ads
ކޯސްޓްގާޑުގެ ކޮމާންޑާ ކާނަލް މުހައްމަދު ސަލީމް--
އަލިފާން ރޯވި ތެޔޮ ޓޭންކަރުން ތެޔޮ ލީކެއް ނުވޭ: ކޯސްޓްގާޑް
ވިހި މިލިއަން ފީފާގެ ތެޔޮ ބަރުކޮށްގެން ސްރީލަންކާގެ އިރުމަތީ އައްސޭރިފަށުން އިއްޔެ ދަތުރު ކުރަމުން ދަނިކޮށް އަލިފާން ރޯވި ޓެންކަރުން އެއްވެސް ތެލެއް މިހާތަނަށް ބޭރުވެފައި ނުވާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފި އެވެ.

އެހާދިސާއާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގެ ކަންކަން ހަމަޖެހިފައި ހުރި ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓްގާޑުގެ ކޮމާންޑާ ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ އެހާދިސާގެ މައުލޫމާތު ސްރީލަންކާގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ހާދިސާ ހިނގި ވަގުތު ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ސްރީލަންކާގެ އޮޮޕަރޭޝަން ސެންޓަރުން މިހާތަނަށް ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު ތެޔޮ ޓެންކަރުގައި އަލިފާން ރޯވި ހަދިސާގައި ޓެންކަރުން އެއްވެސް ތެލެއް މިހާތަނަށް ބޭރުވެފައިވާކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. 

"ސީދާ ފަޔާ އިންސިޑެންޓަކާއި ދިމާވެގެން އޮއިލްއެއް ލީކްނުވާނެއެކޭ އެއީކީ ދެންނެވޭނެ އެއްޗެއް ނޫން. އެހެންނަމަވެސް މިހާރު މިސިޗްއޭޝަނަށް ބަލާއިރު އެއްވެސް ތިލަތަނަކާއި ދިމާގައި ނޫނީ ފަރަށް އަރާ އިޝޫއެއްނެތް. އެހެންވީމަ ގެއްލުމެއް ލިބޭނެ ފުރުސަތު މިއޮތީ ތަންކޮޅެއް ކުޑަކޮށް. އެހެންނަމަވެސް ހޫނު ގަދަވެގެންގޮސް އިތުރަށް ގޯސްވާކަމަށް ވެއްޖެނަމަ ތެޔޮލީކު ވުމުގެ ފުރުސަތުވެސް އޮންނާނެ އެހެންނަމަވެސް މިހާރު އަޅުގަނޑުމެންނަސް ލިބޭ އަޕްޑޭޓަށް ބަލާއިރު އަދި ތެޔޮ ލީކުވުމުގެ ފުރުސަތު ކުޑަކަމަށް ސްރީލަންކާއިން މައުލޫމާތު ދެނީ."

މުހައްމަދު ސަލީމް ވިދާޅުވީ މިހާރު ފެންނަ މަންޒަރަށް ބަލާއިރު ތެޔޮ ޓޭންކަރު ދަނީ ރާއްޖެއާއި ދުރަށް ކަމަށެވެ. އެހެންނަމަވެސް މިހާދިސާއަކީ ޑިވެލޮޕްވަމުން އަންނަކަމަކަށް ވުމުން ހާލަތު ބަދަލުވުން އެކަށީގެންވާކަަމަށާއި އެފަދަ ހާލަތަކަށް ބެނުންވާނެ ރިސޯސަސް ލިބިފައިވާތީ އެފަދަ ހާލަތަކަށްވެސް އޮތީ ތައްޔާރަށް ކަމަށެވެ. އަދި ވޯސްޓްކޭސް ސިނާރިއޯއެއްގައިވެސް ތެޔޮ ލީކްވިޔަސް އޮއިވަރު ހުރިގޮތުން ރާއްޖެއާއި ދިމާލަށް އަންނާނެކަމަށް ނުބެލެވޭ ކަމަށެވެ.

ސަލީމް ވިދާޅުވީ ސަރުކާރުން ދިޔައީ މީގެ ކުރިންވެސް މިކަހަލަ ހާދިސާއަކަށް ތައްޔާރުވަމުން ކަމަށެވެ. އެގޮތުން ޖަޕާނުގެ އެހީގައި އެ ރިސޯސަސް ލިބިފައިވާކަމަށް ވިދާޅުވިއެވެ.

މިހާރުގެ މޫސުން ހުރިގޮތުން އެންވާޔަރަމެންޓް މިނިސްޓްރީގެ ފަރާތުންނާއި މެޓް އޮފީހާއި ގުޅިގެން ވަރަށް ގާތުން ހާދިސާ މޮނިޓާ ކުރަމުންދާކަމަށާއި ސަރުކާރުގެ ލެވެލްގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީއާއި، ޓްރާސްޕޯޓް އޮތޯރިޓީއާއި، ކޯސްޓް ގާޑާއި އަދި އޭގެ އިތުރުން ކަމާއި ގުޅުން ހުރި ހުރިހާ އިދާރާތަކުން ހާދިސާ މޮނިޓާ ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.

އަދި ދިވެހި ރާއްޖެއަށް އެ ހާދިސާގެ ސަބަބުން އައިސްދާނެ އެއްވެސް ނުރައްކަލަކަށް ތައްޔާރުވަމުންދާ ކަމަށްވެސް ކޯސްޓް ގާޑުން ވަނީ ބުނެފައެވެ. 

ނިއު ޑައިމަންޑް ކިޔާ އެ މަނަވަރުގައި އަލިފާން ރޯވީ، ބާރުގަދަ ގޮވުމަކަށް ފަހު ކަމަށް ބުނެ އެވެ. އެ އަލިފާންގަނޑު ނިއްވާލުމުގައި ސްރީލަންކާ ސިފައިން ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް އިންޑިއާއިން ވަނީ ތިން މަނަވަރަކާއި މަތިންދާ ބޯޓެއް އެ ސަރަހައްދަށް ފޮނުވާފަ އެވެ. ސްރީލަންކާގެ ނޭވީގެ ސްޕޮކްސްޕާސަން، އިންދިކާ ދި ސިލްވާ، ވިދާޅިވީ ކުވައިތުން އިންޑިއާއަށް ސާފުނުކުރާ ތެޔޮ ހިފައިގެން ދަތުރުކުރި ޓޭންކަރުގެ އިންޖީނުރޫމުގައި އަލިފާން ރޯވެފައިވާއިރު އެ އަލިފާންގަނޑު އިތުރު ތަނަކަށް ނުފެތުރޭ ކަމަށެވެ.

އަލިފާން ރޯވެގެން އުޅޭ ޓޭންކަރުގައި 270،000 ޓަނުގެ ތެޔޮ ހުރިއިރު ތެޔޮ ކަނޑަަށް ލީކްވިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތެއް ކުރަމުންދާ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ.

މިހާރުވެސް އިންޑިއަން އޯޝަންގައި އޮތް މޮރިޝަސް ގައި ފަރަށް ތެޔޮ ބޯޓެއް އަރާ ފަރަށާއި މުޅި އެސަރަހައްދަށް ދަނީ ގެއްލުންތަކެއް ލިބެމުންނެވެ. އަދި ކަނޑަށް ތެޔޮ އެޅުމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ދަނީ ވަރަށް ބޮޑު ގެއްލުންތަކެއް ލިބެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް