ads
އޭއެފްސީ ކަޕުގައި މާޒިޔާ--
އޭއެފްސީ ކަޕާ މެދު މާދަމާ ގޮތެއް ނިންމަނީ
ކޮވިޑާ ގުޅިގެން މެދު ކަނޑާލާފައިވާ މި އަހަރުގެ އޭއެފްސީ ކަޕާއި މެދު އޭޝިޔާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީން މާދަމާ ގޮތެއް ނިންމާނެއެވެ.

އޭއެފްސީ ކަޕާއި މެދު މާދަމާ ގޮތެއް ނިންމާއިރު، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި އަހަރުގެ އޭއެފްސީ ކަޕު ކެންސަލް ކުރުން ގާތެވެ. އެހެން ވެއްޖެ ނަމަ އެކަން ވެގެންދާނީ 2004 ވަނަ އަހަރު މި މުބާރާތް ފެށުނު ފަހުން މުބާރާތް ކެންސަލް ކުރާ ފުރަތަމަ ފަހަރަށެވެ.

އޭއެފްސީ ކަޕު، މާރިޗު މަހުން ފެށިގެން މެދު ކަނޑާލާފައިވާއިރު، މުބާރާތުގެ ބާކީ ބައި ކުރިއަށް ގެންދަން އޭއެފްސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. މުބާރާތުގެ ފޯމެޓްވެސް މިހާރު ބަދަލުކޮށް ހޯމް އެންޑް އަވޭ އުސޫލުގެ ބަދަލުގައި ސެންޓްރަލައިޒްޑް ވެނިއުއެއްގައި މުބާރާތް ކުރިއަށް ގެންދަން އޭއެފްސީން ނިންމާފައިވީ ނަމަވެސް ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރުމަށް ގިނަ ގައުމުތަކުން ވަނީ ދެކޮޅު ހަދާފައެވެ.

މި މުބާރާތުގައި ރާއްޖޭން މި ފަހަރު ވާދަކުރަނީ މާޒިޔާއާ ޓީސީއެވެ. ރާއްޖޭގެ މާޒިޔާއާ ޓީސީ ހިމެނޭ ގްރޫޕުންވެސް ބަންގްލަދޭޝް އަދި އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން މުބާރާތް ކުރިއަށް ގެންދަން ބޭނުން ނުވުމުން ރާއްޖޭގައި މުބާރާތް ބޭއްވުމަށް އެފްއޭއެމުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެހެންނަމަވެސް ކޮވިޑުގެ ކަންތަކާއި ގުޅިގެން، ރާއްޖޭގައި މުބާރާތް ކުރިއަށް ގެންދަން ހުއްދަދޭނެ ކަމާއި މެދު ސުވާލު އުފެދިފައިވަނިކޮށް އެހެން ބައެއް ގްރޫޕްތައް ނިސްބަތްވާ ގައުމުތަކުންވެސް މުބާރާތް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭއެފްސީއަށް ވަނީ އަންގާފައެވެ. އޭއެފްސީގެ ޖެނެރަލް ސެކެޓްރީ ސޮއި ކުރައްވާ މެންބަރު އެސޯސިއޭޝަންތަކަށް ފޮނުވި ސިޓީގައި މިކަން ބަޔާންކޮށް ދެން މުބާރާތް ކުރިއަށް ގެންދާނެ ގޮތަކާއި މެދު ގޮތްތަކެއް ނިންމާނެ ކަންވަނީ އަންގާފައެވެ.

ގްރޫޕް އެފް، ޖީ އަދި އެޗު ހިމެނޭ އެއްވެސް ގައުމަކުން މުބާރާތް ބާއްވާކަށް ބޭނުމެއް ނުވެއެވެ. ގްރޫޕު ޑީ އަދި އީގެ މެޗުތައްވެސް ބާއްވާނެ ގައުމެއް ކަނޑައެޅުމުގައި އޭއެފްސީއަށް ވަނީ އަދި ގޮތެއް ނުނިންމިއެވެ. މީގެ އިތުރުން ގްރޫޕު އޭ ގެ މެޗުތައް ހޯސްޓްކުރާ ގައުމުކަމަށްވާ ބަހްރެއިންއިންވެސް ވަނީ އަންނަ އަހަރަށް މުބާރާތް ފަސްކޮށްދިނުމަށް އެދިފައެވެ.

ގްރޫޕް އީއަކީ ރާއްޖޭގެ މާޒިޔާއާ ޓީސީ ހިމެނޭ ގްރޫޕެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ބަންގްލަދޭޝްއާއި އިންޑިޔާގެ ކްލަބުތަކެވެ. ގްރޫޕް އެފް، ޖީ އަދި އެޗުގައި ހިމެނޭ ކްލަބުތައް ނިސްބަތް ވަނީ މިއަންމާ، ވިއެޓްނާމް، ހޮންގްކޮން، ފިލިޕީންސް، ކެމްބޯޑިއާ، އަދި އިންޑޮނީޝިއާއާއި އަދި ސިންގަޕޫރެވެ. މިއިން އެއްވެސް ގައުމަކުން މި ހާލަތުގައި މުބާރާތް ބާއްވާކަށް ބޭނުމެއް ނުވެއެވެ.

ގިނަ ގައުމުތަކުން މުބާރާތް ކުރިއަށް ގެންދަން ބޭނުންނުވާތީ، ނޮކްއައުޓް ސްޓޭޖުގެ ގުރުއަތުލުންވެސް އޭއެފްސީން ވަނީ ފަސްކޮށްފައެވެ. ގުރުއަތު ނެގުންވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް