ads
ފިނޭންސް މިނިސްޓްރީ--
ހިލޭ އެހީގެ ގޮތުގައި ލިބޭ ސާމާނުގެ މައުލޫމާތު ހިއްސާކުރަން އެދިއްޖެ
ދައުލަތުގެ އޮފީސްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ތަކެތީގެ މައުލޫމާތު އޮފީސްތަކުން ހިއްސާނުކުރާތީ އެ މައުލޫމާތުތައް ހިއްސާކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ އިދާރާތަކަށް ފޮނުއްވި ސާކިއުލާގައި ވަނީ މާލިއްޔަތު ގަވާއިދުގެ ބާބު 11 މާއްދާ 11.02 ގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ ކެޕިޓަލް ބަޖެޓުން ހަރަދުކޮށްގެންނާއި އެހީގެ ގޮތުގައި ލިބޭ ހަރުމުދާ އަދި އެނޫން ގޮތްގޮތުން ދައުލަތަށް ލިބޭ މުދާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައިކުރެވޭ މަސައްކަތް ދައުލަތުގެ ހަރު މުދަލުގެ ރަޖިސްޓަރީގައި ހިމަނައިގެން ބަލަހައްޓަން ޖެހޭނެ ކަމަށެވެ. 

އެގޮތަށް ގަވާއިދުގައި އޮތްނަމަވެސް ދައުލަތުގެ އޮފީސްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ތަކެތީގެ މައުލޫމާތު އޮފީސްތަކުން ފޮނުވަމުން ނުގެންދާ ކަމަށް ބުނެފައިވެ އެވެ. 

އެގޮތުން ދައުލަތުގެ ހަރުމުދަލުގެ ފުރިހަމަ ރަޖިސްޓްރީއެއް ހެދުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާތީ ދައުލަތުގެ އޮފީސްތަކަށް މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ މުދަލުގެ މައުލޫމާތު ހޯދުމަށް އެދި މިނިސްޓްރީން ވަނީ އީމެއިލްގެ މެދުވެރިކޮށް އެދިފައިކަމަށެވެ. 

އެކަމަކު މައުލޫމާތު ފޯރުކޮށްދީފައިވަނީ ވަރަށް މަދު ފަރާތްތަކެއް ކަމަށާއި، އެ މައުލޫމާތު ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓްރީގެ ގޮތުގައި ޕަބްލިކް އެކައުންޓިން ސިސްޓަމްގައި ރެކޯޑު ކުރުމަށް ބޭނުންވާ ކަމަށް ބުނެ އެވެ. އެހެންކަމުން މިމަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ މައުލޫމާތު ފޮނުވަން މިނިސްޓްރީން އެދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް