ads
މަތީ ތައުލީމާއި ތަމްރީން ތަފާސްހިސާބު ރިޕޯޓު ނެރުމުގެ ރަސްމިއްޔާތު-- ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ/ ޓްވިޓާ
މަތީ ތައުލީމް ހާސިލްކުރި ދަރިވަރުންގެ 59 އިންސައްތައަކީ އަންހެނުން: ރިޕޯޓް
މިދިޔަ އަހަރު މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ގާތްގަނޑަކަށް 60 އިންސައްތައަކީ އަންހެނުން ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ 2019 ވަނަ އަހަރު ރާއްޖޭގެ މަތީ ތައުލީމާ ގުޅޭ ގޮތުން އެއްކޮށްފައިވާ ތަފާސްހިސާބުތަކުގެ ރިޕޯޓު އާއްމުކޮށްފަ އެވެ. 

އެ ރިޕޯޓުގައިވާ ގޮތުގައި މިދިޔަ އަހަރު ކޮލެޖު އަދި ޔުނިވާސިޓީތަކުން ހިންގި 843 ޕްރޮގްރާމެއްގައި 13999 ދަރިވަރުން ބައިވެރިވެފައި ވެއެވެ. 

އޭގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ކިޔަވާފައި ވަނީ ބިޒްނެސް، އެޑްމިނިސްޓްރޭޝަން އެންޑް ލޯ، އެޑިއުކޭޝަން އަދި އާޓްސް އެންޑް ހިއުމެނިޓީޒްގެ ދާއިރާ ކަމަށް ރިޕޯޓުގައި ވެއެވެ. 

އެންމެ މަދުން ދަރިވަރުން ކިޔަވާ ދާއިރާގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ނެޗުރަލް ސައިންސް، މެތަމެޓިކްސް އަދި ސްޓެޓިސްޓިކްސް އެވެ. އަދި އެންމެ ގިނައިން ހިންގާފައި ވަނީ ޑިގްރީ އާއި ސެޓްފިކެޓް ލެވެލް 4 ގެ ކޯސްތަކެވެ. 

ތަފާސްހިސާބުގައިވާ ގޮތުން 2019 ވަނަ އަހަރު އެންމެ ގިނައިން މަތީ ތައުލީމް ހާސިލްކޮށްފައި ވަނީ އަންހެނުންނެވެ. އެއީ ދަރިވަރުންގެ 59 އިންސައްތަ އެވެ.

މިހާރު ކުރިއަށްދާ ޕްރޮގްރާމުތަކުގައި އަންހެން ދަރިވަރުންގެ ބައިވެރިވުން އެއަށްވުރެ ވެސް އިތުރެވެ. އެގޮތުން ދަރިވަރުންގެ 64 އިންސައްތަ އަކީ އަންހެނުން ކަމަށް ދައްކަ އެވެ. 

މިދިޔަ އަހަރު ދަސްވެނިވި ނިސްބަތަށް ބަލާއިރު، ފިރިހެނުންނަކީ އެންމެ 39 އިންސައްތަ ކަމަށް ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުގައި ވެއެވެ. 

އެންމެ ގިނައިން ދަރިވަރުން ދަސްވެނިވި ދާއިރާތަކަކީ ބިޒްނަސް، އެޑްމިނިސްޓްރޭޝަން، ލޯ، އައިޓީ، ޕްރައިމެރީ ޓީޗިން އަދި ޕްރީސްކޫލް ޓީޗިން އެވެ. 

މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ ރިޕޯޓު ނެރެދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މައުސޫމް ވިދާޅުވީ ގައުމެއް ތަރައްގީވުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރަނީ މައުލޫމާތުގެ އަލީގައި ކަންކަން ނިންމުމުގެ ފުރުސަތު ފަހިވެގެން ދިޔުން ކަމަށެވެ. 

އޭގެ އިތުރުން އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި އެންމެ މުހިއްމު ކަމަކީ މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ކަމަށް ވެސް މައުސޫމް ފާހަގަކުރެއްވި އެވެ..

އެ ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނުގެ ތަފާސްހިސާބުތައް ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ދިރާސާ ކުރާ ފަރާތްތަކަށް ދަތިތަކެއް ހުންނަ ކަމަށެވެ. 

ހަސަން ވިދާޅުވީ އަހަރުތަކަކަށް ފަހު ތަފާސްހިސާބުތައް އާއްމު ކުރީ ކޮލެޖު އަދި ޔުނިވާސިޓީތަކުގެ ބޮޑު އެހީއަކާ އެކުގައި ކަމަށެވެ. އަދި އެ މައުލޫމާތަކީ އިލްމީ ދާއިރާގައި ބޭނުން ހުރި މައުލޫމާތަށް ވާނެކަން ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް