ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޗާޓާޑް އެކައުންޓެންޓުންގެ ބިލު ރައީސް ތަސްދީގް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، "ދިވެހިރާއްޖޭގެ ޗާޓާޑް އެކައުންޓެންޓުންގެ ބިލު" މިއަދު ތަސްދީގް ކުރައްވައިފިއެވެ.

އެ ބިލަކީ މިއަހަރުގެ އޮގަސްޓު މަހުގެ 26 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

އެ ބިލުގައި އެކައުންޓެންސީ ދާއިރާއާއި ގުޅޭ ކަންކަން ބައިނަލްއަގްވާމީ އުސޫލުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ތަންޒީމުކޮށް، ދިވެހިރާއްޖޭގައި އެކައުންޓަންސީގެ ޕްރޮފެޝަނެއް ގާއިމުކޮށް، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި "އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ ނަމުގައި ޤާނޫނީ ޝަހްސެއް އުފައްދުމަށް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، އެ އިންސްޓިޓިއުޓްގެ މެންބަރުންގެ ގިންތިތައް ކަނޑައަޅައި، އެކި ގިންތީގެ މެންބަރުންގެ ޝަރުތުތަކާއި، އެ މެންބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި، ހަމަތަކާއި، އެ ނޫން ވެސް ކަންކަމާއި ގުޅޭ އުސޫލުތައްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެ ބިލުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި އުފައްދާ އިދާރާއަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހްސެއްކަން ބަޔާންކޮށްފައިވެއެވެ. އެ އިދާރާގެ އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެޝަނަލް އޯގަނައިޒޭޝަނެއްގެ އެސޯސިއޭޓް މެންބަރުންނަށް އެ ބިލުގެ ދަށުން ފަހިކޮށްދީފައިވެއެވެ. އަދި، ގާނޫނަށް އަމަލުކުރަން ފަށާއިރު އެސޯސިއޭޓް މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން، އެކައުންޓެންޓެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކަށް "ފެލޯ" މެންބަރުންނަށް ވުމުގެ ފުރުސަތު ވެސް އެ ބިލުން ފަހިކޮށްދީފައިވެއެވެ.

އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއިއެކު، ދިވެހިރާއްޖޭގައި އޮޑިޓުކުރުމާއި އެންސިއުރެންސްގެ ހިދުމަތްދިނުމުގެ މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ހުއްދަ ދިނުމާއި، ގިންތިކުރުމާއި، މެންބަރުން ރަޖިސްޓަރީކުރުމުގެ އެންމެހައި ކަންކަންކުރުމުގެ ބާރު އެ އިދާރާއަށް ލިބިގެންދާގޮތަށް ބިލުގައި ކަނޑައަޅާފައިވެއެވެ. އަދި، ރާއްޖޭގައި ގާނޫނީ އޮޑިޓުކުރުމާއި އެންސިއުރެންސްގެ ހިދުމަތް ދިނުމަށް ހުއްދަ ދޫކުރުމާއި، ގިންތިކުރުމުގައި ދައުލަތުގެ މުއައްސަސާތަކުން ކުރަމުން އައި މަސައްކަތް އިންސްޓިޓިއުޓަށް ބަދަލުވެގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް