ads
ބަންގްލަދޭޝްގެ 200 މީހުންނާއެކު ގައުމަށް އެނބުރި ދިޔުމަށް އެއާޕޯޓުގައި--
ގައުމަށް އެނބުރި ދާ ބިދޭސީންގެ ވަޒީފާގެ ސްޓެޓަސް ކަށަވަރު ކުރަނީ
އިކޮނޮމިކް މިނިސްޓްރީން ހިންގާ ރިޕެޓްރިއޭޝަން ޕްރޮގްރާމުގެ ދަށުން ގައުމަށް އެނބުރި ދާން ރަޖިސްޓްރީވެފައި ތިބި ބަންގްލަދޭޝް މީހުންނަކީ ސައްހަ އެމްޕްލޯއިމަންޓް އެޕްރޫވަލްގައި ތިބި މީހުންތޯ ބެލުމުގެ މަސައްކަތް ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އެމީހުންގެ ވަޒީފާއާ ބެހޭ ސްޓެޓަސް ކަށަވަރު ކުރުމަށް އެމީހުންގެ މައުލޫމާތު އާއްމުކޮށްފައި ވާނެ ކަމަށެވެ.

ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރު ގުޅިގެން ހިންގާ އެ ޕްރޮގްރާމަކީ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއް ނެތި، ގަވައިދާ ހިލާފަށް، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބަންގްލަދޭޝް މީހުން އެނބުރި ގައުމަށް ފޮނުވުމަށް ހިންގާ ވޮލަންޓަރީ ޕްރޮގްރާމެކެވެ. 

ނަމަވެސް ސައްހަ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގައި ތިބި ގިނަ ބިދޭސީ ފަރާތްތަކަކުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅަމުންދާ ކަމަށާއި، އެމީހުން އެކަމަށް އެދެނީ އެމްޕްލޯއިމަންޓް އެޕްރޫވަލް ނެތް ބައެއް ކަމަށް ބުނެ ދޮގު މައުލޫމާތު ދީގެން ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

އެހެންކަމުން އެނބުރި ގައުމަށް ދިޔުމަށް ހުށަހަޅާފައިވާ ބިދޭސީންގެ ލިސްޓު ވަނީ އާއްމުކޮށްފަ އެވެ. އެމީހުންނަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ މީހުން ނަމަ އެކަން ބަޔާންކޮށް 15 ސެޕްޓެމްބަރުގެ ކުރިން [email protected] އަށް އީމެލް މެދުވެރިކޮށް އެކަން އެންގުމަށް އިއުލާނުގައި ވެއެވެ. 

އެގޮތުން އީމެއިލުގައި ބިދޭސީގެ ފުރިހަމަ ނަމާއި، ޕާސްޕޯޓު ނަންބަރާއި އަދި ވަޒީފާ ދޭ ފަރާތުގެ މައުލޫމާތު ހިމަނަންޖެހޭނެ އެވެ. 

އެ މުއްދަތުގައި ވަޒީފާ ދޭ ފަރާތުން މިނިސްޓްރީއަށް މައުލޫމާތު ހިއްސާ ނުކުރާ މީހުންގެ ތެރެއިން ލިސްޓްގައި ހިމެނޭ ބިދޭސީން "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ފޮނުވައި ލެވޭނެ ކަމަށް އިއުލާނުގައި ވެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 6000 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން މިހާރު ވެސް ވަނީ މި ޕްރޮގްރާމުގެ ދަށުން ގައުމަށް އެނބުރި ގޮސްފަ އެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 ބިދޭސިން އުޅޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް