ރައީސް ނަޝީދު އެންމެ ގިނައިން ވިދާޅުވަމުން ގެންދަވާ ވާހަކައަކީ ޗައިނާއިން ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖެއްސި ވާހަކައެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ނުރައްކަލެއް ކުރިމަތިވާ ވާހަކައެވެ. އަނެއްކޮޅުން، މި ސަރުކާރާއި ރައީސް ނަޝީދު ގެންދަވަނީ އިންޑިއާއަށް ވަރަށް ތައުރީފުކޮށް ވާހަކަ ދައްކަވަމުންނެވެ. އިންޑިއާއިން މުޅިންވެސް ރާއްޖެއަށް ދީލަތި އެހީތެރިކަން ފޯރުކޮށްދޭ ވާހަކައެވެ.
ސިޔާސީ މީހުންގެ މިފަދަ ވާހަކަތައް އެއް ފަރާތްކޮށް، އަސްލު ހަގީގަތް ބަލައިލުން ވަރަށް މުހިއްމު ކަމުގައި ދެކެމެވެ.
މި ލޯނުތަކަށް ބަލާލާއިރު، އެއާޕޯޓް ތަރައްގީ ކުރުމަށް ނަގާފައިވާ ލޯނުތަކަކީ، ރާއްޖޭގެ އިގްތިސާދުގައި އެންމެ ބޮޑު ފައިދާއެއް ލިބޭ ސިނާއަތާއި ސީދާ ގުޅުންހުރި، އަދި ލޯނު އަބުރާ ދެއްކުމުގެ ގާބިލްކަން އެންމެ ބޮޑު ކުންފުންޏަށް (އެމްއޭސީއެލް) ނަގާދެވިފައިވާ ލޯނުތަކެކެވެ. އެމްއޭސީއެލްއަކީ އަހަރަކު ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު ސާފު ފައިދާގެ ގޮތުގައި ލިބޭ ކުންފުންޏެކެވެ. ދެން އޮތީ ބުރިޖުގެ ވާހަކައެވެ. ބުރިޖު ޕްރޮޖެކްޓަކީ، ހަރަދުގެ ބައެއް، ނުވަތަ ބުރިޖު ބެލެހެއްޓުމުގެ ހަރަދުގެ ބައެއް އަނބުރާ ހޯދުމުގެ ގޮތުން، ޓޯލްފީއެއް ނަގާ ގޮތަށް ޕްލޭންކުރެވިފައިވާ ޕްރޮޖެކްޓެކެވެ. އެއީ ބުރިޖު އެޅުމަށް ލޯނުވެސް ނަގާފައިވާތީވެސް މެއެވެ. އެހެން ނަމަވެސް، ބުރިޖު ބޭނުން ކުރަން ފެށި ދެ އަހަރުވެގެން ދިޔައިރުވެސް މިދެންނެވި ފީ މިވަނީ އަދިވެސް ނަގަން ނުފަށައެވެ.
ޗައިނާއިން ނަގާފައިވާ ދަރަނީގެ ތެރޭގައި ދެން ހިމެނޭ އެންމެ ބޮޑު ބަޔަކީ ދިވެހި ދައުލަތުން ގެރެންޓީކޮށްދީފައިވާ ދަރަންޏެވެ. މީގެ ތެރޭގައި އެންމެ ބޮޑު އަދަދެއް ހިމެނެނީ ހުޅުމާލޭ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ ފްލެޓްތައް އެޅުމަށް އެޗްޑީސީ އިން ނަގާފައިވާ ލޯނަށް ދީފައިވާ ގެރެންޓީއެވެ. މިއީ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރެވެ. މި ލޯނަކީ އެޗްޑީސީއިން ގާތްގަނޑަކަށް 15 އަހަރުގެ ތެރޭގައި އަދާކުރަންޖެހޭ ލޯނެކެވެ. އަދި މިހާރު އަޅާ ނިމިފައިވާ 7000 ފްލެޓަކީ، ވިއްކައިގެން ލޯނު ދެއްކުމަށް ފައިސާ ހޯދޭނެ މުދަލެކެވެ. މިހެންކަމުން، އެއްވެސް ހާލެއްގައި ލޯނު ނުދެއްކިގެން ފްލެޓްތައް ޗައިނާއަށް ދޭންޖެހޭ ހާލަތެއް އައިސްގެން ނުވާނެއެވެ.
މިހާތަނަށް މި ފާހަގަކުރެވުނު ދަރަންޏަށް ބަލާއިރު، ހުރިހާ ޕްރްޖެކްޓްތަކަކީވެސް ރައްޔިތުންނަށް އަދި އިގްތިސާދަށް ކޮންމެހެން ބޭނުންވާ އިންވެސްޓްމަންޓްތަކެކެވެ. މިގޮތުން، ބުރިޖާއި، ގެދޮރަކީ ސީދާ ރައްޔިތުންނާއި ގުޅުން ހުރި، އަދި އިގްތިސާދީ ކުރިއެރުމަށް ކޮންމެހެން ކުރަންޖެހޭ އިންވެސްޓްމަންޓްތަކެވެ. އެއާޕޯޓް ތަރައްގީއަކީ މާބޮޑަށް ލަސްވެފައިވާ، އަދި ކޮންމެހެން ކުރަންޖެހޭ ހަރަދެކެވެ. މީގައި ވިސްނަންޖެހޭ އަނެއްކަމަކީ، ޗައިނާ ސަރުކާރަކުން، ނުވަތަ ޗައިނާގެ ކުންފުންޏަކުން ރާއްޖެއައިސް ލޯނު ނެގުމަކަށް އެއްވެސް މަޖުބޫރެއް ނުކުރާކަމެވެ.
މި ލިޔުމުގައި މަގްސަދަކީ އެއްވެސް ހާލެއްގައި ޗައިނާގެ ދިފާއުގައި ވަކާލާތުކުރުމެއް ނޫނެވެ. ބޭނުމަކީ ކަން އޮތް ގޮތް ހަގީގަތަށް ހާމަކުރުމެވެ. ވަކި ފަރާތަކަށް ނުޖެހި ކަމުގެ ދެކޮޅު ގެނެސް ދިނުމެވެ. މިގޮތުން ބަލައިލަންޖެހޭ އެއްކަމެއް އަދި އެބައޮތެވެ. އެއީ ޗައިނާގެ ދަރަނީގެ ދަންތުރައިގެ ވާހަކަ ދައްކާއިރު އެންމެ ގިނައިން އަޑުއިވޭ އެއްވާހަކައެވެ. އަވަށްޓެރި ސްރީލަންކާގެ ވާހަކައެވެ. އެގައުމުގެ ހަމްބަންޓޯޓާ ޕޯޓުގެ ވާހަކައެވެ. ހަމްބަންޓޯޓާ ޕޯޓު ހެދުމަށް ލޯނު ނަގާފައިވަނީވެސް ޗައިނާގެ އެގްޒިމް ބޭންކުންނެވެ. 'ދަ ޑިޕްލޮމެޓް' ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން މި ޕްރޮޖެކްޓަށް ލިބިފައިވަނީ 15 އަހަރުން އަނބުރާ ދައްކާ ގޮތަށް އަދި ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއި އެކު އެގްޒިމް ބޭންކުން ދީފައިވާ ލޯނެކެވެ.
ކޮންމެއަކަސް، ޗައިނާގެ 'ސީއެމް ޕޯޓް' ކުންފުންޏަށް 2017 ވަނަ އަހަރު ހަމްބަންޓޯޓާ ޕޯޓު 99 އަހަރަށް ލީސްކުރެވިފައިވަނީ 1.12 ބިލިއަން ޑޮލަރު ސްރީލަންކާއަށް ދީފައެވެ. ފާހަގަކޮށްލެވޭ އެންމެ މުހިއްމުކަމަކީ، މިތަން ޗައިނާގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ދިނުމަށް ނިންމީ ސްރީ ލަންކާއިން ދުނިޔޭގެ މާކެޓަށް ވިއްކާފައިވާ ބޮންޑުތަކުގެ ސަބަބުން، ގައުމުގެ ދަރަނި އަދާކުރުމަށް ކުރިމަތިވެފައިވާ ދަތިކަމަށް ލުޔެއް ހޯދުމުގެ ގޮތުންނެވެ. ޗައިނާއިން ނަގާފައިވާ ލޯނުތައް ދައްކާކަށް ނޫނެވެ. އަދި ހަމްބަންޓޯޓާގެ ލޯނު ނުދެއްކިގެން ޗައިނާއިން އެތަން އަތުލީކީވެސް ނޫނެވެ. މި މުއާމަލާތުން ސްރީލަންކާއަށް 1.12 ބިލިއިން ޑޮލަރު ލިބުނެވެ. އަނެއްކާވެސް ދަންނަވަން އޮތީ ހަމަ އެއް ވާހަކައެކެވެ. ހަމްބަންޓޯޓާގައި ޕޯޓު އެޅުމަށްވެސް އަދި އެއާޕޯޓް އެޅުމަށްވެސް ނިންމީ ސްރީލަންކާގެ އޭރުގެ ސަރުކާރުންނެވެ. ލޯނު ނަގަން ނިންމީވެސް ހަމަ ސްރީލަންކާއިންނެވެ.
އިންޑިއާއިން 2019 ވަނަ އަހަރުގެ ތެރޭގައި ސީދާ ސަރުކާރުގެ ބަޖެޓަށް ޖުމްލަ 150 މިލިއަން ޑޮލަރުގެ ދަރަނި ވަނީ އެސްބީއައި މެދުވެރިކޮށް ދީފައެވެ. މީގެ އިތުރުން، އިންޑިއާގެ އެގްޒިމް މެދުވެރިކޮށް 800 މިލިއަން ޑޮލަރާ ހަމައަށް އެކި ޕްރޮޖެކްޓްތަކަށް ލޯނު ލިބޭގޮތަށް ވަނީ ކްރެޑިޓް ލައިނެއް ހަމަޖައްސައިދީފައެވެ. އަދި އެމްއެމްއޭއަށް ސްވޮޕް ފެސިލިޓީއެއްގެ ގޮތުގައި 400 މިލިއަން ޑޮލަރު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ދާދި ފަހުން މާލީ ވަޒީރު ހާމަކުރައްވާފައިވަނީ އިންޑިއާއިން އިތުރު 250 މިލިއަން ޑޮލަރު ބަޖެޓް ސަޕޯޓަށް ހަމަޖެހިފައިވާކަމެވެ. މިހުރިހާ އަދަދުތައް އެއްކޮލުމުން މިހާރުވެސް 1.6 ބިލިއަން ޑޮލަރު އެބަ އަރައެވެ. އަދި މީގެ ތެރެއިން 400 މިލިއަން ޑޮލަރަކީ ސީދާ ބަޖެޓް ފައިނޭންސް ކުރާ ލޯނެވެ.
ކުރިންވެސް ދެންނެވިހެން، ބޭނުމަކީ ވަކި ފަރާތެއް ދިފާއުކޮށް ވަކި ފަރާތެއް ބަދުނާމު ކުރުމެއް ނޫނެވެ. އަޅުގަޑުމެންގެ އުސޫލަކަށް ވާންޖެހޭނީ އެންމެނާވެސް ގުޅުން ބޭއްވުމެވެ. އިންޑިޔާވެސް އަދި ޗައިނާވެސް އަޅުގަޑުމެންނަށް މުހިއްމެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ މި ދެގައުމުންނެވެ. ރާއްޖެއަށް އެންމެ ގިނަ އެހީތެރިކަން ލިބެނީވެސް މި ދެގައުމުންނެވެ. މިހެންކަމުން ޑިޕްލޮމެޓިކް ލެވެލްގައި ދެ ގައުމާވެސް ގާތްކަން ބާއްވަންޖެހޭނެއެވެ. ދަރަނީގެ ވާހަކަ ދެއްތޯއެވެ. ޗައިނާއިން ނެގިޔަސް، އިންޑިއާއިން ނެގިޔަސް، އަދި ސައުދީ އަރބިއްޔާއިން ނެގިޔަސް، ދަރަނި ވާނީ ހަމަ ދަރަންޏަށެވެ. ދަރަނި ދަންތުރައަކަށް ހެދުމާއި ނުހެދުން އޮތީ ދިވެހިންގެ އަތްމަތީގައެވެ!
އެޑިޓަރުގެ ނޯޓް:
ޝަހުލް ހުސައިން އަކީ ސީއެންއެމް ނޫހަށް ލިޔަމުންދާ ލިޔުންތެރިއެކެވެ. މައިގަނޑުގޮތެއްގައި ލިޔަމުންދަނީ އިޖުތިމާއީ އިގުތިސާދީ ދާއިރާގެ މައްސަލަތަކާ ބެހޭ ގޮތުންނެވެ.