ads
މާލެ ސިޓީ ކައުންސިލް
ކުރީގެ ޑެޕިއުޓީ މޭޔަރުގެ މައްޗަށް ދައުވާ ކޮށްފި
މާލޭސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ޝުޖާއުގެ މައްޗަށް ދައުވާ ކޮށްފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ، 2014 ވަނަ އަހަރުން ފެށިގެން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަޤާމުގައި ހުރެ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، މާލޭ ޕްލޭނިން ގަވާއިދުގައި ހުއްދަކޮށްފައިވާ މިންވަރަށްވުރެ އުސްކޮށް ގެއެއް އިމާރާތްކުރުމަށް ހުއްދަދިން މައްސަލައިގައި ޝުޖާއުގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށެވެ. 

ޝުޖާއުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.

މި ކުށުގެ އަދަބުގެ ގޮތުގައި ހިމެނެނީ ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.

އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެ މައްސަލައިގައި ބުނެފައިވަނީ 250 އަކަފޫޓުގެ ބިމެއްގައި މާލޭ ޕްލޭނިން ގަވާއިދާ އެއްގޮތަށް އިމާރަތްކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަކަށްކަން ލިޔުންތަކުން އެނގެން އޮތް ނަމަވެސް އެ ބިމުގައި 12 މީޓަރަށް އިމާރާތެއް އެޅުމަށް ޝުޖާއު ސޮއިކޮށް އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުމާއި އިމާރާތުގެ ހުއްދަ 2014 ޖެނުއަރީ 15 ވަނަ ދުވަހު ދޫކޮށްފައިވާ ކަމަށެވެ. އަދި އެއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދާދިނުމުގެ އަމަލެއް ކަމަށް ނިންމާކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް