ads
ޔުނާންގެ ދެމަފިރިން އަދި ރިޝްފާ--
ރިޝްފާ ގޮވަައިގެން ޔުނާންގެ ދެމަފިރިން ކޯޓަށް ދަނީ!
ދިވެހި ފިލްމީ ތަރި، މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުނާއަށް ސޯޝަލް މީޑިއާގައި ގިނައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ އެމީހުންގެ ތުއްތު، ދަރިފުޅުގެ ނަން ބޭނުންކޮށްގެން އެހީގެ ފައިސާ ހޯދާއި، އެމީހުން އަމިއްލަ ވިޔަފާރިކުރުމުގެ ތުހުމަތުގަ އެވެ.

މިމަހުގެ ފަސް ވަނަ ދުވަހު ސޯޝަލް މީޑިއާގައި އެފަދަ ބޮޑު ތުހުމަތެއް އެ ދެމަފިރިންނަށް ކުރި ފަރާތްތަކުގެ ތެރޭގައި ފިލްމީ ތަރި، އަމިނަތު ރިޝްފާ ހިމެނެ އެވެ. އޭނާ އާއި ޔުނާންއާ ދެމެދު މެސެންޖާ މެދުވެރިކޮށް ދެކެވުނު ވާހަކަތަކުގެ ސްކްރީންޝޮޓް ނަގާއި ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު އެކަމުގައި ގިނަ ބަޔަކު އަންނަނީ ޔުނާންގެ ދެމަފިރިންނަށް އެތައް އެއްޗެެއް ގޮވަމުންނެވެ. 

އެކަމާއި ގުޅިގެން ރިހުނާ ސީއެންއެމްއަށް ބުނިގޮތުގައި އެ ކުރެވުނު ތުހުމަތުތަކަކީ އާދައިގެ ތުހުމަތުތަކަކަށް ނުވެފައި އެތައް ބަޔަކު އެމީހުންނާއި މެދު ދެކޭ ގޮތް ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ. އެކަމެއްގެ ސަބަބުން އެމީހުންގެ އަނބުރު ވެސް ކިލަނބުވެފައިވާތީ އެކަމުގައި ހިމެނޭ މީހުން ގޮވައިގެން ކޯޓަށް ދިއުމަށް ނިންމާފައިވާ ކަމަށް ރިހުނާ ބުނެ އެވެ. 

ރިހުނާ ބުނީ ރިޝްފާގެ އިތުރުން އެމީހުންގެ އަނބުރަށް ކަތިލެވޭ ގޮތަށް ޕޯސްޓްތައް ލަމުން އަންނަ މީހުންގެ މައްސަލަ ވެސް ކޯޓަށް ގެންދިއުމަށް މަސައްކަތް ކުރާ ކަމަށެވެ. 

ރިހުނާ ވަނީ އެކަމުގައި އާންމުން ކުރިމަތިކޮށްފާނެ ސުވާލަށް ވެސް ޖަވާބުދީފަ އެވެ. އެއީ ލޯޔަރަށް ފައިސާ ދައްކާނީ ކޮންތާކުންތޯ ކުރެވޭ ސުވާލެވެ. ރިހުނާ ބުނީ ޔޫންގެ ހައްގުގައި އެކަން ކޮށްދޭން ނިންމާފައިވަނީ އެ އާއިލާއާ ގާތް ފަރާތެއް ހިލޭ ސާބަހަށް ކަމަށެވެ. 

"ކުއްޖެއްގެ ހައްގެއްގަ ޖެހުން ވާހަކަ މިދައްކަނީ. އަހަރުން ނުހަމަގޮތުގަ އެ ބޭނުންކުރި ވާހަކަ. އަހަރެމެން އެހީއަށް އެދުނީކީ އަހަރެމެން އަތުގައި ލޯސެންޓެއް ވެސް ނެތިގެނެއް ނޫނޭ. އަހަރެމެންގެ ސޭވިން އިން އެވަރު ބޮޑު ކަމެއް ނުވާނެތީ،"

އޭގެ އިތުރުން އެދެމަފިރިންނަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ރިހުނާ ބުނީ އިތުރަށް ސްކްރީންޝޮޓްތައް ހިއްސާކުރާ ވަރަކަށް ވެސް މީހުން ކިޔާނީ އެއީ "ފޭކެއް" ކަމަށެވެ. އެކަމަކު އެކަމުގައި ތުހުމަތު ކުރެވޭނަމަ، މައުލޫމާތު އެނގެން ބޭނުންނަމަ އެމީހަކު ހުރި ތަނަކަށް ގޮސްގެން ވެސް އެކަމުގެ މައުލޫމާތުތައް ހިއްސާކުރަން އެމީހުން ތައްޔާރުކަމަށް ބުންޏެވެ. 

ރިހުނާ ބުނީ އެމީހުން އެހީއަށް އެދެން ޖެހުނީ އަތުގައި އެއްވެސް ފައިސާއެއް ނެތިގެން ނޫން ކަަމަށާއި އެކަމަކު އެވަގުތު އެއް ފަހަރާއި އެހާ ބައިވަރު ހަރަދުކުރެވެން ނެތިގެން ކަމަށެވެ. އަދި ފައިސާ ހަރަދު ގޮތުގެ މައުލޫމާތު ބޮޑެތި އަދަދުތަކުން އެ އާއިލާއަށް އެހީވި މީހުންނަށް ވެސް ހިއްސާކޮށްފައިވާ ކަމަށް ބުނެ އެވެ. 

ރިހުނާ ވަނީ އެމީހުންގެ ދަރިފުޅު ބޭސް ފަރުވާއަށް ފުރުމަށް އެހީ ހޯދުމުގެ މަސައްކަތް ކުރަމުންދިޔައިރު ބޭނުންވާ ވަރަށް ފައިސާ ހަމަޖެހުމުން އެވާހަކަ އެހީދޭން ބޭނުންވެގެން މެސެޖް ކުރި ފަރާތްތަކަށް ވެސް އަންގާފައިވާނެ ކަމަށެވެ. 

"ޔުނާންއަކީ ހަމަ މަހެއްގެ މައްޗަށް ރަނގަޅު ސެލަރީއެއް ގެއަށް ގެންނަ މީހެކޭ. އަހަރުން ވެސް ހަމަ ކޮންމެ މަންތަކު ވަކި އެއްޗެއް ސޭވްކުރަމޭ. އެކަމަކު ޔޫން ގޮވައިގެން އަހަރުން ފުރަން ޖެހުނު ފަހަރު އަހަރުންނަކަށް އެއް ފަހަރާ އެހާ ބޮޑު އަދަދެއް އެރޭންޖް ކުރެވެން ނެތީމައޭ އަހަރެމެން ބުނީ އެހީއަކަށް މީހުން ކައިރީގަ،"

އޭގެ އިތުރުން ސޯޝަލް މީޑިއާގައި ކުރެވިގެންދާ ތުހުމަތުތަކާއި ގުޅިގެން ރައްދުދެމުން ރިހުނާ ވަނީ އެގޭގައި އިންނަ ޓީވީއަކީ މަންމަ އާއި އެމީހުންގެ ސޭވިން އިން ގަނެފައިވާ ޓީވީއެއް ކަމަށް ބުނެފަ އެވެ. އަދި އުފަން ދުވަހުގެ ހަދިޔާތަކާއި ގުޅިގެން އޭނާ ބުނީ އޭގައި ހުރީ ކަންމަތީ ފިހާރަތަކުން ލިބޭ ފަދަ ބިސްކޯދާއި ދަތްއުނގުޅާ ބުރުސް ފަދަ ސާމާނު ކަމަށެވެ. އަދި އެއީ އޭނާގެ އެއްބަޑު އެއްބަފާ ކުދިންނާއި ފިރިމީހާގެ ފަރާތުން ދިން ސަޕްރައިޒެއް ކަމަށް ބުންޏެވެ. 

އަދި "ލަގްޒަރީ" އެޕާޓްމަންޓެއް ހިފައިގެން އުޅޭ ކަމަށް ކުރާ ތުހުމަތާއި ގުޅިގެން އޭނާ ބުނީ އެއީ އާދައިގެ ދެ ކޮޓަރީގެ އެޕާޓްމަންޓެއް ކަމަށެވެ. އެގޮތުން އެތަނުން އެއް ކޮޓަރީގައި އޭނާގެ ކޮއްކޮ އުޅޭއިރު ކުލީގެ އެއް ބައި ދައްކަނީ އޭނާ ކަމަށާއި އަނެއް ބައި ދައްކަނީ އެމީހުން ކަމަށް ބުންޏެވެ. އަދި އެތަނުގެ ކުލީގެ ގޮތުގައި ކޮވިޑާއި ގުޅިގެން ދައްކަން ޖެހެނީ 14000 ރުފިޔާ ނަމަވެސް އަންނަ މަހުން ފެށިގެން 15000 ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް ބުންޏެވެ. 

އަދި އެމީހުންނަށް އެންމެ ބޮޑު ތުހުމަތައް ކުރެވެނީ ދަރިފުޅުގެ ބޭސް ފަރުވާ ނިންމާއި، ރާއްޖެ އައިއިރު އެހާ ގިނަ ފޮށި ހިފައިގެން އައުމުންނެވެ. އެކަމުގައި ރިހުނާ ބުނީ އެއީ އެމީހުންގެ ދަރިފުޅުގެ ސާމާނު ކަމަށެވެ. 

ރިހުނާ ބުނީ މިކޮޅުން ހިފައިގެން ދިޔައީ ދަރިފުޅުގެ މަދު ސާމާނުތަކެއް ނަމަވެސް އެކޮޅުން އެކުއްޖާއަށް ސާމާނު ގަތް ކަމަށް ބުނެފަ އެވެ. އެކަމަކު އަނބުރާ އައިއިރު ގަތް ހުރިހާ އެއްޗެއް ވާނީ ޔުނާންގެ އޮފީސް މޭޓަކު އޭނާގެ ދަރިފުޅުގެ ފަރުވާއަށް އެކޮޅުގައި ހުރުމުން ހަދިޔާކޮށްފައި ކަމަށެވެ. 

"ޔޫންގެ މޭމަތި އިންނާނެ ވަރަށް ބޮޑަށް މިހާރު ފުއްޕާފަ. އެއީ ހާޓް އެންލާޖްވެފަ އިނީމަ އެގޮތަށް އެ އިންނަނީ. އެހެންވީމަ ކުރިއަށް އޮތް ފަސް އަހަރު ވެސް ވަރަށް ރިސްކީވާނެއޭ، އޭނަ މިސާލަކަށް އުއްޑުން ވެއްޓި ވަރަށް ބާރަށް މޭމަތީގައި ތަނެއް ޖެހި ކަމެއްވެއްޖެއްޔާ ވަރަށް ރިސްކީވާނެ ކަމަށް،"

މިހާރު ޔޫން ތަންތަނުގައި ހިފައިގެން ކޮއްޅަށް ތެދުވާތީ އެނދެއް ވެސް ގަނެފައިވާ ކަމަށް ބުންޏެވެ. އެއީ 100 ޑޮލަރަށް ވުރެ އަގު ބޮޑު އެނދެއް ކަމަށެވެ. އަދި ޔޫންގެ ހުރިހާ ހެދުމެއް ވެސް ބޭނުން ޖެހިފައިވާ ކުއްޖަކަށްދީފައިވާ ކަމަށާއި އިންޑިއާއިން ޔޫންއަށް ގަނެފައި ވަނީ ކުރިމަތީގައި ގޮއް ނުހުންނަ އަދި ވަކި ކަހަލަ ފޮއްޗެއްގެ ހެދުން ކަމަށެވެ. އަދި ޔޫންއަށް ގަތް އެއްޗެހީގެ އަގު އިންޑިއާ ފައިސާއިން ބަލާނަމަ 17000 އަރާނެ ކަމަށް ބުންޏެވެ. 

އޭގެ އިތުރުން އޭނާގެ ދެން ތިބި ދަރިންނަށް ހެދުންކޮޅަކާއި ބޭންޑް ގެނައި ކަމަށާއި އެކަމަކު އެއީ ބޭކާރު ހަރަދެއް ކަމަށް ދެކެވޭނެތޯ ސުވާލު އުފެއްދި އެވެ. 

އަދިވެސް ޔޫންގެ ފައިސާގައި ބާކީ އެބަހުރިކަން ފާހަގަކޮށް ރަހުނާ ބުނީ، އެއިން އެ ކުއްޖާއަށް ބޭނުންވާ ނެޕީ ފަދަ ސާމާނު ގަނެފައިވާ ކަމަށެވެ. އަދި ބާކީ އިން އެހީ ބޭނުންވާ އިތުރު މީހުންނަށް ވެސް އެހީވަމުންދާ ކަމަށް ބުންޏެވެ. 

25%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް