މެދުވެރިކޮށް، އެ ފައިސާ ހޯދާ ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރުމަށެވެ. އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 12.10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވާގޮތަށް ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުން ގެ އިހުމާލުން ދައުލަތަށް ލިބޭ ގެއްލުންތަކަށް އެ މުވައްޒަފުން ޒިންމާ އުފުލަން ޖެހޭނެ ކަމަށާއި އެފަދަ މައްސަލައެއްގައި އެ މުވައްޒަފަކު އިއުތިރާޒު ކުރާނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެ މައްސަލައެއް ހުށަހަޅަންޖެހޭ ފަރާތަކަށް ހުށަހެޅުމަށް ވެސް ވަނީ އަންގާފަ އެވެ. 

އަދި މުސްތަގުބަލުގައި މިފަދަ ކަމެއް މެދުވެރި ނުވާނެ ގޮތަށް ކަންތައްތައް އިންތިޒާމްކޮށް ކަމާގުޅޭ ހުރިހާ ލިޔެކިޔުންތަކާއި ރިކޯޑުތައް އަދާހަމަކުރުމަށް ވެސް ރިޕޯޓުގައި އަންގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް