ads
އެމްޖީއޭ ގެ މަގާމްތަކަށް ހޮވުނު މެންބަރުން
އެމްޖޭއޭގެ ރައީސް ކަމަށް ހަމްދޫން އިންތިހާބުކޮށްފި
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް ކަމަށް މިހާރު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ހަމްދޫން އިންތިހާބުކޮށްފި އެވެ.

ހަމްދޫން އެމްޖޭއޭގެ ރައީސް ކަމަށް އިންތިހާބު ކުރީ އެ ޖަމިއްޔާގެ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިހާބު ކުރުމަށް މިއަދު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޖަލްސާގަ އެވެ.

މި ޖަލްސާގައި ހިންގާ ކޮމެޓީގައި ހިމެނޭ ހުރިހާ މަގާމަކަށް މެމްބަރުން އިންތިހާބު ކުރި އެވެ. ރައީސްގެ މަގާމަށް ހަމްދޫން އިންތިހާބު ކުރި އިރު ނައިބު ރައީސްގެ މަގާމަށާއި ޖެނަރަލް ސެކެރެޓަރީގެ މަގާމާއި، ބަޖެޓް ސެކެރެޓަރީގެ މަގާމުގެ އިތުރުން އެކްސްކޯގެ މެމްބަރުކަމަށް ދެ މީހަކު އިންތިހާބު ކުރި އެވެ.

ހަމްދޫން އެމްޖޭއޭގެ ރައީސް ކަމަށް އިންތިހާބުވީ ވޯޓްގައި ބައިވެރިވި 120 މެމްބަރުންގެ 64 ވޯޓާއެކު އެވެ. އެއީ ވޯޓްގައި ބައިވެރިވި މެންބަރުންގެ 53 އިންސައްތަ ވޯޓެވެ. ހަމްދޫން އަކީ މިހާރު ނޫހުގެ ސީނިޔަ ސްޕޯޓްސް ޖާނިލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ނޫސްވެރިއެކެވެ.

ޖަމިއްޔާގެ ނައިބް ރައީސް ކަމަށް ހޮވިފައިވަނީ 65 ވޯޓާ އެކު ވަން މީޑިއާ ގުރޫޕްގެ މެނޭޖިން އެޑިޓަރު އަލީ ރިފްޝާން އެވެ. އެއީ ވޯޓްގައި ބައިވެރިވި 50 ޕަސެންޓް ވޯޓުންނެވެ. ދެން މި މަގާމަށް ވާދަކުރި ވޮއިސް ޑޮޓް އެމްވީގެ ސީއީއޯ މުހައްމަދު ސައުޒަމްއެވެ. އޭނާ އަށް ލިބިފައިވަނީ 62 ވޯޓެއެވެ.

ޖަމިއްޔާގެ ޖެނަރަލް ސެކެޓެރީގެ މަގާމަށްވެސް ދެ ބޭފުޅަކަު ކުރިމަތި ލާފައިވާއިރު ވޯޓްގައި ބައިވެރިވި 53 އިންސައްތަ މެންބަރުންގެ ތާއީދާ އެކު އެ މަގާމް ކާމިޔާބު ކުރީ ސަން މީޑީއާ ގުރޫޕްގެ މެނޭޖިން އެޑިޓަރު އަހްމަދު ނާއިފް އެވެ. އެއީ 63 ވޯޓާ އެކު އެވެ. ނާއިފްއާ ވާދަކޮށްފައިވަނީ ދަ ޕްރެސްގެ ޖާނަލިސްޓް މަރިޔަމް ނިމާ ހަސަން އެވެ. އޭނާއަށް ލިބިފައިވަނީ 56 ވޯޓެވެ.

ބަޖެޓް ސެކެރެޓެރީއަށް ވެސް ދެ މީހުން ވާދަކުރިއިރު 72 ވޯޓާ އެކު މަގާމް ކާމިޔާބް ކުރީ ޖަޒީރާ ނޫހުގެ ނާޒިމް ހަސަން އެވެ. އެއީ ވޯޓްގައި ބައިވެރިވި މެންބަރުންގެ 59 އިންސައްތަ ވޯޓެވެ. އެ މަގާމަށް ވަގުތުގެ ފަރާތުން ކުރިމަތިލި ނަޒާހަތް އިބްރާހިމް ރަޝީދު އަށް ލިބިފައިވަނީ 51 ވޯޓެވެ.  

އެމްޖޭގެ އާންމު މެންބަރުކަމަށް 4 މެމްބަރަކު ވާދަކުރިއިރު އެ މަގާމު 64 ވޯޓާ އެކު ކާމިޔާބް ކޮށްފައިވަނީ އެ މަގާމަށް ހަމައެކަނި ކުރިމަތިލި އަންހެން ކެންޑިޑޭޓް އަދި ސީއެންއެމްގެ ޑެސްކް އެޑިޓަރު ފާތިމަތު ސާޔާ އަހްމަދު އާއި އަދި އެމްޖޭއޭގެ މެމްބަރު މުހްމަދު ޖުނައިދު ސަލީމް އެވެ. ވޯޓްގައި ބައިވެރިވި 57 އިންސައްތަ މެންބަރުންގެ ތާއީދާ އެކު ސާޔާ މަގާމް ކާމިޔާބު ކުރިއިރު ޖުނެއިދް މަގާމް ކާމިޔާބް ކުރީ 54 އިންސައްތަ މެންބަރުންގެ ތާއިދާއެކުއެވެ.

މި މަގާމަށް ދެން ކުރިމަތިލި ދިވެހި ޗެނަލްގެ ސީއިއޯ އަަބްދުﷲ ޔާމީން އާއި ވަގުތުގެ ސީއިއޯ އާދަމް ނަވާޒް އެވެ. ޔާމީން އަށް 55 ވޯޓް ލިބިފައިވާއިރު ނަވާޒަށް 57 ވޯޓް ލިބިފައިވެ އެވެ.

އެމްޖީއޭގެ ރައީސް ކަމަށް އިންތިހާބުވުމާއެކު ހަމްދޫން ވަނީ ނޫސްވެރިންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށާއި އެގޮތުން ނޫސްވެރިންނަށް މިހާރަށް ވުރެ ބޮޑަށް ފުރުސަތުތައް ހޯދައިދިނުމާއި ނޫސްވެރިކަން ކުރުމަށް ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސް އެއްގެ ހައިސިއްޔަތުން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މީގެ އިތުރުން ނޫސްވެރިންނަކީ މިހާރަށް ވުރެ ތައުލީމީގޮތުން ވެސް ގާބިލް ބަޔަކަށް ހެދުމަށް ދާއިރާއިން ކިޔެވުމުގެ ފުރުސަތަުތަށްވެސް ފަހިކޮށްދެއްވާނެކަމަށް ހަމްދޫން ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް